ކުޅިވަރަށް ހާއްސަކޮށްގެން މިހާރު ނޫހުން ރޭ ތައާރަފްކުރި "މިހާރު އެވޯޑްސް" ގެ ލައިފްޓައިމް އެވީޗްމަންޓް އެވޯޑް، ދިވެހި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ޝަރަފުގައި ދޭން ނިންމައިފި އެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރާ އަދި ކުރަމުން ގެންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިހާރު އެވޯޑްސްގައި ހިމެނޭ އިނާމެކެވެ.
"މިހާރު"ގެ އޮފިޝަލަކު ވިދާޅުވީ ޒާހިރު ނަސީރުގެ ނަމުގައި މި އެވޯޑް ދޭން ނިންމީ ދިވެހި ކުޅިވަރަށް އެމަނިކުފާނުކޮށްދެއްވި ޚިދުމަތުގެ ހަނދާނާއި ޝަރަފުގައި ކަމަށެވެ. އަދި ދިވެހި ކުޅިވަރުގެ ގިނަ ހިދުމަތްތެރިންގެ ނަމޫނާއަކީ ވެސް އެމަނިކުފާނު ކަމަށް ވެފައި އެފަދަ އެވޯޑެއް ޒާހިރުގެ ނަންފުޅަށް ޚާއްސަކުރުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، 1980ގެ އަހަރުތަކުގެ ކުރީކޮޅު އުފެދުނީއްސުރެ 2008ގެ ނިޔަލަށް އެ ކޮމިޓީގެ ރައީސްކަން ކުރެއްވި ޒާހިރު ނަސީރަކީ ރާއްޖޭގައި ގިނަ ކުޅިވަރުތަކެއް އާލާކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ އެތައް ކުޅުންތެރިންނާއި ކޯޗުންނާއި ހިދުމަތްތެރިން އުފައްދަވައި، ކުޅިވަރު ދަނޑަށް ނެރުއްވައިފަ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާތަކުގެ އިސް މަގާމްތައް ވެސް ފުރުއްވި އެވެ.
ދައުލަތުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވާފައިވާ ޒާހިރު ނަސީރު އަވަހާރަވީ މިދިޔަ އަހަރުގެ މެއި 25 ގަ އެވެ.
މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ އާއި އެލައިޑް އިންޝުއަރެންސެވެ. މީޑިއާ ޕާޓްނަރަކީ ވީ މީޑިއާ އެވެ.
އެސޯސިއޭޓް ޕާޓްނަރުުންނަކީ ސޮނީ ސްޕޯޓްސް އާއި ބީއެޗުއެމް އާއި ޓީއެފްޖީ އާއި ވެލިގާ ހާޑްވެއާ އަދި ޕްރިންޓް ލެބް އެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފްކުރި މިހާރު އެވޯޑްސްގައި ޖުމްލަ 24 އެވޯޑެއް ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.