18 ޖޫން 2017 - 12:19
"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އާއި ޒުވާން ކުޅުންތެރިއާ އަށް އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ގަދަ ފަސް ކުޅުންތެރިން އިއުލާންކޮށްފި އެވެ.
މި އަހަރުގެ ފުޓްބޯޅަ މޫސުމުގެ ފުރަތަމަ މުބާރާތް ކަމަށް މާލޭ ލީގުގެ ފުރަތަމަ ބުރުން، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ވާދަކުރަނީ މާޒިޔާގެ މުހައްމަދު އުމެއިރާއި އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އިރުފާނާއި ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އަދި އަކްރަމް އަބްދުލްގަނީ އެވެ.
ފުރަތަމަ ބުރުގެ އެއް ވަނަ ހޯދި މާޒިޔާގެ މެދުތެރޭގައި އުމެއިރު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސީޒަނުގައި މިހާތަނަށް 11 ލަނޑު ޖަހާފައިވާ އަސަދުﷲ ވަނީ އިސް ފޯވާޑުގެ އިތުރުން ކެޕްޓަނެއްގެ ގޮތުގައި މާޒިޔާގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މީގެ ދެ އަހަރު ކުރިން ވިދާލި އިރުފާނުގެ ކުޅުން މިދިޔަ ސީޒަނުގައި ދަށްވި ނަމަވެސް މި އަހަރު އޭނާ އަންނަނީ އަނެއްކާ ވެސް ތަފާތު ދައްކަމުންނެވެ.
ފުރަތަމަ ބުރުގެ ދެ ވަނަ ހޯދި ނިއުގައި އެންމެ ތަފާތު ކުޅުމެއް ދެއްކީ އަކްރަމެވެ. ފަހަކަށް އައިސް ފޯމުން ކަޓައި ގައުމީ ޓީމުން ވެސް ޖާގަ ގެއްލުނު އަކްރަމް ވަނީ ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލުގައި މި ފަހަރު މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ވެސް އަލުން ޖާގަ ހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި ސެންޓޭގެ ފަރާތުން ފެނިގެން ދިޔަ ލަނޑު ޖެހުމުގެ ފޯމް މި އަހަރު ނުފެނުނަސް އޭނާ އަންނަނީ ނިއުގެ ފޯވާޑް ލައިނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމުގެ ސްޕެއިން ފޯވާޑް އެޑްރިއެން ގަލާޑޯ އަށް ލަނޑު ޖަހަން އޭނާ ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ.
އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ފުރަތަމަ ބުރުން ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު އިބްރާހިމް ރިޒުހާނާއި މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި އީގަލްސްގެ ޑިފެންޑަރު ހުސެއިން ސިފާއު އާއި މިޑްފީލްޑަރު ރިހާމް އަބްދުލްގަނީ (ބޮބީ) އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވާޑް ނާއިޒް ހަސަން (ދާދު) އެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ގްރީން ސްޓްރީޓްސް އިން ހޯދިއިރު ވިދާލި ރިޒުހާން އަންނަނީ ފުރަތަމަ ޑިވިޝަނުގައި ވެސް ތަފާތު ދައްކަމުންނެވެ. ގައުމީ ޓީމުން ސަމުއްޓެ ޖާގަ ކަށަވަރުކޮށްފައިވާއިރު އީގަލްސްގެ ބޮބީ ވަނީ މި އަހަރު ދެއްކި އުއްމީދީ ކުޅުމާ އެކު ގައުމީ ސްކޮޑުން އަލަށް ޖާގަ ހޯދައިފަ އެވެ. އީގަލްސް އިން މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ސިފާއު އަންނަނީ މި އަހަރު ވެސް އެ ކުޅުން ތަކުރާރުކުރަމުންނެވެ. ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރާ ދާދު އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ އުފެއްދުންތެރި އެއް ކުޅުންތެރިއާ އެވެ.
މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.
މި އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.
މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.
އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާނު
19 June 2017
އިރޭ..އަކޫ. އުމޭރް ކުލެނީ އެއްމަގާމަކށް ވީމަ ގައުމީ ޓީމުގަނާރަވެސް ހިގަިދާނެ ތަކުރޢ
ތަކުރު
18 June 2017
އިރޭ އެކަމު ގައުމީޓީމް އެންމެފަހުން ކުޅުނުމެޗްގަ އަރުވާވެސް ނުލާ އިރޭ މަރުހަބާ
ތަކުރު
18 June 2017
އިރޭ އެކަމު ގައުމީޓީމް އެންމެފަހުން ކުޅުނުމެޗްގަ އަރުވާވެސް ނުލާ އިރޭ މަރުހަބާ
ރާއްޖެ ކުޅޭޔަރު
18 June 2017
ދެން މިނިވަން އަތޮޅު/ޒޯން ފުރަތަމަ ބުރުން ވާދަކުރަނީ ކޮންބައެއް؟