ނިއުގެ ކެޕްޓަން ދަގަނޑޭ (ކ-3) އާއި ސީނިއާ ވައިސް ކެޕްޓަން ސެންޓޭ (ކ) އާއި ވައިސް ކެޕްޓަން އަކްރަމް (ވ-2) އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން (ކ-2) އާއި ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު (ވ-3) އާ އެކު.
29 ޖެނުއަރީ 2018 - 20:04
ކުރިއަށް އޮތް ސީޒަނުގައި ނިއު ރޭޑިއަންޓުގެ ކެޕްޓަނަކަށް ގައުމީ ޓީމުގެ ވެސް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައިފި އެވެ.
އެ ޓީމުގެ ސީނިއާ ވައިސް ކެޕްޓަންގެ ގޮތުގައި އަލީ ފާސިރު (ސެންޓޭ) ދެމި ހުރިއިރު ވައިސް ކެޕްޓަނަކީ އަކްރަމް އަބްދުލްގަނީ އެވެ.
ދަގަނޑޭ އަށް ކެޕްޓަން ބޭންޑް ހަވާލުކޮށްދެއްވީ އެ ކްލަބުގެ އާ ސްޕޮންސާ އުރީދޫ މޯލްޑިވްސްގެ ސީޢީއޯ ނަޖީބް ހާނެވެ.
ނިއު އިން ގޯލްކީޕަރު އިމްރާން މުހައްމަދު އަތުން ކެޕްޓަންކަން ނެގި ސަބަބެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އެގޮތަށް ނިންމީ އިމްރާން ވެސް އެދިގެންނެވެ. އަދި އެ ޓީމުގައި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވެސް ހުރުމާ އެކު އަންނަ ސީޒަނުގައި އިމްރާން ފުރަތަމަ އެގާރައިގައި ހުރިހާ މެޗެއް ކުޅޭނެ ކަމަށް ނުބެލެވޭތީ އެއީ ވެސް އާ ކެޕްޓަނެއް ހަމަޖެއްސި ސަބަބެއް ކަމަށް ލަފާކުރެވެ އެވެ.
އިމްރާން ވަނީ ނިއުގެ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. އޭނާ ބުނީ ކެޕްޓަން ބޭންޑް ގައުމީ ޓީމުގެ ވެސް ކެޕްޓަނަށް އަދި ވައިސް ކެޕްޓަންކަން ގައުމީ ޓީމުގެ ސީނިއާ ދެ ކުޅުންތެރިންނަށް ދިނުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
"އަޅުގަނޑު އެ ކުޅުންތެރިންނަށް މަރުހަބާ ކިޔަން،" އިމްރާން ބުންޏެވެ.
ނިއު އަށް ގިނަ އަހަރުތަކެއްގައި ކުޅެ ގިނަ ކާމިޔާބީތައް ހޯދާފައިވާ ދަގަނޑޭ ވަނީ ނިއު އަށް ކުޅުނު ފުރަތަމަ ސީޒަން ކަމަށްވާ 2006 ގެ ގައުމީ މުބާރާތުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިފަ އެވެ. އޭނާ ވަނީ ވީބީ އައްޑޫ އެފްސީގެ ކެޕްޓަންކަން ވެސް ގިނަ ދުވަސްތަކެއްގައި ކޮށްފަ އެވެ. އޭނާއާ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކުރީ 2009 ގަ އެވެ.
ކްލަބް ވެލެންސިއާ އިން 2001 ގައި ކެރިއަރު ފަށައި އެ ކްލަބަށް ހަތަރު އަހަރު ކުޅުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ގަ އެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ.
އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު އެނބުރި ނިއުއާ ގުޅުނީ 2012 ވަނަ އަހަރެވެ. އެ އަހަރު މެޗަކުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކޮށް އަދި ޕްރެޒިޑެންޓްސް ކަޕް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.
ޖެހިގެން އައި 2013 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ. އެ ފަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ ވަނީ 50 އަށް ވުރެ ގިނަ ގޯލް ޖަހައި ރެކޯޑް ހަދައިފަ އެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ނިއު ގެންގޮސްދިނެވެ. އޭނާ ތިން ވަނަ ފަހަރަށް ނިއު އަށް ބަދަލުވީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަމްލީހާ
30 January 2018
މީ ކަމުދާ ގޮތެއްނޫން. އެއްވެސް ވަރަކަށް މީޑިއާ ވާހަކަނުދައްކާ މީހަކު ކެޕްޓަނަކަށް ހަމަޖެއްސީ. ދަގޭ އަށްވުރެ ސެންޓޭ އާއި އަކުރަމް ވެސް ތިކަމަށް ރަނގަޅުވާނެ. ނިއުރޭޑިއަންޓް ފަދަ ކުލަބެއްގެ ކެޕްޓަން ވާންޖެހޭނެ ވާހަކަ ދައްކާ ހަދާ މީހަކަށް. ކުލަބުގެ އެންމެ އިސްކުޅުންތެރިޔާ އަކީ ތިމާގެ އަމިއްލަ ކަންކަމާހެދި އާއި ކުރިން ހެދިފައިހުރި ގޯސްތަކުގެ ސަބަބުން މީޑިއާއާ ދުރުގައި ހުންނަ މީހަކަށް ވެގެންނުވާނެ. ކުޅެން މޮޅަކަށް އަދި ކެޕްޓަންކަމަކީ ތަފާތު އެއްޗެއް. މިފަދަ ސަބަބުތަކާހުރެ އިމްރާން އަތުން ކެޕްޓަންކަން ނަގަންޖެހޭ ސަބަބެއްނެތް. ފުރަތަމަ 11 އަށް ނޭރުމަކީ ކެޕްޓަން ބަދަލުވާންޖެހޭ ސަބަބެއްވެސްނޫން. މިކަމުން އެނގެނީ ކުލަބަށްވުރެ ބޮޑެތި މީހުން ތިބިކަން ނިއުރޭޑިއަންޓްގައި ވެސް.
ފުންއަސަރު
30 January 2018
ނިންމުން ގޯހެއްނޫން. އިމްރާންވެސް ބޭނުންވާނީ އެގޮތް. އިމްރާންއަކީ ވަރަށް ދުރުވިސްނޭ އަޚުލާގު ރަނގަޅު ކުޅުންތެރިއެއް. މިހާދުވަހު އެއްވެސް ވެއްޓުމެއްނެތި އެ ހިފެހެއްޓެނީވެސް ރަނގަޅު އަޚުލާގެއް ގެންގުޅޭތީ. ކަމަށް ކަމޭހިތާތީ. ކޯޗުންގެ ބަސްއަހާތީ. އެހެންވީމާ އިމްރާންއަތުން ޓީމުގެ ކެޕްޓަންބޭންޑު ނެގުމަކީ އިމްރާންގެ ހިތްމަރުވާނެ ކަމެއްނޫން. އަދި އިމްރާން ހުންނަ ޓީމަކަށް ފުލް ދޭނެ.
ލައިށާ
30 January 2018
އިންމަ ފަކީރު މުސްކުޅިވި ދުވަހު ތިހެން ހަދާކައް ނުވާނެ އެއްނު.
ވިނޯދް
30 January 2018
ތިއުޅެނީ އިންމަ ބޭރު ކުރަން ވެގެން. ފުރަތަމަ ބޭންޑް ދެން އަންގި.
ފެހެންދޫ ބޯއީޒް
29 January 2018
ހޮކޭ ހަމަ ރަސްމީކޮށް ބޭރުކުރީދޯ
ނިޔާސާ
29 January 2018
ކީއްވެ އިންމަ އަތުން ބޭންޑު އަތުލީ. ވަރައް އަން ފެއާ އިނގޭ ޒިޔާދޫ.
ގަދަ
29 January 2018
އިމްރާން ތިޔައީ ނިއުގެ ދިރުން. ހާދަ ހިތް ހެޔޮ ދުރު ވިސްނޭ މީހެއް. ކާމިޔާބު ބޭނުންވަނީ ގޯލްގައި އިމްރާން ހުރެގެން. ރަންމެޑަލް އެއްބޭނުން..އޭއެފްސީގައި... އިމްރާން ގޯލްގައި ހުރުމުން މެޗު ބަލަން ހަމަޖެހިލާގެން އިދެވެ...