މިސްރުގެ އިތުރު ޑިފެންޑަރެއް އީގަލްސް އަށް

ކްލަބް އީގަލްސްގެ ހަތަރު ވަނަ ބިދޭސީ ކުޅުންތެރިޔާ މިސްރުގެ ޑިފެންޑަރު މަހްމޫދު ސައީދު މިއަދު އެ ޓީމާ ގުޅިއްޖެ އެވެ.


މިއީ މި ސީޒަނަށް އީގަލްސް އިން ގެނައި މިސްރުގެ ދެ ވަނަ ޑިފެންޑަރެވެ. ދެން އެ ޓީމުގައި ހިމެނޭ މިސްރުގެ ޑިފެންޑަރަކީ މިދިޔަ އަހަރު ވެސް އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު މަގްދީ އެވެ.

މިއަދު އީގަލްސްއާ ގުޅުނު މަހުމޫދަކީ މިސްރުގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަންގެ ބައެއް ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އޭގެ ތެރޭގައި ކުރިން މިސްރު ޕްރިމިއާ ލީގުގައި ކުޅުނު އެލް ގަނާ އެފްސީ އާއި އެލް ޖެއިޝް ހިމެނެ އެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން އީގަލްސްގައި ދެން ހިމެނޭ އަނެއް ބިދޭސީ ދެ ކުޅުންތެރިންނަކީ ސްރީ ލަންކާގެ ގައުމީ ޓީމު ކީޕަރު ސުޖަން ޕެރޭރާ އާއި ނެދަލެންޑްސްގެ ފޯވާޑް ޑޮނޮވަން ޑީކްމަން އެވެ.

އީގަލްސްގެ ހަތަރު ބިދޭސީ ކުޅުންތެރިން އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)އާ އެކު: މަޖްދީ (ކ.1)، މަހްމޫދު (ކ.2)، ސާންތީ (މ)، ޑޮނޮވަން (ވ.2) އަދި ސުޖަން (ވ.1).-- ފޮޓޯ: އީގަލްސް

ސުޖަން އަކީ މިދިޔަ ސީޒަނު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރެވެ. އަދި އީގަލްސް އިން މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރިއިރު ސުޖަންގެ ދައުރު ބޮޑެވެ. ފޯވާޑް ޑޮނޮވަން އަކީ ބެލްޖިއަމާއި ނެދަލެންޑްސްގެ އެއް ވަނަ ޑިވިޝަން ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ.

މިިދިޔަ އަހަރު އީގަލްސް އަށް ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ކުރިން މާޒިޔާ އަށް ކުޅުނު މެސެޑޯނިއާގެ ފޯވާޑް ރިސްޓޭ ނައުމޯވް އާއި މިސްރުގެ ފޯވާޑް މުސްތަފާ ސެޑިކް ހިމެނެ އެވެ. ރިސްޓޭ މި ފަހަރު ނުގެންނައިރު، ސެޑިކް މި ސީޒަނުގައި ފެންނާނީ ވިކްޓަރީންނެވެ.

މި ސީޒަނުގައި އީގަލްސްއާ ގުޅުނު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ފާއިތުވި އަހަރުތަކުގައި މާޒިޔާ އާއި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ނާޝިދު (ނައްޓޭ) އެވެ.

އީގަލްސް މި ސީޒަނުގައި ކުޅޭ ފުރަތަމަ މެޗަކީ މާލޭ ލީގުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު އެންމެ ފަހުގެ ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.