25 ނޮވެމްބަރ 2017 - 19:47
އަންނަ އަހަރު ދ. ކުޑަހުވަދޫ ޓީމުން ނުފެންނާނެ ކަމަށާއި އެކަމަކު މާލޭގައި މަސައްކަތްކުރަން ޓީމަކުން ފުރުސަތު ލިބިއްޖެ ނަމަ ބޭނުންހިފާނެ ކަމަށް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
އޭނާ ވަނީ މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުޑަހުވަދޫ އަށް ކާމިޔާބުކޮށްދީ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިދީފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިއަކު ނުގެނެސް ލީގުގައި ވާދަކޮށް، އެ ޓީމު ނިންމާލީ ލީގުގެ ފުލުގައި އޮވެގެންނެވެ.
ފަހު މެޗުގައި މިއަދު އއ. މާޅޮހާ 3-3 އިން އެއްވަރުވިއިރު ނޫސްވެރިންނާ ވާހަކަދައްކަމުން މޯހަން ބުނީ އަންނަ އަހަރު ރަށުން ބޭރަށް ދެވެން ނެތް ކަމަށާއި މާލޭގައި މަސައްކަތްކުރަން ފުރުސަތު ލިބިއްޖެ ނަމަ އެކަމާ މަޝްވަރާކުރާނެ ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުން ހުސްވެފައިވާ އެސިސްޓަންޓް ކޯޗުގެ މަގާމް އޭނާ އަށް ހުށަހެޅި ކަމަށް ވާހަކަދެކެވެ އެވެ. އެކަމަކު މޯހަން ބުނީ ގައުމީ ޓީމުގެ އޮފާއެއް ނެތް ކަމަށާއި ކަމަށާއި އެކަމަކު މާލޭގެ ބައެއް ކްލަބްތަކުން ވާހަކަދެއްކި ކަމަށެވެ. އެކަމަކު އަދި އަލިމަގެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
މޯހަން ބުނީ ކުޑަހުވަދޫން ލީގުގައި ކުރިއަށް ބޮޑު ފިޔަވަޅެއް އަޅައިފި ކަމަށާއި މި ބިންގަލުގެ މަތީގައި ރަނގަޅަށް މަސައްކަތްކޮށްފި ނަމަ އެ ޓީމުގެ މުސްތަގުބަލް އުޖާލާ ކަމަށެވެ.
"އެކަމަކު ތިމަންނަމެން ޕްރިމިއާ ލީގުގައި ކުޅުނޭ ކިޔާފައި ހަމަ އަންނަ އަހަރު ނުކުމެގެން ކާމިޔާބެއް ނުވެދާނެ. ރަނގަޅު ކޯޗަކާ އެކު ރަނގަޅަށް ތައްޔާރުވެގެން ނުކުންނަން ޖެހޭނީ. މި ފަހަރު މި ލިބުނު ތަޖުރިބާ އަކީ އެ ޓީމަށް ވަރަށް މުުހިއްމު އެއްޗަކަށް ވާނެ،" މޯހަން ބުންޏެވެ.
އޭނާ ބުނީ ލީގުގެ ފުލަށް ދިޔަޔަސް ކުޅުންތެރިން މާޔޫސްނުވާނެ ކަމަށާއި އެކަމަކު މި ފެންވަރުގައި ވާދަކޮށް ލިބުނު ތަޖުރިބާ އާއި ކުރިއެރުމާ އެކު ޔަގީނުން ވެސް ކުޅުންތެރިންނަށް ހިތްވަރު ލިބޭނެ ކަމަށެވެ.
ނިއު ރޭޑިއަންޓަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކޮށްދީ އެ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދި މޯހަން ބޮޑަށް ފެނިފައިވަނީ ގައުމީ ޓީމުގެ ބެންޗުންނެވެ. އެގޮތުން 1997 އިން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އަދި 1997 އާއި 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ހޯދިއިރު މޯހަންގެ ހިއްސާ ބޮޑެވެ. އޭނާ ވަނީ ފަހުން ކްލަބް ލެވެލުގައި ވެލެންސިއާ އަށް ވެސް ކޯޗުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޑުބޭ
26 November 2017
ކުޑަހުވަދޫ ގެ ފުޓްބޯޅައަށް ރަނގަޅު ބިންގަލެއް އަޅައިދިނީތީ މޯހަން ކޯޗަށް ޝުކުރިއްޔާ... ލީގުގެ ފުލައް ދިޔަކަމުގައި ވިޔަސް ކުޅުންތެރިންނަށް ލިބުނު ތަޖުރިބާގެ ބޭނުން އެ ކުޅުންތެރިން އަބަދުމެ ހިފާނެ... ހާއްސަކޮށް ފާހަގަކޮށްލަން ރޭގެ މެޗްގައި ކުޅުނު އަހްޝަމް އަދި ޒައްޔާން އަކީ އަދި އެންމެ 16 އަހަރުގެ ދެ ކުޅުންތެރިންކަން... މިއީ ކުރިއެރުމަކީ...
ކަބަރު
26 November 2017
ކޮބާ؟ މުސަތަގްބަލޭ ބުނި އެކަމަކު ދެން ކިހިނެއް ކުޑަހުވާދޫގެ މުސްތަގްބަލެއް ހޯދާނީ؟ ފިއުޗާ ޕްލޭނެއްގެ ދަށުން ބަލިވަނީ ކަމަށް އޭރު ކީ.