ކުޅިވަރު / ނިއުރޭޑިއަންޓް ސ.ކ

ފަހު ވަގުތުގެ ގޯލާ އެކު ނިއު-ވެލެންސިއާ އެއްވަރު

ނިއުގެ މުސްލިހް އަތުން ބޯޅަ ހޯދަން ވެލެންސިއާގެ ޝާފިއު (ކ) މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް މޮޅުވާން ދަނިކޮށް ފަހު ވަގުތު ވެލެންސިއާ ޖެހި ލަނޑާ އެކު ދެ ޓީމު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ވެލެންސިއާ އާއި ނިއު އަށް ވެސް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ލަނޑުގެ ތަފާތުން ހަތަރު ވަނައިގައި ވެލެންސިއާ އޮތްއިރު ނިއު އޮތީ ހަ ވަނައިގަ އެވެ. ފަސް ވަނައިގައި ފަސް ޕޮއިންޓާ އެކު އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު އަށް ޕޮއިންޓާ އެކު ދެ ވަނަ ލިބެނީ އީގަލްސް އަށެވެ. ތިން ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް އެވެ.

ސަސްޕެންޝަނާއި އަނިޔާގެ ސަބަބުން މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ފަރުހާދު އިސްމާއިލް (ފަރޭ) އާއި އަހުމަދު ނިޔާޒް އަދި ސެގުން މައިކަލް ނެތި ކުޅުނު ނިއު އިން ވަނީ މެޗު ފަށައިގެން ކުރީކޮޅު ވެލެންސިއާ އަށް ނުރައްކާކޮށްފަ އެވެ. އެގޮތުން 8 ވަނަ މިނެޓުގައި ނިއުގެ އަހުމަދު ސުހެއިލް (ބަމްޕުޗް) ފޮނުވާލި ބޯޅަ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ. އޭގެ ފަހުން ނިއުގެ އިއްޒަތު އަބްދުލްބާރީ ފޮނުވާލި ހަމަލާ ވެލެންސިއާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ވެލެންސިއާ އިން ގޯލް ޖަހަން ފުރުސަތު ހޯދީ ސްޕެއިން ފޯވާޑް އެންހެލް މުނޯޒާއި ހަސަން އަދުހަމް (ސަޑޭ) އެވެ. އެކަމަކު އެ ދެ ބޯޅަ ވެސް ނިއުގެ ގޯލްކީޕަރު އަބޫ ސުލެއިމާން ވަނީ ސަލާމަތްކޮށްފަ އެވެ.

ނިއު އިން ލީޑު ނެގީ 40 ވަނަ މިނެޓުގަ އެވެ. އިއްޒަތު ދިން ބޯޅަ ވެލެންސިއާ ކީޕަރު ފައިސަލް ކުރިއަށް އެރި ވަގުތު ގޯލް ތެރެއަށް ވައްދާލީ އުއްމީދީ ފޯވާޑް ސުހެއިލެވެ.

ނިއުގެ ކޯޗު ސްޓޮއިކޯފް (ވ) ކީޕަރު ސުލެއިމާނާ ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އޭރިއާ ތެރެއިން މުހައްމަދު އާރިފް (ބަކާ) ބޮލުން ފޮނުވާލި ބާރު ނިއުގެ ކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ނިއުގެ ސުހެއިލަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް، މުހައްމަދު މުސްލިހު (މުއްޓި) ދިން ބޯޅަ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޖަހަން އުޅެނިކޮށް ވެލެންސިއާ ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ. މީގެ އިތުރުން ނިއުގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ވެލެންސިއާ އަށް އެއްވަރުކޮށްދިނީ 87 ވަނަ މިނެޓުގައި އަދުހަމެވެ. ބަދަލު ކުޅުންތެރިޔާ މުހައްމަދު ފުހެއިދު (ޓޯޑް) ނިއުގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އަދުހަމަށް ދިން ބޯޅަ އޭނާ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. އިތުރު ވަގުތުގެ ތެރޭ ވެލެންސިއާ އަށް ލީޑު ނަގަން ރަނުގެ ދެ ފުރުސަތު ލިބުނު ނަމަވެސް ނިއުގެ ކީޕަރުގެ މޮޅު ކުޅުމާ އެކު އެ ބޯޅަތައް ސަލާމަތްކުރި އެވެ.

0 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 30%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454