19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އަފްގާނިސްތާން ކުޅެނީ. --ފޮޓޯ: ގޯލްނޭޕާލް ޑޮޓް ކޮމް
08 އޮކްޓޯބަރ 2017 - 08:48
ގައުމީ 19 އަހަރުން ދަށުގެ ފުޓްބޯޅަ ސްކޮޑަށް ހުނަރުވެރި ކުޅުންތެރިން ހޯދުމަށް އެފްއޭއެމުން ފަށާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީން ކުޅުންތެރިން ސްކައުޓް ކުރުމުގެ މަސައްކަތް 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުން މިއަދު ފަށާނެ އެވެ.
"ޓުވާޑްސް ފިއުޗާ" ގެ ނަމުގައި އެފްއޭއެމުން މި ފަށާ ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ ސިލެކްޝަނަކީ ފެށުން ކަމަށާއި އަތޮޅުތަކުން ޒުވާން ހުނަރުވެރި ކުޅުންތެރިން ހޯދުމުގެ ސިލްސިލާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
އެފްއޭއެމުން ރާވާފައިވަނީ މިއަދާއި މާދަމާ އައްޑޫގެ ތިން ރަށެއްގައި ސިލެކްޝަން ޕްރޮގްރާމް ކުރިއަށް ގެންދާށެވެ. އެގޮތުން ހަވީރު 4 އިން އިރުއޮއްސި 6 އަށް ހިތަދޫ ޒޯން ސްޓޭޑިއަމާއި ފޭދޫ ފުޓްބޯޅަ ދަނޑު އަދި މީދޫ ދަނޑުގައި ސިލެކްޝަން އޮންނާނެ އެވެ. މި ސިލެކްޝަނުގައި 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުންގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ތުރުކީގެ ޖޭން ވަންލީ ވެސް ބައިވެރިވެ އެވެ.
މި ސިލެކްޝަނުން އެކުލަވަލާ ޓީމަކާއި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން މި މަހުގެ 21 ވަނަ ދުވަހު ހިތަދޫ ޒޯން ސްޓޭޑިއަމުގައި މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ކުޅުނު އައްޑުއަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު ސައީދު (އައްމަޓީ) އަކީ ވެސް އެ އަތޮޅުގައި ބޭއްވި މިފަދަ ސިލެކްޝަނަކުން ފާހަގަވި ދެ ކުޅުންތެރިންނެވެ.
ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅު ކަމަށްވާ އައްޑޫގައި އެފްއޭއެމުން މި ޕްރޮގްރާމް ފެށިއިރު އެއީ ފުޓްބޯޅައިގެ މުއްސަނދި ތާރީހެއް އޮތް އަތޮޅެކެވެ. އެގޮތުން އިނގިރޭސިންގެ ޒަމާނުގައި އެ އަތޮޅުގައި ފުޓްބޯޅަ ލީގެއް ކުރިއަށް ގެންދިޔައިރު، ޑީއެންސީގެ ނަމުގައި އުފެދުނު ޓީމުން ދިވެހި ފުޓްބޯޅައިގެ އެންމެ އުހަށް ދަތުރުކުރި އެވެ. އޭގެ ފަހުން އައްޑޫ ވިޔަފާރިވެރިންތަކެއް ގުޅިގެން އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) ގެ ނަމުގައި އަދި ފަހުން ވީބީ އައްޑޫ އެފްސީގެ ނަމުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދި އެވެ. ބަކާ އާއި އައްމަޓީގެ އިތުރުން ޝަމްވީލް ގާސިމް (ބޮންޑާ) އާއި ހުސެއިން ލުތުފީ (ލުއްޑާ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އަކީ އެ އަތޮޅުން ފާހަގަވި ކުޅުންތެރިންނެވެ.
އެފްއޭއެމުން މި ޕްރޮގްރާމް މި ފެށީ، ޔޫތު ޓީމުތަކުގެ ނަތީޖާ ދަށްވެ ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން ކުޅުންތެރިން ހޯދައިގެން ޒުވާން ޓީމުތައް އެކުލަވާލުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނަނިކޮށެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ދާދި ފަހުން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރިއިރު ހުރިހާ މެޗަކުން ވަނީ ބަލިވެފަ އެވެ. ބޫޓާން އަތުން 1-0 އިން ބަލިވިއިރު ބަންގްލަދޭޝް އަތުން ބަލިވީ 2-0 އިންނެވެ. ނޭޕާލް އަތުން ހަމަ އެ ނަތީޖާ އިން ރާއްޖެ ބަލިވިއިރު އިންޑިއާ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.
މިއީ 14 އަހަރުގެ ތެރޭގައި ބަންގްލަދޭޝް އަތުން އެއްވެސް ލެވެލެއްގައި ރާއްޖެ ބަލިވި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވި މެޗުގަ އެވެ. ބޫޓާން އަތުން ބަލިވި ބަލިވުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެ ޓީމު އަތުން އެއްވެސް ލެވެލެއްގައި ބަލިވި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްލޭ
09 October 2017
ތަފާތުކުރުން މި ފެންނަނީ... އައްޑޫގަ އެކަނިތަ މިޤައުމުގަ ފުޓްބޯޅަކުޅޭ ކުދިންތިބީ؟ އައްޑޫ މީހުން ބޮޑެތި މަޤާމު ތަކުގަ ތިބީމަ ނުފޫޒުގެ ބޭނުން މި ހިފަނީ........ މިޤައުމުގަ މިނޫން ދުވަހެއް އަންނާނެބާ؟
ޑޮން އަހުމަދު
08 October 2017
ހުނަރުވެރި ކުޅުންތެރިން ހޯދުމަކުން ނުފުދޭ!! އެމީހުންނަކީ ޑިސިޕްލިން ހުރި ބަޔަކަށް ވާންޖެހޭ!! އަހުލާގު ނެތުމަކީ ދިވެހި ފުޓުބޯޅަ އަށް ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުން.
ތަޖުރިބާ
08 October 2017
އައްޑޫ އިން މިހާރުވެސް ޤައުމީ ޓީމު ބަލިކުރެވޭ ވަރުގެ 03 ނުވަތަ 04 ޓީމު ނެރެވޭނެ
ހާމަ333
08 October 2017
ކޮބާ ޔަގީންވާ ކަރަންޓު.? ފެނަކަ އައްޑޫގަ ފެއިލްވެފަ ރައްޔިތުން ކަނުއަދިރީގަ އެތައްގެއްލުމެއް މުދަލަށް ލިބިއްޖެ....މިހާރު އަންގާވެސް ނުލާ ހިތައްއެރި ގަޑިއަކު ކަނޑާލަނީ ކަރަންޓު....މިއަދު 8 އޮކްޓޯބަރުގަވެސް ކަރަންޓެއްނެތް....ހެދުނު އިންޖީނުންވެސް އައިކުރިއެރުމެއް ނުފެނޭ....ކޮބާ ތާރިޤް ބެހެއްޓި ސޯލާޕެނަލްތައް? ފެނަކަ ފިއުޗާ ޕްލޭނެތްނެތި އަތަށްގޮވަނީ ތިއޮއް.....
ޑަބިޔާ
08 October 2017
އައްޑުއަށް ދާކަށްނުންވީ އަދިވެސް ތިއުޅެނީ މާލޭގަ އުޅޭކުދިން ލާގެން މާލޭގަ މުބާރާތައް ބޭއްވޭތޯ ތިމާމީހުން މީހަކުނެއް ޓީމެއް ހަދާފަ މާބޮޑުތަފާ ބަލިވީމަ ރާއްޖެ ތެރެއަށް ބަލަ މީރާއްޖެ ތެރެއްނޫނޭ.
ކުޑަ ދޮންބެ
08 October 2017
އަދި ތި އުޅުއްވަނީ ރަނގަޅަކަށްނޫން. އެކަނި އައްޑޫން ކުޅުންތެރިން ހޯދާގެން ތިކަމެއް ނުވާނެ، ފުޓްބޯޅައިގެ ތާރީޚް ރަނގަޅަށް ބަލައިފި ނަމަ އާބާދީ ކުޑަޔަސް ބ.އޭދަފުށި، ކ.ހުރާ، އއ.ތޮއްޑޫ، އދ.މަހިބަދޫ ފަދަ ރަށްރަށުގައި ހުނަރުވެރި ކޮޅެތި ކުޅުންތެރިން ތިބޭނެކަން ޔަގީން. އެފް.އޭ.އެމް އިން އަދިވެސް އެބަޖެހޭ މިހާރު ރޭވިފައިވާ ޕަލޭން އިތުރަށް ދިރާސާކުރަން.
ޝޮކް
08 October 2017
މީހުންދިރިއުޅޭ ހުރިހާ ރަށެއްގަޖައްސަން ވީ އޭރަށްޔަގީން އެތަކެއް ހާސް ހުނަރުވެރި ކުޅުންތެރިންެ ފެނިގެން ދާނެ
އުތުރު ގެ ބަސް
08 October 2017
އައްޑޫ ގައި އެކަންޔެއްނޫން ހުނަރުވެރި ކުޅުންތެރިން ތިބީ .. އުތުރުގެ އަތޮޅުތަކުގައި ވެސް އެބަތިބި ފެންވަރު ރަނގަޅު ކުދިން.
މާލެ އަދި އައްޑޫގެ ބަސް
08 October 2017
އުތުރު އެއީ އެއްޗެއް ހުންނަ ތަނެއްތަ؟
ފުޓް
08 October 2017
ސާބަސް އެފް އޭ އެމް އަށް. ތިޔަ ފެށީ އަދި ކޮރިޔާ މަސައްކަތް.ﷲ ތިޔަ ކަމުގައި ބަރަކާތް ލައްވާށި