ނަތާޝާ އާއި ޔާސިރު ދެ ދަރިންނާ އެކު.
29 ނޮވެމްބަރ 2019 - 07:04
ނިދުމާއި ކެއުމާއި ވަޒީފާ އަދާކުރުމަކީ އާންމު ދިރިއުޅުން މިހާރު އޮތް ގޮތެވެ. އެހެންވެ ދާއިމީ ބޯހިޔާވަހިކަމަކާއި ދާއިމީ ވަޒީފާއެއް އޮތުމަކީ ކޮންމެ މީހަކަށް ވެސް މުހިއްމު ކަމެކެވެ.
އެކަމަކު މި ދެމަފިރިންނާއި އެ މީހުންގެ ދިރިއުޅުމުގެ ވާހަކަތައް ތަފާތެވެ. ގާނޫނީ ދާއިރާ އިން ކިޔަވައިގެން ކުރިން އޮފީހަކަށް ދިޔަ ނަމަވެސް އެ ވައްޓާފާޅި އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ. މިހާރު އަދާކުރާކަށް ވަޒީފާއެއް ނެތެވެ.
ދާއިމީ ބޯހިޔާވަހި ކަމެއް ނެތެވެ. ތުއްތު ދެ ދަރިންނަށް ކިޔަވައިދެނީ އެ ވަގުތު ތިބި ތަނެއްގައި ދެ މީހުން އަމިއްލައަށެވެ.
މިއީ އިނގިރޭސިވިލާތުގެ ގްރޭޓް މެންޗެސްޓާ އަށް ނިސްބަތްވާ ނަތާޝް ބިރާން އާއި ޔާސިރުގެ ވާހަކަ އެވެ. އެ މީހުން ކުރިން އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލައި 2014 އިން ފެށިގެން ކުރާހާ ވެސް ކަމަކީ ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމެވެ. މިކަމެއް ފެށި އިރު އަލަތު ދަރިފުޅު މެއޯޒްގެ އުމުރުން އެންމެ މަހެކެވެ.
ދެމަފިރިން ފުރަތަމަ ދަތުރަށް ނުކުތީ އިޒްރާއީލަށެވެ. އޭގެ ފަހުން ދުނިޔޭގެ އެތަންތަނުގައި ދަތުރުކުރަނީ އެވެ. މި ދިރިއުޅުމަށް ހޭނިފައި ވަނިކޮށް އާއިލާ އަށް އިތުރު ކުއްޖަކު ވެސް ލިބުނީ އެވެ. އެއީ މިހާރު ދެ އަހަރުގެ ގެޝަމެވެ.
ދެ ދަރިންނާ އެކު ނަތާޝާ އާއި ޔާސިރު ދިރިއުޅެނީ ދުނިޔޭގެ އެކި ތަންތަނުގަ އެވެ. ދާއިމީ މަންޒިލެއް ނެތެވެ. ދަރުތުމަތީގެ މި ދިރިއުޅުމުގެ ތެރެއިން ދެމަފިރިން ރާއްޖެ ވެސް އައިސްފައިވެ އެވެ. އެގޮތުން ރާއްޖޭގެ ބައެއް ރަށްރަށަށް ވެސް ދަތުރުކޮށްފައިވެ އެވެ.
އިިތުރު މަންޒިލްތަކުގެ ތެރޭގައި ޖަރުމަނާއި ސްވިޓްޒަލެންޑާއި ތައިލެންޑާއި ސްރީ ލަންކާ އާއި އިންޑިއާ ފަދަ ގައުމުތައް ހިމެނެ އެވެ. މި ވަގުތު ވެސް ދެމަފިރިން ތިބީ ދަރިންނާ އެކު ސައުތު އިންޑިއާގަ އެވެ.
ދެމަފިރިންގެ މި އާދަޔާހިލާފު ދިރިއުޅުމުގެ ވާހަކަ ނަތާޝާ އާއި ޔާސިރު ކިޔައިދެނީ "ޓްރަސްޓިން ދަ ވޭ" ގެ ނަމުގައި ހަދާފައިވާ އިންސްޓަގްރާމް އެކައުންޓްގަ އެވެ.
ނަތާޝާ ކިޔައިދިން ގޮތުގައި އެ މީހުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ އެ ވަގުތު މަޑުކޮށްލާ ގައުމެއްގައި ތިބެގެން ހޯދާ އާމްދަނީންނެވެ. އަދި މާ ތަފާތު ގޮތަކަށް ދިރިއުޅުން ބައްޓަންވެފައި އޮތަސް ދަރިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ހާއްސަ ސަމާލު ކަމެއް ދޭ ކަމަށް ބުންޏެވެ.
"ކިޔެވުމަކީ ހަމައެކަނި ސްކޫލަކަށް ދިއުމެއް ނޫން. އަހަރެމެން ދަރިންނަށް އުނގަންނައި ދޭން ޖެހޭ އެއްވެސް އެއްޗަކުން ކަމަކުން މަހުރޫމެއް ނުކުރަން،" ނަތާޝާ ބުންޏެވެ. "މިހާރު ވެސް މެއޯޒަކީ އެ އުމުރުގެ އެހެން ކުދިންނަށް ވުރެ މާ ގިނަ ކަންކަން އެނގޭނެ ކުއްޖެއް."
އޭނާ ބުނިގޮތުގައި މިކަހަލަ ގޮތަކަށް ދިރިއުޅޭތީ ވަރަށް ގިނަ ބަޔަކު އެކަމާ ސުވާލުކޮށް، ފާޑު ވެސް ކިޔަ އެވެ. އަދި ބައެއް ފަހަރު އަމިއްލަ އަށް ވެސް ފާޑުފާޑުގެ އެއްޗެހި ހިތަށް އަރާ ކަމަށް ނަތާޝާ ބުންޏެވެ.
"އެކަމަކު މިއީ އަހަރެމެން ދިރިއުޅުމާ ދޭތެރޭ ދެކޭ ގޮތް. އަދި މިއީ އަހަރެމެންގެ ނަސީބު ވެސް މެ،" ނަތާޝާ ބުންޏެވެ. "ދުނިޔެ އަހަރެމެންނަށް ފެންނަ ގޮތާއި އަހަރެމެން ދުނިޔެއާ ދޭތެރޭ ދެކޭ ގޮތް ވެސް ތަފާތު."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުކި
30 November 2019
ދެން ރަސްދޫ އިން އާމްދަނީ ހޯދީ ކިހިނެއް؟ ބޮނބި ތަޅައިގެން؟
ކަކުނިބޯ
30 November 2019
ކަން ފެށުނީ އިޒްރޭލުން އެހެންވީމ މާ ތިބޭތަނުން ކުދި ކުދި މަސައްކަތް ކޮށްލަދިނީ މާ މޮސާދުން ދޭބައިވަރުގަޑުން ދިރިއުޅެނީ އެހެންނު ރާއްޖެވެސް އައީ ދޯ
ދޮންހަސަނު
29 November 2019
މަޑުކޮޢްލާ ތަންތަނުން ލާރި ހޯދާގޮތް ބުނެދިނިއްޔާ މަށައްވެސް ތިކަމާ ވިސްނަން ތަންކޮޅެއް ފަސޭހަވާނެ.
ކަޅުކަޅު ދޮނޭ
29 November 2019
ތި އާއިލާ މިހެން އުޅޭއިރު އާއްމުދަނީ ހޯދުމާ ބެހޭގޮތުން ފުރިހަމަ މައުލޫމާތެއް ނެތީމަ ފޫހި..
ގަމާރު
29 November 2019
މިމީހުންނަކަށް ނޭނގޭތަ މިފަދަ ދަތުރުވެރިން ސްޕޮންސާކުރާ ބަޔަކު ތިބޭކަށް
ބުރެކިރަނިން
29 November 2019
ބުއްދި ގަބޫލުނުކުރެވޭ ކަހަލަ ވާހަކަތަކެއް. ތިހެން އާމްދަނީ ލިބޭނެ މަގެއް ނެތި އުޅެވޭނެ ހަމައެކަނި ގޮތަކީ މިރާއްޖޭގެ ވެސް ބަޔަކު މީހުން ކުރާ ވިޔަފާރި ކަމަށް ބެލެވިދާނެ.