ކުޅިވަރު / މާޒިޔާ ސ.ރ.ކ

ޓީސީ އަށް ކުޅުުނު ސްޓެވާޓް މާޒިޔާ އަށް

ލަނޑު ޖެހުމަށް ފަހު ސްޓެވާޓް އުފާފާޅުކުރަނީ: މި ސީޒަނުގައި އޭނާ ފެންނާނީ މާޒިޔާ އިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

03 ފެބުރުއަރީ 2018 - 20:21

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް މާޒިޔާއާ ގުޅިއްޖެ އެވެ.

މީގެ އިތުރުން މާޒިޔާ އިން ވަނީ މިދިޔަ އަހަރު އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗް ވެސް އަލުން ގެނެސްފަ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މާޒިޔާ އަށް ގެނެސްފައިވަނީ އިޓަލީގެ ގޯލްކީޕަރެއް ކަމަށްވާ މައުރޯ ބޮއެޗިއޯ އެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީ ތިން ކުޅުންތެރިން ވެސް އަންނަ ހަފްތާ ތެރޭގައި ޓީމާ ގުޅޭނެ އެވެ.

ކުރިން ސެއިން ވިންސެންޓް ގައުމީ ޓީމަށް ވެސް ކުޅުނު ސްޓެވާޓް ވަނީ މިދިޔަ ސީޒަނުގައި ޓީސީ އަށް ކުޅެދިން މެޗުތަކުގައި އެ ޓީމަށް 22 ގޯލު ކާމިޔާބު ކޮށްފަ އެވެ. އަދި ޓީސީން މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރިއިރު ސްޓެވާޓް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އުމުރުން 28 އަހަރުގެ ސްޓެވާޓަކީ އެމެރިކާގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އޭގެ ފަހުން އޭނާ ވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އެއް ވަނަ ޑިވިޝަން ކްލަބް މޯވަންޓް ކެލަޑޯނިއާ ޔުނައިޓެޑާއި ފިންލެންޑުގެ ތިން ކްލަބަށް ކުޅެފަ އެވެ. އޭނާ ކުޅުނު ފިންލެންޑް ކްލަބްތަކަކީ އެ ގައުމުގެ ފުރަތަމަ ޑިވިޝަންގެ ވޯސަން ޕޮލުސޭރާ އާއި ޕޮލުސޭރާ ކެމީ ކިންގްސް އަދި ދެ ވަނަ ޑިޝަންގެ ކްލަބް އޮއުލޫން ޕޮލުސޭރާ އެވެ.

ސްޓެވާޓް ވަނީ ވިންސެންޓްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް 14 މެޗުން 13 ލަނޑު ޖަހައިފަ އެވެ. އަދި 2008 ވަނަ އަހަރު ސީނިއާ ގައުމީ ޓީމުން އޭނާ ފުރަތަމަ ފަހަރަށް ފުރުސަތު ހޯދީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން އޭނާ ސީނިއާ ޓީމަށް ކުޅުނު 36 މެޗުން ވަނީ 13 ލަނޑު ޖަހައިފަ އެވެ.

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން މިލޯސް (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވަސެވިޗަކީ މިދިޔަ ސީޒަނުގައި މާޒިޔާ އިން އެސްޓީއޯ މާލޭ ލީގު ޗެމްޕިއަންކަން ހޯދިއިރު އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި އޭއެފްސީ ކަޕުގައި ވެސް އޭނާ ދެއްކި ކުޅުން ފާހަގަކޮށްލެވެ އެވެ. ކޮވަސެވިޗަކީ ސާބިއާގެ ސުޕަ ލީގުގެ ހަޖުކް ކުލާ އާއި ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ނޮވީ ސާޑް އަދި ލިތުއޭނިއާގެ ފުރަތަމަ ޑިވިޝަންގެ ސުޑޫވާ އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކޮވަސެވިޗް ވަނީ ސާބިއާގެ ޔޫތު ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ.

މާޒިޔާ އިން ވަނީ އަންނަ ސީޒަނަށް ޓީސީގެ އުއްމީދީ މިޑްފީލްޑަރު ނާއިޒް ހަސަން (ދާދު) އާއި ގްރީން ސްޓްރީޓްސްގެ އުއްމީދީ މިޑްފީލްޑަރު އަހުމަދު ހަސަން (އައްމަޑޭ) އާއި އަހުމަދު ނިޒާމް އަދި އީގަލްސްގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ގެނެސްފަ އެވެ.

އަދި ނިއު ރޭޑިއަންޓަށް ކުޅުނު ފާރޫގު އިސްމާއިލާއި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތ. ތިމަރަފުށީ ޓީމަށް މޮޅު ކުޅުމެއް ދެއްކި އާދަމް ނާސިހުގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާގެ ޒުވާން ޓީމަށް މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޖުނައިދު ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454