މާލެ، ނޮވެމްބަރު 11، 2016: ދިރާގުން އަހަރަކު އެއް ފަހަރު ބާއްވާ ރޯޑު ރޭސް ނޮވެމްބަރު 11، 2016 ވަަަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވިއިރު ދުވުންތެރިން ބައިވެރިވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
23 ނޮވެމްބަރ 2017 - 12:19
މާދަމާ އަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު އެއް ފަހަރާ ދުވަން ނުކުންނާނެ ދުވަހަށް ވާނެ އެވެ. ހުޅުމާލޭގައި މާދަމާ ހަވީރު ފަށާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި އެކި ފަންތީގެ މީހުން ދުވާނެ އެވެ. ގައުމީ ފެންވަރުގެ ދުވުންތެރިންނާއި ދުޅަހެޔޮ ސިއްހަތަކަށް ގަވާއިދުން ދުވާ ދުވުންތެރިންގެ އިތުރުން މުޅިން އަލަށް ދުވުމުގެ ތެރެއަށް ވަންނަ މީހުން ވެސް ހިމެނޭނެ އެވެ.
ރޭހުގައި ހިމެނެނީ ހުޅުމާލެ ވަށައި އެއް ބުރު ޖަހަން ޖެހޭ ފަސް ކިލޯމީޓަރުގެ ރޭހާއި ދެ ބުރު ޖަހަން ޖެހޭ 10 ކިލޯމީޓަރުގެ ރޭހެވެ. މިއީ ކަސްރަތަށް ވެސް އާއްމުކޮށް ދުވާ ވަރެވެ. އެކަމަކު ރޭހަކަށް ވުމާ އެކު، ހާއްސަގޮތަކަށް ތައްޔާރުވާން ޖެހެ އެވެ. އެންމެން ވެސް މިހާރު ތިބޭނީ ތަމްރީންތައް ނިންމުމަށް ފަހު އެންމެ ފަހުގެ ތައްޔާރީތަކުގަ އެވެ. ކުރިއަށް މިއޮތް 24 ގަޑިއިރަކީ އެއްގޮތުން ބަލާއިރު އެންމެ މުހިއްމު ވަގުތުކޮޅެވެ.
މިއަދާއި މާދަމާ ފަޔަށް ވީހާ ވެސް ބޮޑަށް އަރާމު ދިނުން މުހިއްމެވެ. އަދި މިއަދު ވީހާ ވެސް ގިނައިން ފެން ބޯން ޖެހެ އެވެ. ފެނުގެ ތެރެއަށް އޯއާރްއެސް ލޮނު ޕެކެޓް އަޅައިގެން ބުއިން މުހިއްމެވެ. މިރޭ އަވަހަށް ނިދުމަށް ވެސް ތަޖުރިބާކާރުން ލަފާދެ އެވެ. އެކަށީގެންވާ ވަގުތަކަށް ފުން ނިންޖެއް މިރޭ ކޮންމެ ދުވުންތެރިއަކަށް ވެސް ބޭނުންވާނެ އެވެ.
މާދަމާ ހެނދުނުގެ ނާސްތާ އެއީ މަޖުބޫރު މާއްދާއެކެވެ. ނާސްތާގައި ކާބޯހައިޑްރޭޓްސް ވީހާ ވެސް ގިނައިން ހިމަނަން ޖެހެ އެވެ. ބްރައުން ބްރެޑްއާ އެކު ޕީނަޓް ބަޓަރު އެއީ ރަނގަޅު ކެއުމެކެވެ. ނުވަތަ ޔޯގަޓާ އެކު މުއެސްލީ ވެސް ފުދޭނެ އެވެ.
މާދަމާގެ މެންދުރު ކެއުން ލުއި ކުރުން ވަރަށް މުހިއްމެވެ. އަދި ރޭހުގެ ދޮޅު ގަޑިއިރުގެ ކުރިން ލުއި އެއްޗެއް ކާލަން ޖެހޭނެ އެވެ. އާފަލެއް ނުވަތަ ޕީނަޓް ބަޓާ ސޭންޑްވިޗަކުން ފުދޭނެ އެވެ. ރޭސް ފެށުމުގެ ކުރިން ވެސް ރަނގަޅަށް ފެން ބޯން ޖެހޭނެ އެވެ.
ކޮފީ ބޯ މީހެއް ނަމަ ރޭހުގެ ކުރިން ކަޅު ކޮފީއެއް ނުވަތަ އެސްޕްރެސޯ ޝޮޓެއް ބޯލެވިދާނެ އެވެ.
ރޭސް ދުވަހު އާ ކަމެއް ތަޖުރިބާކުރުން ރަނގަޅެއް ނުވާނެ އެވެ. ހަށިގަނޑާ ނުގުޅޭ މުޅިން އާ ކެއުމެއް ކެއުން ނުވަތަ އާ ބޫޓަކަށް އެރުމަކީ ވެސް ދުވާއިރު އުނދަގޫވެދާނެ ކަމެކެވެ. ދުވަން އަރަން ޖެހޭނީ އާއްމުކޮށް އަރާ ބޫޓަށެވެ.
ރޭސް ފަށައިގެން އެހާ ބާރަށް ދުއްވައިގަތުން ރަނގަޅެއް ނުވާނެ އެވެ. އެކަމަކު ޕްރޮފެޝަނަލް ދުވުންތެރިން ނުވަތަ ވަނައަކަށް ރޭސް ދުވާ ދުވުންތެރިން މިކަމުން އިސްތިސްނާވެދާނެ އެވެ. އަބަދުވެސް ރޭހުގެ ފަހު ބަޔަށް ހަަކަތަ ސަލާމަތްކުރަން ޖެހެ އެވެ. އެހެންވެ އެހާ ބާރަށް ފުރަތަމަ ދުއްވައިގެންފި ނަމަ ފަހުކޮޅު ވަރުބަލިވެ މައްސަލަތައް ދިމާވާނެ އެވެ. މި ހުރިހާ ކަމަކާ އެކު ރޭހުން ހިތްހަމަޖެހުން ހޯދަން ޖެހެ އެވެ. ސިކުނޑިން ހާސްކަން ފިލުވާލުމަށް ފަހު ހިތްހަމަޖިގެން ދުވެލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާދީބު ރާނީ
23 November 2017
އަފިރިންގެ ކޯޗް?