އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް (ވ) އާއި މިހާރުގެ ސީއީއޯ ރިއްފަތު މުހައްމަދު އެއްބަސްވުން ބަދަލުކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
04 މެއި 2017 - 13:10
ކުޅިވަރަށް ހާއްސަކޮށްގެން މިހާރު ނޫހުން ރޭ ލޯންޗްކުރި "މިހާރު އެވޯޑްސް" ގެ މެއިން ސްޕޮންސަރުންގެ ގޮތުގައި އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް ހަމަޖެހި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މެއިން ދެ ސްޕޮންސަރުންނާއި މީޑިއާ ޕާޓްނަރާއި އެޑްވަޓައިޒިން ޕާޓްނަރު އަދި އެސޯސިއޭޓް ޕާޓްނަރުންނާ އެކު އެއްބަސްވުމުގައި ސޮއިކުރީ އެވޯޑް ލޯންޗްކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ހަފުލާގަ އެވެ. މިހާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސީއީއޯ ރިއްފަތު މުހައްމަދެވެ.
ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ މުވާސަލާތީ ބޮޑު ކުންފުނި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނެވެ.
އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން (ވ) އާއި މިހާރުގެ ސީއީއޯ ރިއްފަތު މުހައްމަދު އެއްބަސްވުން ބަދަލުކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑުގައި މިހާރަށް އެއްބާރުލުން ދިނުމަށް އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން މުހައްމަދު ނަދީމެވެ.
އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. ތިންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދީލް އިސްމާއީލެވެ.
އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.
ރާއްޖޭގައި ކުޅިވަރުގެ ސާމާނު ވިއްކައި، އަދި ކުޅިވަރަށް ވަރަށް ގިނަ އެހީތައް ވެދެމުން އަންނަ ސޮނީ ސްޕޯޓްސްގެ ފަރާތުން މިހާރު ނޫހާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކަލީމެވެ.
ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން އެއްބަސްވުމުގައި ސޮއިކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޖިމް އާއި ފިޓްނަސްގެ މަސައްކަތްތައް ކުރާ އެއް ކުންފުނި ކަމަށްވާ ޓީއެފްޖީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހުސެއިން ޒިނާނެވެ. ޓީއެފްޖީގެ ފަރާތުން އެވޯޑް ހޯދާ ފަރާތްތަކެއް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދޭނެ އެވެ.
ގިނަ ހަރަކާތްތަކަށް އަބަދުވެސް ސްޕޮންސާޝިޕް ދެއްވަމުން އަންނަ ބީއެޗްއެމްގެ ފަރާތުން މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފް ސޮއިކުރެއްވި އިރު ވެލިގާ ހާޑްވެއާގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު މުއާޒް މުހައްމަދެވެ. އަދި ޕްރިންޓް ލެބްގެ ފަރާތުން ސޮއިކުރެއްވީ ކްރިއޭޓިވް ޑައިރެކްޓަރު އާބިދު ސައީދެވެ.
މިހާރު އެވޯޑްސްގައި ޖުމްލަ 24 އެވޯޑެއް ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރރ
10 May 2017
ކޮންދުވަހަކު އެވޯޑް ދިނުން އޮތީ ........