16 އޮކްޓޯބަރ 2019 - 11:47
ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނެތް ސިޓްކޮމް "ފްރެންޑްސް" އިން މަޝްހޫރޫވި ބަތަލާ ޖެނިފާ އެނިސްޓަން އޭގެ މުހިއްމު ބައިވެރިންނާ އެކު އަލަށް އިންސްޓަގްރާމް ބޭނުންކުރަން ފަށައިފި އެވެ.
އޭނާގެ އަލަތު އިންސްޓަގްރާމް ސެލްޕީ ޕޯސްޓްގައި "ފްރެންޑްސް" ގެ ތަރިން ކަމަށްވާ ލީޒާ ކުޑްރޯ، ކޯޓްނީ ކޮކްސް، މެޓް ލެބްލާންޗް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާއާ އެކު ނަގާފައިވާ ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައި އިނީ "ވީ އާ އިންސްޓަގްރާމް ފްރެންޑްސް ޓޫ. ހައި އިސްޓަގްރާމް" އެވެ.
އަންގާރަ ދުވަހު މި ޕޯސްޓާ އެކު އިންސްޓަގްރާމްގެ ދުނިޔެ އަށް އެނިސްޓަން ތައާރަފުވިތާ އެންމެ ގަޑިއެއްހާ އިރުގެ ތެރޭގައި އޭނާގެ ފޮލޯވަރުންގެ އަދަދު 116،000 އަރައިގެން ދިޔަ އިރު، މިހާރު ފޮލޯވަރުންގެ އަދަދު ހަ މިލިއަނަށް ވުރެ ގިނަ އެވެ.
"ފްރެންޑްސް" ގެނެސްދިންތާ މި އަހަރަށް 25 އަހަރު ފުރުނު އިރު، މި ސިލްސިލާގެ އިތުރު ބައިތަކެއް ފެނިދާނެތޯ ކުރާ ސުވާލަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ. އަދި މިއީ "ފްރެންޑްސް" ފީޗާ ފިލްމެއްގެ ގޮތުގައި ފެނުމަކީ ވެސް ވަރަށް ގިނަ ބަޔަކު އުންމީދުކުރާ ކަމެކެވެ.
އެކަމަކު މީގެ ޓީމުން އަބަދު ވެސް ބުނަނީ އެކަން ވުމަށް ވުރެ ނުވުން ގާތް ކަމަށެވެ.
ދިހަ ސީޒަނަކަށް "ފްރެންޑްސް" ގެ 236 އެޕިސޯޑް ގެނެސްދިނީ 1994-2004 އަށެވެ.
އެނިސްޓަން، 50، ކުޅުނު ރެޗެލް ގްރީންގެ ކެރެކްޓާ އިން ހޯދި މަޝްހޫރުކަމާ އެކު ފަހުން އޭނާވެގެން ދިޔައީ ހޮލީވުޑްގެ ވެސް ވަރަށް ނުފޫޒު ގަދަ ތަރިއަކަށެވެ. ކުރި ދެ ކައިވެނި ވެސް ރޫޅިފައިވާ ބަތަލާ އެންމެ ފަހުން ފެނިގެން ދިޔައީ ނެޓްފްލިކްސް އިން ޖޫން މަހު ސްޓްރީމްކުރި "މާޑާ މިސްޓްރީ" އިންނެވެ. އޭގެ ސީކްއެލްއެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy