ހަގީގަތާ ހިލާފު ވާހަކަދައްކާ ކަމަށް ބުނެ ތިނަދޫ އިން ކޯޗު ވަކިކޮށްފި

މެނޭޖްމަންޓާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކި ކަމަށް ބުނެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫ ޓީމުގެ ކޯޗު ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް މަގާމުން ވަކިކޮށްފި އެވެ.


ލީގުގައި ހުކުރު ދުވަހު ހަވީރު ނިއު ރޭޑިއަންޓް އަތުން 2-1 އިން ތިނަދޫ ބަލިވި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވަނީ މެނޭޖްމަންޓުން ބޭނުންވާ ކުޅުންތެރިން އަރުވަން ޕްރެޝަރު އަންނަ ކަމަށާއި އެއީ އޭނާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

ތިނަދޫ ޓީމުގެ މެނޭޖަރު ޝިޔާޒް އާދަމް ބުނީ އެފަދަ ކަމެއް މެނޭޖްމަންޓުން ނުކުރާ ކަމަށާއި އެއީ ކްލަބުން ތާއީދުކުރާ ކަމެއް ވެސް ނޫން ކަމަށެވެ. އެކަމަކު އެ މެޗުގައި ކޯޗުގެ ފަރާތުން މައްސަލަތަކެއް ފާހަގަވި ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ފިޓްކޮށް ހުރި ކުޅުންތެރިއާ ބޭނުންނުކޮށް، ޕްރެކްޓިހަށް ގަވާއިދުން ނާންނަ އަދި އަނިޔާގައި ހުރި ކުޅުންތެރިއަކު އެރުވުން ހިމެނެ އެވެ. އަދި ދުވަހަކު ވެސް ޑިފެންސިވް މިޑްފީލްޑަރަކަށް ނުކުޅޭ ކުޅުންތެރިއަކު އެ މަގާމަށް އެރުވުން ހިމެނެ އެވެ.

"މެޗަށް ފަހު ކުޑޭ (ހުސެއިން ފަޔާޒް) ގާތު އެހިން ދުވަހަކު ވެސް އެ މަގާމަށް ކުޅުނިންހޭ؟ އޭނާ އަކީ މެދުތެރެއަށް ކުޅުނު ކުޅުންތެރިއެއް ވެސް ނޫން. އެކަމަކު ނިއުގެ ދަގަނޑޭ ހުއްޓުވަން އޭނާ މި ބޭނުންކުރީ. އެހެންވެ މެޗަށް ފަހު އެ ސުވާލު އޭނާއާ ކޮށްލީ،" ޝިޔާޒް ބުންޏެވެ. "ކޯޗަށް އެއްވެސް ޕްރެޝަރެއް ނުކުރަން ވަކި ކުޅުންތެރިއަކު އަރުވަން."

އެ މެޗުގައި ތިނަދޫގެ ހުނަރުވެރި ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އެރުވީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ އެންމެ ފަހުން ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރިޒޭ ނުފެންނަ ކަމަށެވެ. އެކަމަކު ޝިޔާޒް ބުނީ މިލަންދޫ މެޗަށް ފަހު ރިޒޭ ބޭނުންނުކުރާނެ ކަމަށް ކޯޗު ބުނެފައިވާ ކަމަށެވެ.

"އެއީ ވަރަށް ބޮޑު މައްސަލައެއްތާ؟،" ޝިޔާޒް ބުންޏެވެ.

އެ މެޗަށް ފަހު އިތުރު ވާހަކައެއް ނުދައްކާ ކޯޗު ވަނީ ގޮސްފަ އެވެ. ޝިޔާޒް ބުނީ ހިތްހަމަނުޖެހޭ ކަމެއް އުޅޭ ނަމަ މެނޭޖްމަންޓާ ވާހަކަދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު ކޯޗު ހުރިހާ ވާހަކައެއް ތިލަކުރީ މީޑިއާގައި ކަމަށެވެ.

މާޓިނޭޒްގެ ކޯޗުކަމުގެ ދަށުން ތިނަދޫ ފުރަތަމަ ބުރު ނިންމާލީ ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ 10 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮވެ އެވެ. މިނިވަން ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމުގެ ތެރެއަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ތިނަދޫން އިތުރުކޮށްފައިވާއިރު އެ ޓީމަކީ އެ މުބާރާތުން އައި ޓީމުތަކުގެ ތެރެއިން ލީގުގައި އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.

ޝިޔާޒް ބުނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ. ލީގުގެ ދެ ވަނަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އެހެންކަމުން އަދި އެކަމަށް ވަގުތުކޮޅެއް އެބައޮތެވެ.