އަންހެންމީހާ ގެނބުނު ކޯރު
01 ނޮވެމްބަރ 2016 - 06:14
އިންޑިއާގެ އަހުމަދުއާބާދުގެ ފަޔަ އެންޑް އިމަޖެންސީ ސާވިސް (އޭފްއީއެސް) އިން އެހިސާބުގަނޑުގައި އޮންނަ ސަބަރްމަތީ ރިވާފްރަންޓް ކިޔާ ކޯރެއްގެ އައްސޭރިއަށް މިދިޔަ ބުރާސްފަތި ދުވަހު ދިޔައީ އަންހެނަކު ގެނބޭ ޚަބަރު ލިބިގެންނެވެ. އުމުރުން 37 އަހަރުގެ މި އަންހެންމީހާ ގަސްތުގައި ކޯރަށް ފުންމާލައިގެން މަރުވާން މަސައްކަތް ކުރީ ކަމަށްވެ އެވެ.
ރެސްކިއު ޓީމުން ވަރަށް ބުރަ މަސައްކަތްކޮށްގެން އަންހެންމީހާ ސަލާމަތްކޮށްގެން އެއްގަމަށް އެރުވި އެވެ. އަދި އެ އަންހެންމީހާގެ ފިރިމީހާއަށް އެކަން އެންގި އެވެ. ނަމަވެސް އެމީހުންނަށް ލިބުނު އެންމެ ބޮޑު ހައިރާންކަމަކީ އަނބިމީހާ ސަލާމަތްކޮށްދިނުމުން ޝުކުރުވެރިވުމުގެ ބަދަލުގައި އަންހެންމީހާ ސަލާމަތްކޮށްދިން ޓީމުގެ މެމްބަރުންނަށް އެއްޗެހި ގޮވަން ފެށީމަ އެވެ. އެ މީހާ ގެނބި މަރުވަންދެން ނުބާއްވާ ސަލާމަތްކުރީ ކީއްކުރަންތޯ އެ ފިރިހެންމީހާ ރުޅިއައިސްގެން ސުވާލު ކުރަމުންދިޔަ ކަމަށްވެ އެވެ.
"އަންހެނުން މަރުވާންވެގެން ކުރި މަސައްކަތް ނާކާމިޔާބުކޮށްލީ ކީއްވެތޯ ތަކުރާރުކޮށް އެ ފިރިހެންމީހާ އަހަރެމެންނާ ސުވާލުކުރަމުން ދިޔަ. އަދި އެނބުރި ދަމުން ދިޔައީ އަހަރެމެންގެ ފޮޓޯ ނަގައިގެން ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ދެމުން،" ރެސްކިއު ޓީމުގައި ހިމެނޭ މީހަކު ބުންޏެވެ.
ފިރިހެންމީހާގެ އަމަލުތައް ހުރި ގޮތުން އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ފުލުހުން މިކަމާ ގުޅޭ މައުލޫމާތު ދެމުން ފަހުން ބުނެފައި ވަނީ މި ދެމަފިރިން އިނދެގެން އުޅޭތާ 10 އަހަރު ވެފައިވާ ކަމަށާއި ދެ ކުދިން ވެސް އެބަތިބި ކަމަށެވެ. އަދި އަންހެންމީހާ އަމިއްލައަށް މަރުވާން އުޅުނީ ކައިވެނީގައި ޖެހިފައިވާ މައްސަލަތަކެއްގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ އަންހެންމީހާ ފުލުހުން ގާތު ބުނީ ފިރިމީހާއާ އަރާރުން ވަމުން ގޮސް ވަރުބަލިވެފައިވާ ކަމަށެވެ. އަންހެންމީހާ އެހެން ފިރިހެނަކާ ނަހަމަ ގުޅުމެއް ހިންގާކަމަށް ފިރިމީހާ ޝައްކުކުރާ ކަމަށާއި ކުށެއް ނެތްކަމުގެ ހެކި ދައްކާއިރު ވެސް ފިރިމީހާ ގަބޫލު ނުކުރާ ކަމަށް އަންހެންމީހާ ބުނެފައިވެ އެވެ. އަދި ފިރިހެންމީހާ އެހެން އަންހެނަކާ ސިއްރު ގުޅުމެއް ހިންގާ ކަމަށް އަންހެންމީހާ އަށް ވެސް ޝައްކެވެ.
މި ހާދިސާއަށް ފަހު ދެމަފިރިން ޚިޔާލުތަފާތުވުންތައް ނައްތާލައި ސުލްހަވެގެން އުޅޭނެ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy