ލީކްކޮށްލި ސިޓީއެއްގެ މައްސަލާގައި މޭގަން މާކަލް މެއިލް އޮން ސަންޑޭ އަށް ދައުވާކޮށްފި

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އަށް ބައްޕަ ފޮނުވި ސިޓީއެއް އިނގިރޭސިވިލާތުގެ މެއިލް އޮން ސަންޑޭގައި މިދިޔަ އަހަރު ލީކްކުރި މައްސަލާގައި އެ ނޫހާ ދެކޮޅަށް މޭގަން ދައުވާކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒާތީ ކަންކަމާ ބެހޭ ވާހަކަތަކެއް ހިމެނޭ މޭގަންގެ ސިޓީ ޑެއިލީ މެއިލްގެ ދަށުން ހިންގާ މެއިލް އޮން ސަންޑޭ އިން އާންމުކުރީ ޑޭޓާ ޕްރޮޓެކްޝަން އެކްޓް 2018 އާ ވެސް ހިލާފަށެވެ.

މެއިލުން އާންމުކުރި ސިޓީއަކީ ހެރީ އާއި މޭގަންގެ ކައިވެނީގެ ތައްޔާރީތައްވަމުން ދުވަސްވަރު އެމެރިކާގައި ދިރިއުޅޭ މޭގަންގެ އާއިލާގެ މެމްބަރުން މޭގަންއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދައްކައި، ހެރީއާ ކައިވެނި ވެސް ނުކުރެއްވުމަށް އެދި އެކި ފާޑުފާޑުގެ ވާހަކަތައް މީޑިއާ ދައްކަމުން ދަނިކޮށް އާންމުވި ސިޓީއެކެވެ.

ބައްޕަ ތޯމަސް މާކަލް، މޭގަން އަށް ފޮނުވި ސިޓީ މެއިލުން އާންމުކުރި މައްސަލާގައި ހެރީ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނާ ނެރުއްވި ދިގު ބަޔާނެއްގައި ވިދާޅުވި ގޮތުގައި ބައެއް މީޑިއާތަކުން އަނބިކަނބަލުންނާ ދޭތެރޭ ކަންތައް ކުރަނީ އަވަހާރެވައިވާ މަންމާފުޅު ޑަޔާނާއާ މެދު ވެސް ކަންތައް ކުރި ގޮތަށެވެ.

އެކަމަކު އެގޮތަށް މޭގަންއާ ޖައްސައިލަން މީޑިއާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މަންމަ އަވަހާރަވެގެން ދިޔައީ ވެސް ނުފޫޒު ގަގަ ބަޔަކު އަޑީގައި ތިބެގެން ހިންގަމޖުން ދިޔަ މިކަހަލަ ހާޖާނުގަނޑެއްގެ ތެރޭގައި. އެހެންވެ އަންހެނުންނަށް ވެސް މިފަދަ ގޮތެއް ވާތަން ބަލާކަށް ނުހުރެވޭނެ،" ސަސެކްސްއޮފިޝަލް.ޔޫކޭގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ހެރީ ވިދާޅުވި އެވެ.

މެއިލް އޮން ސަންޑޭ އަށް މޭގަން ކުރައްވާ ދައުވާގައި އެކަމަނާގެ ފަރާތުން ވަކާލާތު ކުރަނީ ލޯ ފާމް ޝިލިން އެވެ. އެ ކުންފުނިން ބުނިގޮތުގައި މެއިލް އޮން ސަންޑޭ އިން ކޮށްފައި ވަނީ މީހެއްގެ ޒާތީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަކަމަށްވާތީ އެ ދައުވާ ސާބިތުކޮށް ދެވޭނެ އެވެ.

މިކަމާ ގުޅިގެން މެއިލް އޮން ސަންޑޭގެ ތަރުޖަމާން ބުނީ މޭގަންއާ ބެހޭ ގޮތުން އެ ނޫހުން ގެނެސްދިން ލިޔުންތަކުގެ ދިފާއުގައި ސާބިތުވެ ތިބޭނެ ކަމަށާއި އެ ނޫހާ ދެކޮޅަށް ކުރާ ދައުވާ ކާމިޔާބު ވެސް ކުރާނެ ކަމަށެވެ.