އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސްގެ އިސްނެންގެވުމެއްގެ މަތިން މާލޭގެ މާފަންނު ވެލި ދަނޑުގައި މިނީ ސައިޒުގެ ތިން ފުޓްބޯޅަ ޓާޗް ޕިޗް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މި ތިން ޕިޗް އަޅަނީ ވެލި ދަނޑުގެ ހުޅަނގު ފަޅީގަ އެވެ. މިނީ ސައިޒުގެ ތިން ޕިޗް އެޅި ނަމަވެސް، ޑިޒައިންކޮށްފައިވާ ގޮތުން މި ތިން ޕިޗް އެއްކޮށްލައިގެން ބޮޑު ޕިޗަކަށް ވެސް ބަދަލުކުރެވިދާނެ އެވެ. މި ދަނޑު އަންނަ މަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މި ދަނޑުތައް ނިމުމާ އެކު ފުޓްބޯޅަ އެކަޑަމީތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި އަދި ކްލަބްތަކަށް ދަނޑު ދޫކުރުމުގައި ލުއިތަކެއް ލިބޭނެ އެވެ.
"މިނީ ސައިޒުގެ ތިން ޕިޗާ އެކު އެކަޑަމީތަކަށް ވަރަށް ބޮޑަށް ފަސޭހަވާނެ ޓްރެއިނިންތައް ކުރިއަށްގެންދަން. އަނެއްކާ ތިން ދަނޑު މި ހަދަނީ އެއްކޮށްލައިގެން ބޮޑު ޕިޗަކަށް ވެސް ބަދަލުކުރެވޭ ގޮތަށް. އެހެންވެ އެގޮތުން ބަލާއިރު ވެސް މިއީ ވަރަށް ބޮޑު ފަސޭހައެއް،" ޖަވާ ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ޖޫނިއާ އަދި ޔޫތު ޓީމުތައް ކުރިއަރުވަން އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ" ޕްރޮޖެކްޓަށް ވެސް ލިބުނު ކުރިއެރުމެކެވެ. މާލޭގައި މިހާރު ފުރަތަމަ ޑިވިޝަން ޓީމުތަކާއި އެކަޑަމީތަކަށް ދޫކުރަން އޮންނަނީ އެންމެ ދެ ޓާފް ދަނޑެވެ.
މާފަންނު ސްޓޭޑިއަމުގައި މިހާރު ދެން ބާކީ އޮތީ އިތުރު ފުޓްބޯޅަ ޕިޗެއް އެޅޭވަރުގެ ޖާގައެކެވެ. އެތަނުގައި ފީފާ ޕްރޮޖެކްޓެއްގެ ދަށުން ދަނޑެއް އެޅުމުގެ ޕްލޭންތަކެއް ކުރަމުން އަންނަ ކަމަށް ވެސް ޖަވާ ވިދާޅުވި އެވެ.