09 ޑިސެމްބަރ 2019 - 07:23
އިންޑިއާގެ ކާރުބާރޫ ބޮޑުމަގުތަކުގެ ޓްރެފިކް ކޮންޓްރޯލްކުރުމުގައި ފުލުހަކު ނަށަމުން ވަރަށް އޮމާންކަމާ އެކު މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއަކާ އެކު އޭނާ އަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ޓްރެފިކް ބަލަހައްޓަން މަގުމަތީގައި އުޅޭ ފުލުހަކު ނަށަމުން ވެހިކަލްތައް ކޮންޓްރޯލްކުރަން ވަރަށް ހިތްގައިމުކޮށް މަސައްކަތްކުރާ ތަނެވެ. އޭނާގެ ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލަން ލިބިފައިވާ އިރު، ވެހިކަލްތަކުގައި ދާ ބައެއް މީހުން އެކަމާ ހިތްހަމަޖެހިގެން ފުލުސް މީހާއާ ސަލާންކޮށް، އިޝާރާތްކުރާ ތަން ވެސް ފެނެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނިގޮތުގައި އާދަޔާހިލާފު ގޮތަކަށް ޑިއުޓީ އަދާކުރަނީ ޗަތިސްގަޅްގެ ރައިޕޫރް އަވަށުގެ މުހައްމަދު މުހުސިން ޝެއިޚް ކިޔާ 35 އަހަރުގެ ފުލުހެކެވެ.
#WATCH Chhattisgarh: Mohd Mohsin Sheikh,a traffic cop in Raipur controls traffic while displaying his dancing skills. Says "I enjoy my duty. I once saw the viral video of MP's Ranjit Singh(traffic cop)&liked that public follows his instructions&traffic is managed smoothly."(6.12) pic.twitter.com/qsyGV3lgzs
— ANI (@ANI) December 6, 2019
އޭޝިއަން ނިއުސް އިންޓަނެޝަނަލް (އަނީ) އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޓްރެފިކް ޑިއުޓީ އަށް އަބަދު ވެސް ވަރަށް ގަޔާވާ ކަމަށެވެ. އަދި ގިނަ ފަހަރަށް މި މަސައްކަތުގައި އުޅޭ ފުލުހުން ތަންކޮޅެއް ހަރުކަށި އަދި ރުޅިގަދަކޮށް ފެނުނު ނަމަވެސް އޭނާ އަބަދު ވެސް ބަލަނީ މަގުމަތީގައި ހަރަކާތްތެރިވާ މީހުންނާ ވީހާ ވެސް ބޮޑަށް ގުޅިގެން އޮމާންކޮށް ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތްކުރާށެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
"މިކަން މިގޮތަށް ކުރި ފުރަތަމަ މީހަކީ އަހަންނެއް ނޫން. މީގެ ކުރިން މަދިޔަ ޕްރަދޭޝްގެ ރަންޖީތު ސިންގް ކިޔާ ޓްރެފިކް ފުލުހަކު ނަށަމުން ޓްރެފިކް ކޮންޓްރޯލްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފެނުނީމަ އަހަންނަށް ވެސް ވަރަށް ކަމުދާ ކަމަށް ކަމަކަށް އެކަންވީ،" މުހައްމަދު ބުންޏެވެ. "އެހެންވެ އޭގެ ފަހުން ނަށަމުން ޓްރެފިކް ބަލަހައްޓަނީ. މިކަމުގެ ސަބަބުން ހަގީގަތުގައި ދުއްވާ މީހުންގެ ލޯބި އަހަންނަށް ލިބޭ. ރުޅިގަދަވެގެން އެކަކު އަނެކަކަށް ޒުވާބު ކުރަންޖެހޭ ހާލަތެއް ނާދޭ."
މަސައްކަތުގެ ތެރެއިން މުހައްމަދު ހޯދި ސަމާލުކަމާ އެކު ރައިޕޫރް ޕޮލިސް ޑިޕާޓްމަންޓުން ވަނީ އޭނާގެ މަސައްކަތަށް ތައުރީފުކޮށް ހިތްވަރު ވެސް ދީފަ އެވެ. އަދި އެގޮތަށް ޓްރެފިކް ފުލުހުން ތަމްރީނުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
"މިހާރު މިކަން އިތުރަށް ތަޖުރިބާކުރުމުގެ ގޮތުން ނަށަމުން ޓްރެފިކް ބަލަހައްޓާގެ ދިހަ އޮފިސަރުން ވެސް އަހަރެމެން އެބަ ތަމްރީނުކުރަން. ހަގީގަތުގައި މިފަދަ ގޮތަކަށް މިކަން ކުރީމަ ފުލުހުންނަކީ ފިޓްކޮށް ތިބޭ ބަޔަކަށް ވެސް ވާނެ،" ރައިޕޫރްގެ ފުލުސް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
10 December 2019
މާލޭގައި ވެސްކުރެވޭނެ ނަމަވެސް މަގުމަތީގައި އެގިތަށް ދުވެ ނަށާނެ ޖާގަނެތުމެވެ.