ސްޓީވަށް އަންހެނުން ހަދައިދިން ލަކުނޑި ފަޔާ އެކު.
26 މާޗް 2020 - 07:30
އެއްފައި ބުރިކޮށްލާފައި ހުރި މީހަކަށް އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ފަރުވާ ހޯދަން އެޕޮއިންޓްމަންޓެއް ހޯދަން އެތައް މަހެއް ވަންދެން މަޑުކުރަން ޖެހުނު މީހަކަށް އޭނާގެ އަނބީހާ ހަދައިދިން ލަކުޑި ފައެއްގެ އެހީގައި ހިނގަން ފަށައިފި އެވެ.
އިނގިރޭސި އަސްކަރިއްޔާގައި ކުރިން ޓީޗިން އެސިސްޓަންޓެއްގެ ގޮތުގައި އުޅުނު ސްޓީވް ވަޓްސަން ބީބީސީ އަށް ކިޔައިދިން ގޮތުގައި އެންއެޗްއެސް އިން އެޕޮއިންމަންޓް ހޯދަން މަސްތަކަކަށް މަޑުކުރަން ޖެހުނީ ކޮރޯނާވައިރަސް ފެތުރި އެތަނުގެ މަސައްކަތަކަށް ދިމާވި ތާށިކަމާ ހެދި އެވެ. އެހެންވެ ފަޔަށް ބޭނުންވާ ފަރުވާ ހޯދަން އެތައް ދުވަހަކަށް މަޑުކުރަން ޖެހި އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާތީ އަނބިމީހާ ހޯދައި ދިން ހައްލަކީ މި ވަގުތަށް އޮން އެންމެ ރަނގަޅު ގޮތް ކަމަށް ބުންޏެވެ.
ސްޓީވް ބުނި ގޮތުގައި އަންހެނުން އަޗާރީ 46، މަސްނޫއީ ފައެއް ހަދައި ދިނީ ލަކުޑި އާއި ދަގަނޑު ބާލިދީއަކާއި ފައިބަ ގްލާސް ރެޒިން ބޭނުންކޮށްގެންނެވެ. އަދި މި މަސައްކަތް ކާމިޔާބުކުރެވުނީ ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްގެންނެވެ.
"އަހަރެންގެ އަންހެނުންނަކީ ވަރަށް މަސައްކަތްތެރި މީހެއް. އޭނާ ކަމަކާ އުޅެފިއްޔާ އެކަމެއް ކާމިޔާބުކޮށްފައި ނޫނީ ހުއްޓައެއް ނުލާނެ." ކައުންޓީ ޑާހަމްގެ ޝޮޓްލީ ބްރިޖްގައި ދިރިއުޅޭ ސްޓީވް ބުންޏެވެ. "މިހާރު މި ފައިގެ އެހީފައި އަހަންނަށް ހަމަ އާދައިގެ ދިރިއުޅުމެއް އެބަ އުޅެވޭ. މިއީ ވަރަށް ބޮޑު ނަސީބެއް."
ތިން ކުދިން ތިބި ސްޓީވާއި އަންހެނުންނަކީ ތައި ރެސްޓޯރަންޓެއް ހިންގައިގެން އާމްދަނީ ހޯދާ ދެމަފިރިންނެވެ. ސްޓީވް ބުނިގޮތުގައި އޭނާގެ ކަނާތު ފައިގެ ކަކުލުން ބުރިކޮށްލަން ޖެހުނީ 2018 ވަނަ އަހަރު ކުއްލި ގޮތަކަށް ވެއްޓި ފަޔަށް ލިބުނު އަނިޔާތަކަކާ ގުޅިގެންނެވެ.
ސްޓީވްގެ ދެމަފިރިން.
އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް ފަހު ޕްރޮސްތެޓިކް ފައެއް ޖަހަން އެންއެޗްއެސް އިން އެޕޮއިންމަންޓެއް ހޯދަން އެދުނީ މި މަހުގެ ކުރީކޮޅު ކަމަށް ސްޓީވް ބުންޏެވެ.
"އެކަމަކު ކޮވިޑް-19 އާ ހެދި އެޕޮއިންމަންޓެއް ލިބޭނެ ގޮތެއް ނެތް މި ދަނޑިވަޅަކު. އަދި އެކަމުގެ ޝަކުވާއެއް ކަންބޮޑުވުމެއް ވެސް ނެތް. ސަބަބަކީ އަހަރެންގެ މި ހާލަތަށް ވުރެ ކޮރޯނާވައިރަހުން ރައްޔިތުން ސަލާމަތްކުރަން ކުރަން ޖެހޭ މަސައްކަތްތައް މާ މުހިއްމު." ސްޓީވް ބުންޏެވެ.
އޭނާ ބުނީ އަންހެނުން ހަދައި ދިން ވަގުތީ ފައިގެ އެހީގައި ތިނެއް ނުވަތަ ހައެއްކަ މަސް ވަންދެން މާ ބޮޑު ދައްޗަކާ ނުލައި އުޅެވިދާނެ ކަމަށެވެ.
"އެކަމަކު މި ފައި ކޮންމެ ދުވަހެއްގެ ހުރިހާ ވަގުތަކު ބޭނުމެއް ނުކުރާނަން." ސްޓީވް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy