ކުޑަ އިންމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ ބަދަލު ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.


ފުރަތަމަ ޑިވިޝަންގެ ތިން ކްލަބަށް މީގެ ކުރިން ކުޅުނު އުމުރުން 32 އަހަރުގެ ކުޑަ އިންމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލި އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ 3-1 އިން އޮމާން އަތުން ބަލިވި މެޗަށް ފަހު އެވެ.

ކުޑަ އިންމަ ގައުމީ ޓީމުގައި ފުރަތަމަ ފަހަރަށް ހިމެނުނީ 2012 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ގަވަައިދުން އޭނާ އަށް ޓީމުން ފުރުސަތު ނުލިބެ އެވެ. އޭނާ އަށް ގަވަައިދުން ޓީމުން ޖާގަ ލިބެން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ފުރަތަމަ ފަހަރަށް ކުޑަ އިންމަ ގައުމީ ޓީމަށް ވާދަވެރި މެޗެއް ކުޅުނީ 2015 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގަ އެވެ.

އެ ފަހަރު އިމްރާނަށް ފުރުސަތު ލިބުނީ އޭރު ގައުމީ ޓީމުގެ ކީޕަރު އިމްރާން މުހައްމަދަށް އަނިޔާވުމާ ގުޅިގެންނެވެ. ކުޑަ އިންމަ އެ ފަހަރު ވަނީ ބޫޓާނާއި ޗައިނާ އަދި ހޮންކޮންއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ތިން މެޗުގައި ކުޅެފަ އެވެ.

ސަތާރަ އަހަރަށް ފަހު ތަޖުރިބާކާރު ކީޕަރު އިމްރާން މިދިޔަ އަހަރު ރިޓަޔަަކުރުމުން ދެން ގައުމީ ޓީމުގެ ގޯލު ބަލަހައްޓާނެ ކުޅުންތެރިއަކާ މެދު ސުވާލު އުފެދުނެވެ. އެކަމަކު އިމްރާން ރިޓަޔާކުރުމަށް ފަހު މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ގޯލު ބެލެހެއްޓީ ފައިސަލް އެވެ. ގައުމީ ޓީމުގެ ކޯޗުކަމާ އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ހަވާލުވި ފަހުން ކުޑަ އިންމަ އަށް މެޗަކުން ފުރުސަތު ނުލިބެ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކުޑަ އިންމަ (މ) ފޮޓޯ: ނިޝާން އަލީ/މިހާރު

ފުރަތަމަ ޑިވިޝަނަށް 2009 ވަނަ އަހަރު ވެލެންސިއާ އިން ތައާރަފްވި އިމްރާން ވަނީ އެ ޓީމަށް ތިން އަހަރު ކުޅެފަ އެވެ. އޭނާ މާޒިޔާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެ ޓީމުގައި ހޭދަކުރި ތިން އަހަރުގައި ކުޑަ އިންމަގެ ފަރާތުން ބޮޑު ކުރިއެރުމެއް ފެނުނެވެ. އަދި އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2015 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި ހުރެ އޭނާ ދެއްކި ކުޅުމުންނެވެ. މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީސީ ޓީމުގައި އޭނާ މޮޅަށް ކުޅުނެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން ޓީސީ ދޫކޮށް އެސްޓީއޯ މާލޭ ލީގުގައި ކުޑަ އިންމަ ކުޅުނީ ވިކްޓަރީ އަށެވެ. ފުރަތަމަ މެޗުގައި ކުޑަ އިންމަ އަށް ވިކްޓަރީގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނީ އޭރު އެ ޓީމުގައި ސީރިއާ ގައުމީ ޓީމުގެ ދެ ވަނަ ކީޕަރު މަހުމޫދު އަލް ޔޫސުފް ހުރުމުންނެވެ. އެހެން ނަމަވެސް މާލޭ ލީގުގެ ދެ ވަނަ ބުރު ފެށިގެން ކުޑަ އިންމަ ވަނީ ގިނަ މެޗުތަކެއް ވަނީ ކުޅެފަ އެވެ.

ވިކްޓަރީ އަށް މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ޖާގަ ގެއްލުމުން ކުޑަ އިންމަ ދެން ބަދަލުވީ ށ. މިލަންދޫ އަށެވެ. އެ ޓީމު ޕްރިމިއާ ލީގުގައި ކުޅުނު ހަތް މެޗުގައި ވެސް ކުޑަ އިންމަގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެކެވެ.