ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
02 ޑިސެމްބަރ 2020 - 10:59
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މީހުން ކަރަންޓީނުކުރުމުގެ މުއްދަތު ކުރުކުރާނީ ހަތް ދުވަހުގެ ކަރަންޓީނަށް ފަހު ޓެސްޓުކޮށް ބައްޔަށް ނެގެޓިވް ވެއްޖެ ނަމަ ކަރަންޓީނުން ދޫކޮށްލާ ގޮތަށް ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޗަން ސެންޓަރު (ސީޑީސީ) އިން ވައިޓް ހައުސް އަން އަންގައިފި އެވެ.
ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނީ ސީޑީސީގެ ޑިރެކްޓަރު ޑރ. ރޮބަޓް ރެޑްފީލްޑް، ކޮވިޑް ޓާކްސްފޯސްގެ ވެރިޔާ ނައިބު ރައީސް މައިކް ޕެންސާ ބައްދަލުކުރައްވައި، މިހާރު އޮތް 14 ދުވަހުގެ ކަރަންޓީނަށް ބަދަލު ގެންނަން ނިންމާފައިވާކަން ރަސްމީކޮށް އަންގަވާފައިވާ ކަމަށެވެ.
ސީއެންއެން އިން ބުނި ގޮތުގައި ސީޑީސީން ކަނޑައަޅަނީ ކަރަންޓީނުގައި ހަތް ދުވަސް ވުމަށް ފަހު އެ މީހަކު ބޭނުން ނަމަ ޓެސްޓުކޮށް ނެގެޓިވް ވުމުން ހަތް ދުވަސް ފަހުން ދޫކޮށްލާ ގޮތަށެވެ. އެއީ ހަތް ދުވަސް ތެރޭ ކަރަންޓީނު ނިންމަން ބޭނުންވާ ނަމަ އެވެ. އެކަމަކު ކަރަންޓީނުގައި 10 ދުވަސް ފުރިހަމަކުރާ ނަމަ ޓެސްޓް ނުކޮށް ދޫކޮށްލާނެ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ސީޑީސީން އަދި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ސީއެންއެން އިން ބުންޏެވެ.
ސީޑީސީގެ ގައިޑްލައިން ބަދަލުކުރަން ނިންމާފައި މި ވަނީ އެއަށް ބަދަލު ގެންނަން ނައިބު ރައީސް އެދިވަޑައިގަންނަވާތާ ދުވަސްތަކެއް ފަހުން ކަމަށް ސީއެންއެން އިން ބުންޏެވެ.
އެމެރިކާ އަކީ މިހާރު އެންމެ ގިނަ މީހުން ކޮވިޑް ޖެހިފައިވާ ގައުމަށް ވާއިރު ބަލި ކޮންޓްރޯލްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ.
މީގެ ކުރިން ސީޑީސީގެ ޕްރިޕެއާޑްނެސް އެންޑް އިމާޖިން އިންފެކްޝަންސްގެ ޑިރެކްޓަރު ޑރ. ހެންރީ ވޯކީ ވޯލް ސްޓްރީޓް ޖާނަލް އަށް ވިދާޅުވި ގޮތުގައި ކަރަންޓީނު މުއްދަތު ކުރުކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ކުރިން ކޮވިޑް-19 އަށް ކުރި ޓެސްޓްތަކަށް ވުރެ މިހާރު ކުރާ ޓެސްޓްތަކުގެ ޔަގީންކަން ބޮޑުވުމެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މިހާތަނަށް ކޮށްފައިވާ މަސައްކަތާއި ދިރާސާތަކާއި މޮޑެލިން ޑޭޓާތަކަށް ބަލާއިރު، ޓެސްޓްކުރުމާ އެކު ކަރަންޓީނު މުއްދަތު މިހާރަށް ވުރެ ކުރުކޮށްލެވިދާނެ ކަމަށް ފެންނަ ކަމަށް،" ވޯކީ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ އިންކިއުބޭޝަން މުއްދަތު ނުވަތަ މި ބަލި ޖައްސާ ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު ވައިރަސް ގިނަވެ، ހަށިގަނޑުގައި ބަލި ހުރިކަން އެނގެން ނަގާ މުއްދަތަކީ ޓެކްނިކަލް ގޮތުން 14 ދުވަހެވެ. އެކަމަކު ބައެއް ތަޖުރިބާކާރުން މިހާރު ވިދާޅުވަނީ މީޑިއަމް ނުވަތަ އެވްރެޖް އިންކިއުބޭޝަން މުއްދަތަކީ ފަސް ދުވަސް ކަމަށް ބެލެވޭނެ ހެކި މިހާރު އެބަހުރި ކަމަށެވެ. ނަމަވެސް މީގެ މާނަ އަކީ މި މުއްދަތުގައި ބައްޔަށް ޕޮޒިޓިވް ނުވެއްޖެ ނަމަ އޭގެ ފަހުން ޕޮޒިޓިވް ނުވުމެއް ނޫނެވެ. ވައިރަސް ހަށިގަނޑަށް ވަންނަތާ 10 ދުވަސް ނުވަތަ 14 ދުވަސް ފަހުން ވެސް ޕޮޒިޓިވް ވެދާނެ އެވެ. އެކަމަކު އެއީ ނިސްބަތުން ވަރަށް ކުޑަ ފުރުސަތެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންބެ
03 December 2020
އަހަރެމެން އަހާނީ ރާއްޖޭގެ އެޗްޕީއޭގެ ބަސް. މިގައުމުގައި މިވަރު ކާރިސާއެއް މެނޭޖުކުރި ހަމައެކަނި ބަޔަކީ އެމީހުން.
ކުޅޭ ބޭބެ
03 December 2020
މި ސީޑީށީ އަކީ ބޭކަރީ އެއްތަ... އެޗްޕީ އޭ މިމީހުންނައް ވުރެވެސް މޮޅީތަ؟؟؟؟