ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް އަނެއްކާ ވެސް ނަޒީހު

ހުސްވެފައިވާ ޔުނައިޓެޑް ވިކްޓަރީގެ ކޯޗުގެ މަގާމާ، އެ ޓީމު 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ކޯޗު މުހައްމަދު ނަޒީހު ހަވާލުވެއްޖެ އެވެ.


ޔުނައިޓެޑް ވިކްޓަރީގެ ކޯޗުގެ މަގާމް ހުސްވީ، މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި އެ ޓީމު އަލަށް ވާދަކުރިއިރު، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިދިން އަހުމަދު އާތިފް (އާތީ) މިދިޔަ ހަފުތާގައި މަގާމުން ވަކިވުމުންނެވެ. އޭނާ ވަކިވީ ކްލަބުގެ އަމާޒެއް ނެތް ކަމަށް ބުނެ އެވެ.

ނަޒީހު ބުނީ ޓީމާ ހަވާލުވީ ވަރަށް ގިނަ ކަންތައްތަކަށް އެއްބަސްވެގެން ކަމަށާއި އެގޮތުން ކުރިއަށް އޮތް ޖޫން ޓްރާންސްފާ ބާޒާރުގައި އިތުރު ކުޅުންތެރިން ހޯދައި ޓީމު ވަރުގަދަކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިންގެ ފެންވަރާ މެދު ހިތްހަމަނުޖެހޭ ނަމަ އާ ކުޅުންތެރިން ހޯދަން ވެސް ވާހަކަދެކެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މެނޭޖްމަންޓުގެ ތެރޭގައި ހުރި ކުދިކުދި މައްސަލަތައް ހައްްލުކޮށް، ޖުމްލަކޮށް ޓީމު އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެގެން އަޅުގަނޑު މި ހަވާލުވީ. ކޮންމެ ގޮތެއް ވިޔަސް ހެޑް (ކޯޗް) ބަދަލުވާއިރު، ބަދަލުތަކެއް އަންނާނެ ޓީމަށް، ކޯޗިން ސްޓާފުންނާ މިކަންކަމަށް ވެސް ބަދަލުތަކެއް އަންނާނެ،" ނަޒީހު ބުންޏެވެ.

މިވަގުތު ރަށުން ބޭރުގައި ހުރި ނަޒީހު މާލެ އައިސް ޓީމާ ރަސްމީކޮށް ހަވާލުވީ އަންނަ ހޮނިހިރު ދުވަހު އެވެ. މިވަގުތު މެދުކަނޑާލާފައިވާ އެސްޓީއޯ މާލޭ ލީގުގައި އަލުން ފަށައި ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ކުޅެން ޖެހޭނީ އަންނަ މަހުގެ 7 ވަނަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބާ އެވެ.

ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އަދި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ނަޒީހަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. މަޝްހޫރު ކޯޗު އަލީ ސުޒޭނުގެ ކޮއްކޮ ނަޒީހު ވަނީ ކޯޗިން ކެރިއަރުގައި މީގެ ކުރިން އއ. ރަސްދޫ އާއި ވީބީ ސްޕޯޓްސް އަށް ވެސް ކޯޗުކޮށްދީފަ އެވެ. ޔުނައިޓެޑް ވިކްޓަރީއަށް 2015 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމަށް ފަހު އޭނާ މިދިޔަ އަހަރު ހަވާލުވީ ވިކްޓަރީއާ އެވެ. އެކަމަކު ވަކި ހިސާބަކުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ޓީމުގައި ތިބި ކުޅުންތެރިންގެ ޕްރޮފެޝަނަލް ކަމެއް ނެތް ކަމަށް ބުނެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ނަޒީހު ވަކިވިއިރު އެ ޓީމަށް އަށް މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ނަޒީހު ހަވާލުވާއިރު ޔުނައިޓެޑް ވިކްޓަރީ ވަނީ ލީގުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ކްލަބް އީގަލްސް އަތުން 2-0 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ނިއު ރޭޑިއަންޓް އަތުން 3-0 އިން ބަލިވީ އެވެ.