11 ނޮވެމްބަރ 2020 - 10:14
ޖޭމްސް ބޮންޑްގެ ސީރީޒްގެ ފުރަތަމަ ފިލްމު "ޑރ. ނޯ" ގައި ޓައިޓްލް ރޯލް ކުޅުނު، ދާދި ފަހުން މަރުވި އެކްޓަރު ޝޯން ކޮނެރީ ބޭނުންކުރި ފިސްތޯލައެއް ނީލަމެއްގައި ވިއްކައިލަން ނިންމައިފި އެވެ.
އެމެރިކާގެ އޮކްޝަން ހައުސް ޖޫލިއެންސް އޮކްޝަންސް އިން އިންތިޒާމުކޮށްގެން ބާއްވާ ނީލަމުގައި ސެމީ-އޮޓޮމެޓިކް ވޯދާ ޕީޕީ ފިސްތޯލައިގެ ނީލަން ހުޅުވައިލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގަ އެވެ. ފެށޭ އަގަކަށް 150،000 ޑޮލަރު (2,311,500ރ.) ހަމަޖައްސާފައިވާ އެ ފިސްތޯލަކީ ޕީޕީކޭ މޮޑެލްގެ ކުޑަ ފިސްތޯލައެކެވެ.
އިނގިރޭސީ ޖާސޫސީ އެޖެންޓް ޖޭމްސް ބޮންޑް އުފަންވެގެން އައި 1962 ގެ "ޑރ. ނޯ" ގައި ބޭނުންކުރި ފިސްތޯލަ ނީލަމުގައި ވިއްކައިލާ އިރު، ކޮނެރީ އުމުރުން 90 އަހަރުގައި މަރުވީ މިދިޔަ މަހުގެ 31 ގަ އެވެ.
އޭނާ ވަނީ ޖޭމްސް ބޮންޑް ސީރީޒްގެ ޖުމްލަ ހަތް ފިލްމެއް ކުޅެފަ އެވެ. އެއީ "ޑރ. ނޯ" ގެ އިތުރުން ފްރޮމް ރަޝިއާ ވިތު ލަވް (1963)، ގޯލްޑް ފިންގާ (1964)، ތަންޑަބޯލް (1965)، ޔޫ އޮންލީ ލަވް ޓްވައިސް (1967)، ޑައިމަންޑްސް އާ ފޯއެވާ (1971) އަދި ނެވާ ސޭ ނެވާ އެގެއިން (1983) އެވެ.
ޖޫލިއެންސް އޮކްޝަންސް އިން ބުނި ގޮތުގައި "އައިކަންސް އެންޑް އައިޑޮލް ޓްރިލޮޖީ: ހޮލީވުޑް" ގެ ނަމުގައި ބެވަލީ ހިލްސްގައި އޮންލައިންކޮށް ކުރިއަށް ގެންދާ ނީލަމުގައި ވޯދާ ޕީޕީ ފިސްތޯލަ އެންމެ ދަށްވެގެން ވެސް 200،000 ޑޮލަރު (3,082,000ރ.) އަށް ވިކޭނެ އެވެ.
މި ނީލަމުގެ ވާހަކަ އިޝްތިހާރުކޮށްފައި ވަނީ ކޮނެރީ ފިސްތޯލަ ހިފައިގެން ނަގާފައިވާ ފޮޓޯއަކާ އެކީގަ އެވެ. އޭގައި އޭނާ ފެންނަނީ ބޮންޑްގެ ސިގްނޭޗާ ޕޯޒްއެއްގައި ދެ އަތް ހުރަސްކޮށްލައިގެން ފިސްތޯލަ ހިފަހައްޓައިގެން ހުއްޓަ އެވެ. އެ ފިސްތޯލަ އަކީ "ޑރ. ނޯ" ގެ ޝޫޓިންތަކަށް ހަތިޔާރު ސަޕްލައިކޮށް ދިން އިނގިރޭސި ކުންފުނި ބެޕްޓީގެ އެއްޗެކެވެ. ނީލަން ކާމިޔާބުކުރާ މީހަކަށް ފިސްތޯލައާ އެކު އެ ކުންފުނީގެ ހާއްސަ ލިއުމެއް ވެސް ލިބޭނެ އެވެ.
ނީލަމުގައި ވިއްކައިލާ ފިސްތޯލަ.
ޖޫލިއަންސް އޮކްޝަނުން ވިއްކައިލާ ބޮންޑްގެ ފިސްތޯލަކީ ހޮލީވުޑްގެ ފިލްމުތަކުގައި ބޭނުންކޮށްފައިވާ އެންމެ ހަނދާނީ 500 އައިޓަމްގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަވަރު
13 November 2020
ވޯދާ އެއްނޫން ކިޔަނީ!!! ވޮލްތަރ ޕީޕީކޭ!!!