01 ނޮވެމްބަރ 2017 - 10:20
ދިވެހިރާއްޖޭގައި ދިގު ރާސްތާ ދުވުމުގެ ފޯރި އާލާކޮށްދިން ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މި އަހަރުގެ އިވެންޓް މި މަހުގެ 24 ވަނަ ދުވަހު ބާއްވާނެކަމަށް ދިރާގުން އިއުލާންކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ރާވާ އިންތިޒާމްކުރާ މި ރޭހުގައި ހިމެނެނީ ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރު ދުވުމުގެ ރޭހެވެ. ރޭސް އޮންނާނީ މިމަހުގެ 24 ވާ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގަ އެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ދިރާގުން ބުނެ އެވެ.
މީގެ 10 އަހަރު ކުރިން 2007 ވަނަ އަހަރު ދިރާގުން ތައާރަފްކުރި މި ރޭހަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ދުވުމުގެ ރޭހެވެ. ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި އިވެންޓަކީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ރާވާ އިވެންޓެއް ކަމަށް ދިރާގުން ބުނެ އެވެ.
މި ފަހަރު ރޭހުގެ ޝިޔާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ރޭހަށް ރަޖިސްޓްރީވާއިރު ބޭނުން ޖަމިއްޔާއަކަށް ދުވުން ހާއްސަ ކުރެވޭނެ އެވެ. އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެއެވެ. މީގެ އިތުރުންވެސް ރޭހުގައި ބައިވެރިވުމަށް ދުވުންތެރިން ގަންނަ ހާއްސަ ޓީޝާޓުން ލިބޭ ފައިސާ ވެސް ކުޑަކުދިންގެ ހައްގުގައި، ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy