ލައިފްސްޓައިލް

ތުރުކީގެ އަޔާ ސޫފިޔާގައި އުޅޭ މަޝްހޫރު ބުޅާ

ތާރީޚީ އެތައް ކަމަކާ ގުޅިފައިވާ ތުރުކީގެ މަޝްހޫރު ބިނާ ހަޔާ ސޯފިއާ ނުވަތަ އަޔާ ސޫފިޔާގެ ހާއްސަކަމުގެ ވާހަކަ ދައްކާ ހުހެއް ނުވާނެ އެވެ. އެހެންވެ ދެތިން ފޮޅުވަތުން އެތަނުގެ ތަފްސީލެއް ދީފައި ދެން ކިޔައިދޭނީ މި ތަނާ އެއްވަރުގެ މަޝްހޫރު ކަމެއް ލިބިފައިވާ، އެތަނުގެ ވަޒަންވެރިއެއް ކަމަށްވާ ބުޅަލެއްގެ ވާހަކަ އެވެ.

އީސާއީ ދީނުގެ ފައްޅިއެއްގެ ގޮތުގައި ވެސް ބޭނުންކުރި 1،500 އަހަރުވީ މި ބިނާ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމަނާފައި ވާއިރު އެތަން 1934 ވަނަ އަހަރު ދާރުލްއާސާރަކަށް ހެދި އެވެ. އޭގެ ކުރިން 1931 ވަނަ އަހަރާ ހަމައަށް އެތަނުގައި ނަމާދު ކުރި އެވެ. އެ މިސްކިތް ދާރުއާސާރަކަށް ބަދަލުކޮށްފައި ވަނީ ކަމާލް އަތާތުރުކެވެ. އެކަމަކު ތުރުކީގެ ކޯޓަކުން އެކަން ބާތިލްކޮށް، މިސްކިތެއްގެ ގޮތަށް ނޫން އެހެން ގޮތަކަށް އެ ތަން ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. މި ބިނާގެ ތާރީޚާ ގުޅުވައިގެން ދައްކާ އެކި ވާހަކަތާ އެކު، ތުރުކީގެ އެންމެ ފަހުގެ ނިންމުމަށް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

ތުރުކީގައި 80 އަހަރަށް ފަހު މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ފެށި އަޔާ ސޫފިޔާގެ ތެރޭގައި އުޅޭ މަޝްހޫރު ބުޅާ ގްލީ

މިދިޔަ ހުކުރު ދުވަހު، 86 އަހަރު ފަހުން އަލުން މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ފެށުމާ އެކު، އަޔާ ސޫފިޔާގައި އުޅޭ "ގްލީ" ގެ ނަން ދީފައިވާ ބުޅަލަށް ވާނީ ކިހިނެއްތޯ އެތައް ބަޔަކު ސުވާލުކުރި އެވެ.

އުސްމާނީ ޚިލާފަތުގެ އަޖައިބުކުރުވަނިވި ފަންނުވެރިކަމާއި އިމާރާތްކުރުމުގެ ހުނަރުން އަޔާ ސޫފިޔާ އަށް ލިބިފައިވާ ފުރިހަމަކަމުން ކޮންމެ އަހަރަކު ލައްކަ ބަޔަކު އެތަނަށް ޒިޔާރަތްކުރަމުން ދިޔައިރު މަޝްހޫރުކަން ލިބުނީ އެތަނުގެ ތެރޭގައި އުޅޭ އަޅި ކުލައިގެ ބުޅަލަކަށެވެ. އޭގެ ފެހި ކުލައިގެ ލޮލުގެ ޖާދޫގައި އެންމެން ޖެހުނެވެ.

އަޔާ ސޫފިޔާ ދާރުލްއާސާރެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔައިރު އެތަނަށް ދާ ޓޫރިސްޓުން ތަނުގެ ފޮޓޯ ނަގާއިރު ފޮޓޯ އަށް ރީތިކޮށް ހުއްޓިލައިގެން މި ބުޅާ އިންނާތީ ވަރަށް ގިނައިން ފެންނާނެ އެވެ. އެކަމަކު މި ބުޅަލުގެ މަޝްހޫރުކަން މާބޮޑުވެގެން ދިޔައީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ 2009 ވަނަ އަހަރު އަޔާ ސޫފިޔާ އަށް ކުރެއްވި ޒިޔާރަތުގައި އެ ބުޅަލައި ފިރުމަން ހުންނަވަނިކޮށް ނެންގެވި ފޮޓޯއާ އެކުގަ އެވެ.

ދެން ފެނުނީ އަޔާ ސޫފިޔާ އަށް ޓޫރިސްޓުން ގޮވައިގެން ދާ ޓުއަ ގައިޑަކު، އެތަނުގެ އަހުލުވެރި ބުޅަކަށް އިންސްޓަގްރާމް އެކައުންޓެއް ހަދާފައި ވަނިކޮށެވެ. އޭނާ "hagiasophiacat" ގެ ނަމުގައި ހެދި އިންސްޓަގްރާމް އެކައުންޓް ޓެގްކޮށް ޓޫރިސްޓުން ވެސް ގްލީ ބުޅަލުގެ ފޮޓޯތައް ޕޯސްޓްކުރަން ފެށީ އެވެ. އެ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު 70،000 އާ ގާތްކުރެ އެވެ.

އަޔާ ސޫފިޔާ މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން މި ބުޅަލަށް ވާނީ ކިހިނެއްތޯ ސުވާލުކުރާ މީހުން ގިނަވުމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ތަރުޖަމާނެއް ކަމަށްވާ އިބްރާހިމް ކަލީން ވަނީ ގްލީ އާއި އެހެން ބުޅާތައް ވެސް މިސްކިތުން ބޭރުކޮށްނުލާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެ ބުޅާ ވަނީ ވަރަށް މަޝްހޫރުވެފައި. އެހާ މަޝްހޫރު ނޫނަސް އެހެން ބުޅާތައް ވެސް އެތަނުގައި އެބަ އުޅޭ. ބުޅާތައް އެތަނުގައި އުޅެން ދޫކޮށްލާނެ. މިސްކިތުން ހިމާޔަތް ދޭނެ،" ތަރުޖަމާނު ވިދާޅުވި އެވެ.

ތުރުކީ ސަރުކާރުން ބުނެފައިވަނީ އަޔާ ސޫފިޔާ މިސްކިތަކަށް ހެދި ނަމަވެސް ޓޫރިސްޓުންނަށް އެތަން ބަންދު ނުވާނެ ކަމަށެވެ. އެހެންވެ އަދިވެސް މި ބުޅަލަށް ޓޫރިސްޓުންނާ ވެސް ބައްދަލުވާނެ އެވެ.

0 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 98%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454