އުޒްބެކިސްތާނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްސީ
07 ނޮވެމްބަރ 2017 - 11:59
މިހާރު ކުރިޔަށްދާ އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ފަހު މެޗުން އިއްޔެ 5-0 އިން ތަޖިކިސްތާން އަތުން ބަލިވެ އެއް ޕޮއިންޓާ އެކު ކޮލިފައިން ނިންމާލައިފި އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ފުރަތަމަ މެޗުން ސްރީލަންކާއާ 2-2 އިން އެއްވަރުވީ އެވެ. ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން 1-0 އިން ބަލިވިއިރު، ތިން ވަނަ މެޗުން އުޒްބެކިސްތާން އަތުން ވަނީ 6-0 އިން ބަލިވެފަ އެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި އުޒްބެކިސްތާން އޮތީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ކޮލިފައިން ކުރިޔަށްދާ ތަޖިކިސްތާން އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އާއި ފަސް ވަނައިގައި އޮތް ސްރީލަންކާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ތަޖިކިސްތާނުން މި މެޗުގެ ފުރަތަމަ ހާފުގައި ޖެހީ އެންމެ ލަނޑެކެވެ. އަނެއް ހަތަރު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ފަސް ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ޝެރްވޯނީ މަބަޓްޝައެވް އެވެ. އަނެއް ލަނޑުތައް ޖެހީ އެސޯނީ ޕަޝަންބޭ، ޝެރިޑިން ބޮބޮއެވް އަދި ޝަރޯމް ސަމިއޭވް އެވެ.
ރާއްޖޭގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ކޮލިފައިން އަށް ދިޔައިރު ބުނީ ރާއްޖެ އަށް ވާދަކުރެވޭނީ ސްރީލަންކާ އާއި ބަންގްލަދޭޝްއާ ކަމަށެވެ. އިއްޔެގެ މެޗަށް ފަހު ސާންތީ ބުނީ މެޗަކަށް ފަހު މެޗެއް ކުރިއެރުން ފެންނަ ކަމަށެވެ.
"އެންމެ ފަހުން އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ވުރެ މި މެޗުގައި ރަނގަޅަށް ކުޅެފި. ބޯޅަ ބާއްވައިގެން ކުޅެން އުޅުނު އެ ފެންނަނީ ތަފާތު. އެ މީހުންނަށް (ތަޖިކިސްތާން) ލަނޑެއް މި ޖެހުނީ 41 ވަނަ މިނިޓްގައި. ފަރުވާ ބަހައްޓައިގެން ކުޅުނު ނަމަ ނުވަންނަ ކަހަަލަ ފަސޭހަ ތިން ގޯލު ގާތްގާތުގައި ފަހުން ވަނީ،" ސާންތީ ބުންޏެވެ.
އޭނާ ބުނީ އުއްމީދުކުރީ މަދުވެގެން ތިން ޕޮއިންޓާ އެކު އެނބުރި ގައުމަށް ދާން ކަމަށާއި އެކަން ނުކުރެވުމުން ކުޑަ ހިތްހަަމަނުޖެހުމެއް އެބައޮތް ކަމަށެވެ.
މިދިޔަ އޮގަސްޓް މަހު ސާންތީ ޒުވާން ޓީމާ ހަވާލުވިއިރު އޭރު އެ ޓީމު އޮތް ފެންވަރަށް ވުރެ މިހާރު އެ ޓީމު ރަނގަޅެވެ. ސާންތީ ބުނީ މި ޓީމުގައި ހިމެނޭ 80 ޕަސެންޓް ކުޅުންތެރިންނަކީ މި ލެވެލްގެ ފުޓްބޯޅަ އަށް އާ ކުޅުންތެރިން ކަމަށްވުމުން ކުރިއަރަން އަދި ހޭނެން ވަގުތު ނަގާނެ ކަމަށެވެ.
އެފްއޭއެމުން ވަނީ ސާންތީއާ ފަސް އަހަރަށް ޒުވާން ޓީމު ހަވާލުކޮށްފަ އެވެ. ސާންތީ ވަނީ ތިން އަހަރު ތެރޭ ތަފާތު ފެންނާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޓޯ
09 November 2017
ތި ގައުމީ ޓީމުތައް ކުރި އަރާނީ ހުނަރުވެރިންނައް އެމީހުންނައް ހައްގުވާ ފުރުސަތު ދެވިގެން. ދެން މާލޭގަ އުޅޭ މީހުން ލައިގެން ގައުމީ ޓީމެއް އެކުލަވައިލާ ގެންވެސް ތިކަމެއްނުވާނެ. ސްކައުޓް ކުރެވޭނެ ނިޒާމެއް އެކުލަވާލައި ެ ރާއްޖެއިން ހުނަރު ހޯދަން އެބަޖެހޭ. ޙުނަރު ވެރިން އެބަތިބި . އެކުދިންނައްް ބޭނުންވަނީ ފުރުސަތު. މާލޭގަ ނޫޅޭތީ އެކުދިންނައް ހައްގުވާ ފުރުސަތު މިގެއްލެނިީ. ތިނަގާ ގޮތައް ގައުމީ ޓީމު މާލެ އައް އެކަނި ބަރޯސާވެގެން ނަގައިގެން ލިބުނު ކުރިއެރުމެއް ލިބުނު ކާމިޔާބީްއެއްނެތ 19 އަދި 16 އަހަރުން ދަށުގެ ގައުމީ ޓީމައްވެސް. ބޫޓާނު ކަހަަލަ ޓީމުތައް އަތުންވެސް ބަލިވާން ފައްޓާފި މިހާރު. ބަހަނާ ދެއްކުމުގެ ބަދަލުގަ ދެންވެސް ކުރިއަރާނި ހެދެން ހުރި ރަނގަޅު ގޮތް ގޮަތައްވިސްނީމަ.
މާނު
08 November 2017
އެސް އެސް ފައުންޑެސަން ހިންގަމުން ކޯޗުކަމެއނުކުރެވޭނެ
މެދުމިން
07 November 2017
ފުޓްބޯޅަ ކުޅޭ މީހާ ވެސް އަނެއް މީހަކީވެސް ރާއްޖޭގެ ވައްޓަފާޅީގެ ހިއްސާއެއް. ފިޒިކަލީ ދިވެހިންނަކީ ކުރީގެ ތިބި މީހުންނެއް ނޫން. ނަތީޖާގެ ވާހަކައެއް ނޫން. 90 މިނިޓް ނުކުޅެވޭ ވާހަކަ.
Citizens
07 November 2017
ތި ލާރިތަށް ކިޔަވާ ކުދިންނަށް ޚަރަދު ކޮށްބަލަ، މާ ރަނަގަޅުވާނެ މިހާރު ނެތް ގައުމީޓީމްތަކާ މެދު އެއްވެސް އުއްމީދެއް
ކަންޖޫސް
07 November 2017
ތި ކުދިން ކުޅުނު މެޗްތައް ބެލޭނެ ގޮތެއް އޮތްނަމަ ދޯ!
ބަލަކު
07 November 2017
ބެލޭނެގޮތް އެބައޮތް.. ލިންކު ބޭނުންތަ؟
ރާގޮނޑި
09 November 2017
ބަލާވަރު އެއްޗެއްތަ؟ ބަށި ޓީމު ފުޓުބޯޅަ ކުޅޭތަން ބަލަން ތެޅޭނެ ކަމެންނެތް ބުރޯ
ވިސްނާލީމާ
07 November 2017
ދެން އަންނަންއުޅޭ! މިހާރު ހުންނާނީ ވާވަރު ވެފަ! ތިކުރި ހިތްވަރަށްވެސް ދެން ޝުކުރިއްޔާ! -އިބްރާހީމް-