ޔޫތު ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗު އީގަލްސް އަށް

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ގދ. ތިނަދޫ އަތުން މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކްލަބް އީގަލްސް 1-0 އިން މޮޅުވެއްޖެ އެވެ.


އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި އީގަލްސްގެ ހަމައެކަނި ލަނޑު 16 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ނާއިމެވެ. މި މުބާރާތުގެ ތަށި މިލްކު ކުރުމުގެ ވިސްނުމުގައި ނުކުތް އީގަލްސް އިން ވަނީ ދާދި ފަހުން ނިމުނު އެފްއޭ ކަޕްގައި އެ ޓީމުގެ ޔޫތު ޓީމު ބައިވެރިކޮށްފަ އެވެ. އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ކޯޗުކަމުގައި ކުޅުނު އީގަލްސް ޓީމު އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަލިވީ ސީޒަނުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް އަތުންނެވެ.

ތިނަދޫ ޓީމުގެ ކޯޗަކީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ނިޔާޒް (ނިޔާ) އެވެ. ނިޔާ އަކީ މި ފަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ތިނަދޫ ޓީމުގެ ވެސް ކުޅުންތެރިޔެކެވެ.

ތިނަދޫ އާއި އީގަލްސްގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. މިއަދު ހަވީރު ބައްދަލުކުރާނީ މި ދެ ޓީމެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ބައްދަލުކުރުމަށް ފަހު ފައިނަލަށް ހޮވޭނީ އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމެކެވެ.