24 ފެބުރުއަރީ 2021 - 07:40
ސައުދީ އަރަބިއްޔާ ބޮޑެތި އިވެންޓްތައް އިންތިޒާމުކުރާ އަމިއްލަ ކުންފުނި މިޑްލް ބީސްޓް އިން "މިޑްލް ބީސްޓް ރެކޯޑްސް" ގެ ނަމުގައި ރެކޯޑް ލޭބަލެއް ލޯންޗްކޮށް އޭގެ ދަށުން ނެރޭ ފުރަތަމަ އަލްބަމް އެޕްރީލް މަހު ނެރެން ނިންމައިފި އެވެ.
"ސައުންޑް ސްޓޯމް ވޮލިއުމް 1" ގެ ނަމުގައި ނެރޭ އަލްބަމްގެ ލަވަތަކުގެ ތެރެއިން "ރިންގްޓޯން" އަންނަ ހުކުރު ދުވަހު ނެރެން ވަނީ ނިންމައިފި އެވެ. ވީޑިއޯއާ އެކު ނެރޭ އެ ލަވަ އަކީ ނެދަަލޭންޑްސް އަށް އުފަން މޮރޮކޯގެ ލަވަކިޔުންތެރިޔާ ފާދިލް އަލް ގައުލް (R3HAB) ގެ ލަވައެކެވެ.
މިޑްލް ބީސްޓުން ބުނިގޮތުގައި އެތަނުގެ ރެކޯޑް ލޭބަލުގައި ނެރޭ އަލަތު އަލްބަމްގައި މެދުއިރުމައްޗަށް ނިސްބަތްވާ އެކިއެކި ފަންނާނުންގެ އިތުރުން އިންޓަނެޝަނަލް އާޓިސްޓުންގެ ލަވަތައް ވެސް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ސަލްވަޓޯ ގަނާޝް އާއި ބަޗް، އެފްރޯޖެކް އަދި ސައުދީގެ އާޓިސްޓުންގެ ތެރެއިން އެ ގައުމުގެ ފުރަތަމަ އަންހެން ޑީޖޭ ކޮޒްމިކެޓް ހިމެނެ އެވެ.
މިޑްލް ބީސްޓްގެ އަމާޒަކީ މެދުއިރުމަތީގެ މިއުޒިކް ދާއިރާގައި މަސައްކަތްކުރާ އަދި ގެއްލިފައި ތިބި ފަންނާނުންނަށް ފުރުސަތުތައް ހުޅުވައިލަދީ އެ މީހުން ކުރިއަރުވައި އިންޓަނެޝަނަލް ޕްލެޓްފޯމްތަކުން ވެސް ފުރުސަތުތައް ހޯދައި ދިނުމެވެ. އެގޮތުން މިލްޑް ބީސްޓް ރެކޯޑްސްގެ ތައްގަނޑުގައި ނެރޭ ފުރަތަމަ އަލްބަމް "ސައުންޑްސްޓޯމް" ގެ އިތުރު ވޮލިިއުމްތަކެއް މި އަހަރުގެ އެކި ދުވަސްވަރު ނެރެން ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން ހުރިހާ ޖޯންރާއެއްގެ މިއުޒިކަށް ފުރުސަތު ހުޅުވައިދޭނެ ކަމަށް ބުންޏެވެ.
މިކަމާ ބެހޭ ގޮތުން މިޑްލް ބީސްޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ތަލާލު އަލްބާހިތީ ވިދާޅުވީ މިޑްލްސް ބީސްޓް ރެކޯޑް ލޭބަލަކީ ގެއްލިފައި ތިބި މެދުއިރުމަތީގެ މިއުޒިޝަނުންނަށް ކޮށައިދޭ ފަސޭހަ މަގެއް ކަަމަށެވެ.
"ލަވަކިޔުންތެރިކަށް ވިޔަސް ޑީޖޭއަކަށް ވިޔަސް، އިންސްޓްރޫމަންޓް ކުޅޭ މީހަކަށް ވިޔަސް ނުވަތަ ކޮމްޕޯޒްކުރާ މީހަކަށް ވިޔަސް މިހާރު މިއޮތީ މިއުޒިކް ދާއިރާ އިން ކުރިއަށް ދެވޭނެ ވަރަށް ރަނގަޅު ޕްލެޓްފޯމެއް. އެޕްރީލްގައި ފުރަތަމަ އަލްބަމާ އެކު ރެކޯޑް ލޭބަލް ލޯންޗުވުމާ އެކު މަސައްކަތް ފުޅާވެ، އެތަކެއް މިއުޒިޝަނުންނަށް ކުރިއަށް ދާނެ ދޮރުތައް ހުޅުވިގެން ދާނެ." އޭނާ ވިދާޅުވި އެވެ.
ތަލާލު ވިދާޅުވި ގޮތުގައި މިޑްލް ބީސްޓް ރެކޯޑްސްގެ ފުރަތަމަ އަލްބަމް "ސައުންޑްސްޓޯމް" އިން ދޫކޮށްލާ ފުރަތަމަ ލަވައަކަށް R3HAB ގެ "ރިންގްޓޯން" ވުމަކީ ލބޭ ޝަރަފެކެވެ.
"އެކަހަލަ ކިތަންމެ އާޓިސްޓަކަށް އަހަރެމެންނާ އެކު ކުރިއަށް ދެވޭނެ. އެންމެ އެއް ބޭނުމަކީ މި ސަރަހައްދުގެ އާޓިސްޓުން ކުރިއަރުވައި އިންޓަނެޝަނަލް ޕްލެޓްފޯމްތަކުގައި ވިދައިލާ ބަޔަކަށް ހެދުން،" އޭނާ ވިދާޅުވި އެވެ.
މިޑްލް ބީސްޓުން ވަނީ މިދިޔަ އަހަރު "ފްރެގްވޭޒް" ގެ ނަމުގައި ވާޗުއަލް މިއުޒިކް ފެސްޓިވަލެއް ވެސް ލޯންޗްކޮށްފަ އެވެ.
ސައުދީ އަށް މި ފަހުން ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ އިރު ކުރިން އެ ގައުމަކީ މުނިފޫހި ދާއިރާގެ ކަންކަން އެއްކޮށްހެން ވަރަށް ބޮޑަށް ހަނިކޮށްފައި އޮތް ގައުމެކެވެ. ނަމަވެސް 2018 ގެ ފަހުން އެ ގައުމުގެ ސިނަމާތައް ހުޅުވައި ފިލްމުތައް ދައްކަން ފެށުމާއި މިއުޒިކް ޝޯތައް ބޭއްވުން ފަދަ ކަންކަން މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy