ވެލެންސިއާ ކަޓުވާލުމަށް ފަހު ނިއު ފައިނަލަށް

ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުން މިއަދު 2-1 އިން ވެލެންސިއާ ބަލިކޮށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ.


އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭ ފައިނަލުގައި ނިއު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މިއީ ވެޓެރަންސް ކަޕްގެ ފައިނަލުގައި މާޒިޔާ ކުޅޭ ފުރަތަމަ ފަހަރެވެ. މާޒިޔާ ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި ނިއުގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި ނިއުގެ ފުރަތަމަ ލަނޑު ޖެހީ ކުރިން ވެލެންސިއާ އަށް ކުޅުނު އަބްދުﷲ ވަހީދު (ބިންމާ އައްލޯ) އެވެ. އޭގެ މިނިޓެއް ފަހުން ނިއުގެ ލީޑުފުޅާކޮށްދިނީ ހުއްރިއްޔާގެ ކުރީގެ ކުޅުންތެރިއާ ހުސްނީ އަބްދުއްރަހުމާނެވެ.

ވެލެންސިއާގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ އިސްމާއިލް މުހައްމަދު އެވެ. އިތުރު ލަނޑު ޖަހަން ވެލެންސިއާ އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ނިއުގެ ފަހަތް ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ.

ވެލެންސިއާގެ ރައްޒާގު (ކ) ކައިރިން ނިއުގެ ހުސްނީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ މޮޅު ކުޅުންތެރިއަކީ ހުސްނީ އެވެ. އަދި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުގެ ފަހަތަށް ކުޅޭ އަހުމަދު ނިޔާޒު އެވެ.

މި މެޗުގެ ކުރިން މި ފަހަރު މުބާރާތުގައި ނިއު އާއި ވެލެންސިއާ ވަނީ ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. ފުރަތަމަ ބުރުގެ މެޗުން ވެލެންސިއާ 3-0 އިން މޮޅުވި ނަމަވެސް ދެ ވަނަ ބުރުގެ މެޗުން ނިއު ވަނީ 2-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.

ރޯދަ މަހު ބާއްވާ ވެޓެރަންސް ކަޕުގައި ކުޅެނީ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ކާމިޔާބުކުރި ވެލެންސިއާ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެލެންސިއާ ބަލިކޮށް ތަށި އުފުލާލީ ނިއު އިންނެވެ. އެއީ ނިއު އިން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ.

ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް އެކި ފަރާތްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި ދެ އަހަރު ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.

މާޒިޔާ އާއި ނިއު ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 16:15 ގަ އެވެ.