ނިއުގެ ކެޕްޓަން ބޭންޑް އަނެއްކާ ވެސް އިމްރާނަށް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަނަކަށް އެ ޓީމުގެ އެންމެ ކާމިޔާބު އެއް ކެޕްޓަން އިމްރާން މުހައްމަދު ހަމަޖައްސައިފި އެވެ.


މާޒިޔާ އަށް ދެ އަހަރު ކުޅުމަށް ފަހު ނިއު އަށް އެނބުރި އައި ގޯލްކީޕަރަށް ނިއުގެ ކެޕްޓަން ބޭންޑް ހަވާލުކުރީ އިއްޔެ ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު ޕްރެކްޓިސް މެޗުގެ ކުރިންނެވެ. ކެޕްޓަން ބޭންޑް ހަވާލުކޮށްދިނީ ޗެއާމަން މުހައްމަދު ޒިޔާދެވެ.

އިމްރާން ވަނީ 2013 އަދި 2014 ވަނަ އަހަރު ނިއުގެ ކެޕްޓަންކަންކޮށްފަ އެވެ. އެގޮތުން 2013 ވަނަ އަހަރުގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު ޓީމު ލީޑުކުރީ އިމްރާނެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ނިއު އިން އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ވެސް ޖާގަ ހޯދި އެވެ.

ޖެހިޖެހިގެން އައި ނިއު އިން ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކުރީ ވެސް އިމްރާނުގެ ކެޕްޓަންކަމުގެ ދަށުންނެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބުން 2002 ވަނަ އަހަރު ގައުމީ ތަށި ދެ ވަނަ ފަހަރަށް މިލްކުކުރިއިރު އެ ޓީމުގެ ގޯލް ބެލެހެއްޓި އިމްރާން ވަނީ އެ ޝަރަފް ރާއްޖެގެ އެންމެ ބޮޑު ދެ ކްލަބާ އެކު ހޯދައިފަ އެވެ.

ދަނޑުމަތީގައި ޓީމު ލީޑުކުރުމުގައި އެފަދަ ދެ ވަނަ އެއް ނެތް އިމްރާން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަންކަން ވެސް ގިނަ ދުވަސްތަކެއް ވަންދެއްކޮށްފަ އެވެ. އަދި 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ. މީގެ އިތުރުން އިމްރާން ވަނީ ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީގެ ކެޕްޓަން ބޭންޑް ވެސް އަޅައިފަ އެވެ.

އިމްރާން 2015 ވަނަ އަހަރު މާޒިޔާ އަށް ބަދަލުވުމުން އެ އަހަރު ނިއުގެ ކެޕްޓަންކަން ކުރީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. އަދި އޭނާ މިދިޔަ އަހަރު މާޒިޔާ އަށް ބަދަލުވުމުން އެ ޒިންމާ ނެގީ މުހައްމަދު ރަޝީދު (ހޮކޭ) އެވެ.

ނިއުގެ ކެޕްޓަންކަން މަދުވެގެން އެއް ސީޒަނުގައި ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި އިބްރާހިމް ނޫރައްދީނަޢި މުހައްމަދު ކަލީމާއި މޫސާމަނިކު (ކުޑަމޫސަ) އާއި އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި އަހުމަދު ނިޔާޒާއި އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި އަޝްރަފް ލުތުފީ (ސަމްޕަތު) އާއި އަހުމަދު މުހައްމަދު މުހައްމަދު (އައްމަޑޭ) އާއި ބޮއިކޯ ކަމެނޯފާއި އައްސަދު އަބްދުލްގަނީ އާއި އާދަމް ޝަރީފް (އެޑަމް) އަދި އަހުމަދު ތޯރިގް (ޓޮމް) ހިމެނެ އެވެ.