25 ޖެނުއަރީ 2018 - 17:33
ކުރިއަށް އޮތް ސީޒަނުގައި ވެސް ނިއު ރޭޑިއަންޓަށް ކުޅެން އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ނިންމައިފި އެވެ.
ނިއުގެ ޕްރެކްޓިސް އާ ސީޒަނަށް މިއަދު ފެށިއިރު ދަގަނޑޭ ވަނީ ބައިވެރިވެފަ އެވެ.
މިދިޔަ ސީޒަނުގެ މެދުތެރެއިން ނިއުއާ ގުޅުނު ދަގަނޑޭ ވަނީ އެ ޓީމުން މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ކުޅުނު މުހިއްމު ކުޅުންތެރިންގެ ތެރެއިން ގޯލްކީޕަރު އިމްރާން މުހައްމަދާއި ރިލްވާން ވަހީދު (ރިލޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި އަކްރަމް އަބްދުލްގަނީ އާއި ހަސަން އަދުހަމް (ސަޑޭ) އަބްދުﷲ މިދުހަތު (ބިޗަޑް) ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އަންނަ ސީޒަނުގައި ވެސް ކޯޗުކޮށްދޭ ސްޕެއިނުގެ އޮސްކާ ބްރުޒޮން އެވެ.
މެލޭޝިއާގެ ޕީޑީއާރްއެމް އަށް ތިން ސީޒަން ކުޅުމަށް ފަހު އަނިޔާގެ ސަބަބުން އެ ކްލަބުގެ ކޮންޓްރެކްޓް އުވާލުމަށް ފަހު ދަގަނޑޭ އެނބުރި ރާއްޖެ އައިސް 2016 ވަނަ އަހަރު ސީޒަނުގެ ފަހު ބައިގައި ރެކޯޑް އަގަކަށް ކުޅުނީ މާޒިޔާ އަށެވެ. އެ ކްލަބާ އެކު އޭނާ ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.
ކްލަބް ވެލެންސިއާ އިން 2001 ގައި ކެރިއަރު ފަށައި އެ ކްލަބަށް ހަތަރު އަހަރު ކުޅުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ގަ އެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު އެނބުރި ނިއުއާ ގުޅުނީ 2012 ވަނަ އަހަރެވެ. އެ އަހަރު މެޗަކުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކޮށް އަދި ޕްރެޒިޑެންޓްސް ކަޕް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.
ޖެހިގެން އައި 2013 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ. އެ ފަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ ވަނީ 50 އަށް ވުރެ ގިނަ ގޯލް ޖަހައި ރެކޯޑް ހަދައިފަ އެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ނިއު ގެންގޮސްދިނެވެ.
އެ އަހަރަށް ފަހު މެލޭޝިއާގެ ދެ ވަނަ ޑިވިޝަނުގެ ޕީޑީއާރްއެމް އަށް ބަދަލުވެ އެ ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ އަދި މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމް ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލެންސިއާ ފޭން
29 January 2018
ދަގޭ އަށް ފުރުސަތު ދީ އަދި ދަގޭ މީހަކަށް ވީ ވެލެންސިއާ އިން...
ސިބާން
26 January 2018
އޮއްޕޮ ބޭނުންވޭ...އެއީ މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ރާއްޖޭގަ ހުރި
ޝިޔާދު (ގޯލްޑްކޯސްޓް)
26 January 2018
ޝިޔާދުބޭ ވަރަށް އުފާވެއްޖެ. މިހާ އުފާވެރި ދުވަހެއް އަންނާނެތަ؟ އަޅެ އަންނާނެތަ؟ ނިކަން ބުނެބަލަ؟
ނިޔާށާ
25 January 2018
ތި އުމޭރު ތީ ދެން ދުވަހަކު ވެސް ނިއުއައް ނުކުޅޭނެ ކަމައް ބުނެ ފުއްޕި މީހެއް. ދެން މި ގެނައީ އޮއްޕޮ ގެ މަގާމައް ކުޅުވަންށޯ ދަގޭ ކިޔާވަރުން. އޮއްޕޮ ހިނގި މަގަކުން ވެސް ނިިހިގޭނެ.
ހައްޖަ
25 January 2018
އޮއްޕޮއާ ދޭތެރޭ ނުވިސްނާ. 2018 ވަނަ އަހަރު ރާއްޖޭގެ ކުލަބަކަށް އޮއްޕޮ ކުޅެންޏާ ކުޅޭނީ ހަމަ ނިއުއަށް. މިވެސް ވަރަށް ވާހަކަ އިނގޭ،.
ޒީހާން
25 January 2018
އޮއްޕޮ ނުކުޅޭނެ. އޮއްޕޮ ބުނީ ނެތޯ ނުލިބޭ ކާމިޔާބެއް ދިވެހި ފުޓްބޯޅައިގަ. ޅަކުދިން ކުޅެލާށޯ.
ޓޮޓީ
25 January 2018
މިދިޔަ އަހަރަށް ވުރެ މިއަހަރު ހުރިހާ ގޮތަކުންވެސް ނިއުވަރުގަދަ. ޓީމަށް އަލަށް ގުޅުނު ކުޅުންތެރިން ނަކީވެސް ތަފާތު މޮޅު ކުޅުންތެރިން. ނިއުގެ ކޯޗު އަށް އަހަރަމެން ސަފޯޓަރުންގެ އުއްމީދު ތައް ހާސިލު ކޮށްދޭނެ. އެކަމަކާ އެއްވެސް ސައްކެއް ނުކުރަށް. ވާދަވެރި ޓީމްތައް ވަރުގަދަ ވުމަކީ ނިއުއަށް ލިބޭ އެޑްވާންޓޭޖް. އޭއެފްސީ ކަފް ތަށި މިއަހަރު އުފްލާލުމަކީ އަހަރެން އެއްމެ ބޭނުން ކަތައް. ﷲ ގެ ރަހުމަތް ފުޅުން މި ދިވެހި ފަސްގަޑް ގ ފުރަތަމަ ފަހަރަށް އޭފްސީކަފްތަށި ނިއު އިން ބަހަށްޓާނެ
ނައީމް
25 January 2018
އޭއެފްސީ ނެގޭ ފެންވަރެއް އަދި އެއް ތިޓީމަކު ނެއް.
އަލީ123
25 January 2018
އޮއްޕު ކޮބާ
ޖައިލަމް
25 January 2018
އޮއްޕޮ ނޫޅޭ މޮތަ ވެގެން ނެއް. އޮއްޕޮ މިދިޔަ ސީޒަން ފަހުބައި ކުޅުނީ މާލެ އޭނަ ހަދާ ގެއެއް ނިމެންދެން މާލޭ ގަ ހުންނަން ޖެހޭތީ.
ފުންއަސަރު
25 January 2018
މަރްހަބާ ދަގޭ. ބޭނުންވަނީ ދަގޭވެސް ނިއުގާ މޮލަށްކުޅެ 2018 ވަނަ އަހަރަކީވެސް ނިއުއަށް ކާމިޔާބު އަހަރަކަށް ހެދުން.
ހޯރަ
25 January 2018
އަހަރަމެން އަބަދުވެސް ދެކޭހިތްވަނީ ދަނގޭ ނިއުގައި ކުޅޭތަން ބަލަށް. ވަރަށް އުފާ ވެއްޖެ ނިއުގަ މަޑްކުރާ ގޮތަށް ނިންމީމަ