މި ފަހަރު 90 މިނެޓުގެ ތެރޭ ނަތީޖާ ނެރެން މަސައްކަތްކުރާނަން: ނިޒާމްބެ

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މިރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނައިރު 90 މިނެޓުގެ ތެރޭގައި ނަތީޖާ ނެރެން ވަރަށް ބޮޑަށް ވިސްނާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


މި ދެ ޓީމު އެފްއޭ ކަޕުގެ ފައިނަލުގައި ކުޅުނު މެޗާއި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި ކުޅުނު މެޗުގައި 90 މިނެޓުން ނަތީޖާ ނުނެރެވުނެވެ. އެފްއޭ ކަޕް ފައިނަލުގައި އިތުރު ވަގުތު ކުޅެ ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެން ނިއު މޮޅުވިއިރު ސެމީ ފައިނަލުގައި ނިއު މޮޅުވީ، ސީދާ ޕެނަލްޓީ އަށް ގޮސްގެންނެވެ.

ނިޒާމްބެ ބުނީ ނިއު އަތުން ނާކާމިޔާބީއާ މިހާތަނަށް ކުރިމަތިވެފައިވީ ނަމަވެސް ޓީސީގެ ކުޅުންތެރިންގެ އަޒުމަކަށް، ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

"ޓީސީ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތްކުރާނެ މި މެޗު ނެގުމަށް. އެންމެ ފަހު ދެ މެޗުގައި ވެސް ވަރަށް ރަނގަޅު ފައިޓެއް ދިނިން. އެކަމަކު ޕެނަލްޓީ ސްޕޮޓް މަތިން ނަތީޖާ ޑިސައިޑްވީ. ވަރަށް ބޮޑަށް ވިސްނާން މި މެޗުގައި 90 މިނެޓުގެ ތެރޭގައި ނަތީޖާ ނެރެން،" ނިޒާމްބެ ބުންޏެވެ.

އެންމެ ފަހު މެޗަށް ފަހު ނިޒާމްބެ ބުނެފައިވާ ގޮތުގައި ޕެނަލްޓީއާ ހަމައަށް ގޮސް ބަލިވަނީ ނަސީބު ނެތިގެން ނޫން ކަމަށާއި އެހިސާބުން ތަޖުރިބާގެ މައްސަލަ ދިމާވާ ކަމަށެވެ.

މި މެޗަކީ 12 ދުވަހުގެ ތެރޭ ޓީސީން ކުޅޭނެ ފަސް ވަނަ މެޗެވެ. އެ ޓީމުން ދެ ވަނަ ސެމީގައި ކުޅެން ޖެހުމުން ފައިނަލާ ދޭތެރޭ އަރާމުކުރަން ލިބުނީ އެންމެ ދެ ދުވަހެވެ. ނިޒާމްބެ ބުނީ އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް 12 ދުވަހުގެ ތެރޭގައި ފަސް މެޗު ކުޅެން ޖެހުމުން ކުޅުންތެރިން ވަރުބަލިވާނެ. އެކަމަކު އެއީ ޝެޑިއުލް އޮތްގޮތް. އެންމެ ފަހު މެޗަށް ފަހު މިދިޔައީ ބޮޑަށް ރިކަވަރީގެ ބައި. އެ ހުރިހާ ކަމަކާ އެކު ވެސް މެޗަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވެފައި މިތިބީ. އަނިޔާގެ މައްސަލަ ކޮންމެވެސް ވަރަކަށް އެބައުޅޭ. އެކަމަކު އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ލޮޑުކަން. ހާއްސަކޮށް ވަޒީފާގައި އުޅޭ ކުޅުންތެރިންގެ. އެ ކުޅުންތެރިންނަށް އަރާމުކުރަން ލިބޭ ވަގުތު މަދުވާނެ،" ނިޒާމްބެ ބުންޏެވެ.

މިއީ ދެ ސީޒަނުގެ ތެރޭގައި ޓީސީން ވާދަކުރާ ރާއްޖޭގެ ހަތަރު ވަނަ ފައިނަލެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ބަލިވިއިރު މި ފަހަރު ވެސް އެފްއޭ ކަޕް ފައިނަލުގައި ނާކާމިޔާބުވީ އެވެ. އެކަމަކު އެ ޓީމު ވަނީ މި އަހަރު ކުރީކޮޅު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ނިއު އާއި ޓީސީ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 9 ޖަހާއިރެވެ.