25 ސެޕްޓެމްބަރ 2020 - 07:14
އާންމުންގެ މެދުގައި މަގުބޫލު ޓްވިޓާގައި ވޮއިސް މެސެޖް ތައާރަފުކުރަން ނިންމައި، އެ ފީޗާ ޓެސްޓްކުރަން ތައްޔާރުވާން ފަށައިފި އެވެ.
އެ ކުންފުނީގެ ޕްރޮޑަކްޓް މެނޭޖަ ފޮ ޑައިރެކްޓް މެސެޖް އެލެކްސް އެކަމަން-ގްރީންބާގް ބުނި ގޮތުގައި ޓްވިޓާގެ ޑީއެމްގައި ވޮއިސް މެސެޖް ރެކޯޑްކޮށް، ފޮނުވޭ ގޮތަށް ހަދަން ނިންމާފައިވާ އިރު މި ފީޗާ އެންމެ ފުރަތަމަ ޓެސްޓްކުރަން ފަށާނީ ބްރެޒިލްގަ އެވެ.
މިކަމާ ގުޅޭ ގޮތުން އޭނާ އާންމުކުރި 20 ސިކުންތުގެ އޯޑިއޯ މެސެޖެއްގައި ބުނީ ޓްވިޓާ ބޭނުންކުރާ މީހުން ގިނަ އޮޕްޝަންތަކެއް ބޭނުންވާކަން އެނގޭ ކަމަށެވެ. އެހެންވެ މުއާމަލާތްތައް ބަދަލުކުރެވޭނެ އިތުރު ގޮތްތައް ޓްވިޓާ އަށް އައުމަކީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.
Twitter to start testing voice DMs https://t.co/swAgGoXv4b via @Verge
— Adhushan (@Adhushan1) September 24, 2020
"އެއީ ޕްރައިވެޓް ނުވަތަ ޕަބްލިކް ކޮންވަޒޭޝަނަކަށް ވިޔަސް ގިނަ މުއާމަލާތްކުރަން ގިނަ އޮޕްޝަންތަކެއް ހުރުމަކީ ވެސް ހަމަ ވަރަށް މުހިއްމު ކަމަކަށް ވާނެ،" އެލެކްސް ބުންޏެވެ.
ޓްވިޓާގައި ޑީއެމްގައި އޯޑިއޯ މެސެޖް ބަދަލުކުރެވޭ ގޮތަށް ހަދަން ތައްޔާރުވަމުން އަންނަ އިރު ޖޫން މަހު ވަނީ އައިއޯއެސް ޑިވައިސްތަކަށް އޯޑިއޯ ޓްވީޓް ވެސް ތައާރަފުކޮށްފަ އެވެ.
ޓްވިޓާ އިން ބުނީ ޑީއެމް އޯޑިއޯ މެސެޖް ފީޗާ ގެންނާނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅައިގެން ކަމަށެވެ. އެގޮތުން އެ ފީޗާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، އެހެން މީހުންގެ ޕްރައިވެސީ އަށް ތުރާކުރާ ނަމަ ރިޕޯޓްކުރެވޭ ގޮތަށް "ރިޕޯޓް މެސެޖް" އޮޕްޝަން ވެސް އިންނާނެ ކަމަށް ބުންޏެވެ.
ޑީއެމްގައި އޯޑިއޯ މެސެޖް ބަދަލުކުރެވޭ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކާއި އިންސްޓަގްރާމް ވެސް ހިމެނެ އެވެ. ޓްވިޓާގެ ފީޗާ އާންމުކޮށް ދޫކޮށްލާނެ އިރެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy