ކުޅިވަރު

އެންމެން ފަހުރުވެރިވާން ޖެހޭ، އިތުރު މެޑަލްތައް ވެސް ލިބޭނެ: ޝާހީން

ޝާހީން (ކ) އިއްޔެ މާލެ އައުމުން މަރުހަބާ ކިޔަނީ.

އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ހޯދި ރަން މެޑަލާ މެދު މުޅި ދިވެހިރާއްޖެ ފަހުރުވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އިތުރު މެޑަލްތަކެއް ރާއްޖެ އަށް ހޯދާނެ ކަމަށް މުބާރާތުގެ 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި ޝާހީން އިބްރާހިމް ދީދީ ބުނެފި އެވެ.

އޭޝިއާގެ ކުޅިވަރު މުބާރާތަކުން ރާއްޖޭން ހޯދި ފުރަތަމަ ރަން މެޑަލާ އެކު ޝާހީން އިއްޔެ އެނބުރި އައުމުން އޭނާ އަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް އަޅުގަނޑު ދެކޭ ގޮތުގައި. މުޅި ގައުމު ވެސް ފަހުރުވެރިވާނެ ކަމަށް އުއްމީދުކުރަން މި ކާމިޔާބީއަށްޓަކައި. މިއީ ދިވެހިރާއްޖެ އަށް އޭޝިއާ އިން ރަން މެޑަލް ލިބުނު ފަހަރު. އެހެންވީމާ ދިވެހިރާއްޖޭގެ އެންމެން މިކަމަށްޓަކައި ފަހުރުވެރިވާން ޖެހޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް،" ދެކުނު ކޮރެއާގައި ސޯލްގައި ހޯދި ކާމިޔާބަށް ފަހު އެނބުރި ގައުމަށް އައިސް އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަމުން ޝާހީން ބުންޏެވެ.

މި އަހަރުގެ މިސްޓަ މޯލްޑިވްސްގެ ދެ ވަނަ ހޯދި ޝާހީން މި މުބާރާތުން ރަން މެޑަލް ހޯދީ އޭޝިއާގެ އަށް ގައުމެއްގެ ނުވަ އެތުލީޓުންނާ ވާދަކޮށްގެންނެވެ. އޭނާގެ ފަހަތުން ރިހި މެޑަލް މޮންގޯލިއާ އިން ހޯދިއިރު ލޯ މެޑަލް ހާސިލްކުރީ ނޭޕާލުގެ އެތުލީޓެކެވެ. ތައިލެންޑް ހަތަރު ވަނަ އަށް ދިޔައިރު ފަސް ވަނަ އަކީ އިންޑިއާ އެވެ.

"މިކަމަށް އަޅުގަނޑަށް އެހީތެރިވެދިން ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ޓީމު ވަރަށް ބޮޑަށް އަޅުގަނޑަށް ސަޕޯޓް ދެއްވި މިކަމަށް. އަށް ގައުމު ވާދަކޮށް ނުވަ އެތުލީޓުންނާ ވާދަކޮށް ރަން މި މެޑަލް ހޯދީ. ވަރަށް ބޮޑަށް ޗެލެންޖަކާ އެކު މި ކާމިޔާބުކުރީ،" ޝާހީން ބުންޏެވެ.

ޝާހީން ވަނީ 2014 ވަނަ އަހަރު މަކާއޫގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުގެ 160 ސެންޓިމީޓަރު ފިޓްނަސް ކެޓަގަރީން ލޯ މެޑަލް ހޯދައިފަ އެވެ. އެއީ މި ފަހަރުގެ ކާމިޔާބީއާ ހަމައަށް އޭޝިއާގެ މުބާރާތުން ބޮޑީބިލްޑިންގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ޝާހީން ބުނީ އޭނާ ދެކޭ ގޮތުގައި މި ކުޅިވަރަކީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަށްގެންދެވިދާނެ ކުޅިވަރެއް ކަމަށާއި ރާއްޖޭގެ އެއް ވަނަ ކުޅިވަރަށް ވެސް ހެދިދާނެ ކަމަށެވެ.

"ގިނަ މެޑަލްތަކެއް މިހާތަނާށް ވެސް ހާސިލްކޮށްފައިވާ ކުޅިވަރެއް މިއީ. އެހެންވީމާ މި ކުޅިވަރުން އަދި ކުރިއަށްއޮތްތާގައި ވެސް އަޅުގަނދުމެން ގިނަ މެޑަލްތަކެއް ރާއްޖެ އަށް ހޯދައިދެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން،" ޝާހީން ބުންޏެވެ.

އޭޝިއާގެ ކުޅިވަރު އިވެންޓަކުން މީގެ ކުރިން ރާއްޖޭން ހޯދި އެންމެ ބޮޑު ކާމިޔާބަކީ މި އަހަރުގެ ޖުލައި މަހު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު ހަތަރު ވަނަ ހޯދުމެވެ. އޭގެ ކުރިން އޭޕްރިލް މަހު އޮތް އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ސާއިދު ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

މީގެ ކުރިން 2000 ވަނަ އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތުން ރާއްޖޭގެ އަލީ އަބްދުﷲ (ބޮޑީ އައްލާ) ވަނީ ރަން މެޑަލް ހާސިލްކޮށްފަ އެވެ.

ބޮޑީބިލްޑިން ފެޑެރޭޝަނުގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) ވިދާޅުވީ ޝާހީންގެ މި ކާމިޔާބީ އަކީ ބޮޑީބިލްޑިންގެ އިތުރުން ރާއްޖޭގެ ހުރިހާ ކުޅިވަރުތަކަށް ބަލާއިރު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

"ބޮޑީބިލްޑިން އަކީ އަބަދުވެސް ރާއްޖޭގެ ހިސްޓަރީ ރަން އަކުރުން ލިޔެލާ ބަޔެއް. އެންމެ ފުރަތަމަ ސައުތު އޭޝިއާގައި. މި ފަހަރު އޭޝިއާގައި 26 ގައުމު ވާދަކޮށްގެން އޭގެ ތެރެއިން ރަން މެޑަލް ހޯދައިފި. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންގެ އުއްމީދަކީ މިއަށް ވުރެ ބޮޑު ކާމިޔާބެއް ހޯދުން،" އިއްބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަރުގެ ބޮޑު ކާމިޔާބެއް މިހާ ކުޑަ ދުވަސްކޮޅެއްގައި އޭނާ ވެސް (މަގާމާ) ހަވާލުވެގެން ލިބުނީތީ ވަރަށް އުފާވި ކަމަށާއި އެކަމަކު މިއީ ޝާހީންގެ މަސައްކަތް ކަމަށެވެ.

"ޝާހީނު މަސައްކަތް 90 ޕަސެންޓް މަސައްކަތަކީ. ބުނާގޮތަށް ހަދައިގެން ވަރަށް މަސައްކަތްކޮށްގެން ބޮޑު ކާމިޔާބެއް މި ހޯދުނީ،" އިއްބެ ވިދާޅުވި އެވެ.

އިއްބެ ވިދާޅުވީ މުބާރާތަށް ދިއުމަށް ބަޖެޓް ސަރުކަރުން ދިން ކަމަށާއި މި ވަގުތު އޮފީހެއް ވެސް ނެތް ކަމަށާއި އެކަމަކު ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

"ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި ބަޖެޓް ވެސް އިތުރުކޮށްދެއްވާނެ ކަމަށް. އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި - އަދި މި އަހަރު ބާކީ އެބައޮތް މުބާރާތްތަކެއް އެ މުބާރާތަށް ރަނގަޅު ބަޖެޓެއް ލިބޭނެ ކަމަށް. ކޮންމެ ގޮތެއް ވިޔަސް ބަޖެޓްތަކެއް ލިބިގެން އެތުލީޓުންނަށް އެއްޗެހިތަކެއް ދެވިގެން ރަން މެޑަލްތަކެއް އިތުރަށް ހޯދޭނީ. އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރެވޭ ސަރުކާރުން އަޅުގަނޑުމެންނަށް މިއަށް ވުރެ ރަނގަޅު ގޮތްތަކެއް އަދި ސްޕޮންސަރުންނާ އެއްކޮށް ވިޔަސް ލިބޭނެ ކަމަށް،" އިއްބެ ވިދާޅުވި އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައްގު

01 September 2017

ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަކީ މައިގަޑު ގޮތެއްގާ ސަރުކާރުން އުފައްދާފައިވާ "އެންޖީއޯ" ތަކެކެވެ. ބޮޑީބިލްޑިންގް ފެޑެރޭޝަން އަކީ އަމިއްލަ ފަރާތަކުން އެންމެ ކުރިން (1995 ހާތާ) ރަޖިސްޓަރީ ކުރި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެތެރެއިން އެސޯސިއޭޝަނެކެވެ. މިސާލަކަށް ފުޓުބޯޅަ އަކީ ސަރުކާރު ހިއްސާ ބޮޑު ކުޅިވަރަކަށްވާއިރު، ބޮޑީބިލްޑިންގް އަކީ ސަރުކާރުގެ ހިއްސާ ކުޑަ ކުޅިވަރަކަށެވެ. ސަރުކާރު ހިއްސާ ކުޑަ ކުޅިވަރުތަކުން ރަން ވަނަ ލިބޭ ސަބަބާ މެދު ފިކުރު ހިނަގާލުމުން އަންނަ އެއް ވިސްނުމަކީ، މިފަދަ ކުޅިވަރުތަކުގައި އުޅޭ އެތުލީޓުން މަދުނަމަވެސް، އެ އެތުލީޓުންނަކީ އެކަމަށް އިންތިހާއަށް ޝައުގުވެރިވާ ޒުވާނުންތަކަކަށް ވާކަމެވެ. މިނަޒަރުން ވިސްނާއިރު، ބޮޑީބިލްޑިންގް އަކީ "އަމިއްލަ" ފަރާއްތަކުން އުފެއްދި އެސޯސިއޭޝަނަކަށް ވީނަމަވެސް، މިކުޅިވަރަށް ސަރުކާރުން ރަގަޅު ހަރަދެއް ނުކުރާންވީ ސަބަބެއް ނެތެވެ. .

The name is already taken The name is available. Register?

ރަދީފް

29 August 2017

މަރުހަބާ ޝާހީން އިބްރާހިމް ދީދީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454