އެމެރިކާގެ މަޝްހޫރު ފެޝަން އަދި ލައިފްސްޓައިލް މަޖައްލާ އިން އިންޑިއާގައި ނެރޭ "ވޯގް އިންޑިއާ" ގެ މި މަހުގެ އަދަދުގައި ދެކުނު އޭޝިއާގެ އެކި ސަރަހައްދުތަކުން ތަފާތު ސިފަތަކުގެ ހަ މޮޑެލް އެއް ހިމެނި އިރު ރާއްޖޭގެ މޮޑެލް އެއްގެ ގޮތުގައި ރައުދާ އާތިފް ހިމެނިއްޖެ އެވެ.
ވޯގް އިންޑިއާގައި ރާއްޖޭގެ އިތުރުން ބޫޓާން، ނޭޕާލް، ބަންގްލާދޭޝް، ސްރީ ލަންކާ އަދި އިންޑިއާގެ މޮޑެލް ހިމަނާފައިވެ އެވެ.
ދިވެހި މޮޑެލް ރައުދާ ގިނަ ބަޔަކަށް އެނގިފައި ވާނީ މީގެ އަހަރުތަކެއް ކުރިން ސޯޝަލް މީޑިއާގައި އާންމުވި، ވިލު ނޫކުލައިގެ ލޮލެއް ހުރި ދިވެހި ޒުވާނާގެ ގޮތުގައި ކަމަށް ވެދާނެ އެވެ. ވޯގްގައި ބުނެފައި ވަނީ ރައުދާ އޭނާގެ ކެރިއާ ފަށާފައި ވަނީ ތިމާވެށީގެ ކެމްޕޭނަކުން، އުމުރުން އެންމެ 14 އަހަރުގައި ކަމަށެވެ.
ރައުދާ މިހާރު ދަނީ ޑޮކްޓަރަކަށް ވުމަށް ކިޔަވަމުންނެވެ. އެމްބީބީއެސް ކޯސް ފުރިހަމަކުރަމުން އަންނަ ރައުދާ ވެގެން ދާނީ ވޯގްގައި ފީޗާކުރި ފުރަތަމަ ދިވެހި މޮޑެލް އަށެވެ.
ރައުދާގެ ވިލު ނޫކުލައިގެ ކަޅި ވަރަށް ރީއްޗަށް ފެންނަ ގޮތަށް، ދިވެހި ފޮޓޯގްރާފާ ޝިފާޒް (ސޮއްޓި" މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނެގި ފޮޓޯއެއް ވަރަށް ބޮޑަށް މަޝްހޫރުވި އެވެ. އިންޓަނެޓްގެ އެކި ފޯރަމްތަކުގައި އެ ފޮޓޯ އަށް ބޭރު މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވެ އެވެ. ވޯގްގައި ބުނެފައި ވަނީ އެ މަޖައްލާ އަށް ވެސް ރައުދާ ފާހަގަވީ "މޯލްޑިވިއަން ގާލް ވިތު އަކުއާ ބްލޫ އައިސް"ގެ ނަމުގައި އާންމުވި މި ފޮޓޯ އިން ކަމަށެވެ.
"ކެރިއާއެއްގެ ގޮތުގައި ކުރާ ކަމަކަށް ވުރެ ބޮޑަށް މޮޑެލް ކުރުމަކީ ހޮބީއެއް،" އުމުރުން 20 އަހަރުގެ ރައުދާ ވޯގް މަޖައްލާ އަށް ބުނެފައިވެ އެވެ.
ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލުމަށް ހިތްވަރު ދިނުމަށް ގައުމީ ޓީވީން ކުރިއަށް ގެންދިޔަ ކުޑަ ކެމްޕެއިނަކުން ފެށުނު މަސައްކަތުގައި މަޝްހޫރުކަން ލިބުނު ރައުދާ ބުނެފައި ވަނީ ޑޮކްޓަރަކަށް ވާން އަބަދުވެސް ބޭނުންވާ ކަމަށާއި މީހުންނަށް އެހީވުމަކީ އޭނާގެ އަބަދުގެ ވެސް ހުވަފެނެއް ކަމަށެވެ.