ޒިޔަޒަން އޭދަފުށީ ޓީމުގެ ޖާޒީގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ފެބުރުއަރީ 2018 - 11:48
މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ވިކްޓަރީ އަށް ސޮއިކޮށްފި އެވެ.
ނިއު އިން އޭނާ ދޫކޮށްލީ، ސިޔާމް މައުރޫފް ސޮކާ ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ހަސަން އަބްދުލްހަކީމް ގެނައުމަށް ފަހު އެވެ. އެ ޓީމުގައި ދެން ތިބީ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ މިހާރުގެ އެއް ނަމްބަރު ކީޕަރު މުހައްމަދު ފައިސަލެވެ.
ވިކްޓަރީއާ ޒިޔަޒަން ގުޅުނުއިރު އެ ޓީމުގައި، ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު އިމްރާން ވެސް އެބަހުއްޓެވެ.
ވިޔަންސާ އިން ފާހަގަވުމަށް ފަހު ނިއު އަށް 2011 ވަނަ އަހަރު ކުޅުނު ޒިޔަޒަން ވަނީ ގައުމީ ޓީމުން ވެސް އޭރު ފުރުސަތު ހޯދައިފަ އެވެ. އެކަމަކު އަނިޔާ އާއި ފުރުސަތު ނުލިބުން ފަދަ މައްސަލަތައް ދިމާވެ އޭނާ ގަލޮޅު ދަނޑުން ގެއްލުނީ އެވެ. އޭގެ ފަހުން އޭނާ ވިދާލީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގައި އުފަން ރަށް ބ. އޭދަފުށީ ޓީމަށް ކުޅުނުއިރެވެ. އެއަށް ފަހުން އަލުން ނިއުއާ ގުޅުނީ މިދިޔަ ސީޒަނުގަ އެވެ. އަދި ކީޕަރު އިމްރާނަށް އަނިޔާވުމުން ބައެއް މެޗުތަކުގައި ކުޅުނެވެ.
ވިކްޓަރީން އާ ސީޒަނަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ކުރީގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި ގޯލްކީޕަރު މުހައްމަދު އިމްރާނާއި ސްޕެނިޝް ފޯވާޑް އެންހެލް މުނޯޒް އަދި ފޯވާޑް އަލީ ނާފިއު (ކަޅޭ) ހިމެނެ އެވެ.
މީގެ އިތުރުން އެ ޓީމުން ގެނައި ކުޅުންތެރިންގެ ތެރޭގައި ވެލެންސިއާ އިން ފެނުނު އަހުމަދު ވިސާމް (ޖެރާޑް) އާއި ހުސެއިން ނިހާން (ނިހާޓް) އާއި އިބްރާހިމް ހަމްދާން އާއި މުހައްމަދު ފުހެއިދު (ޓޯޑް) އާއި ނިއު ރޭޑިއަންޓަށް ކުޅުނު މުހައްމަދު ޝާދިން އާއި އާދަމް އިޝާމް ހިމެނެ އެވެ.
ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ވެސް އެ ޓީމަށް ކޯޗުކޮށްދީފައިވާ ހަންގޭރީގެ ލާސްލޯ ކިސް އެވެ. ވެލެންސިއާ އަށް ތިން ފަހަރެއްގެ މަތިން ކޯޗުކޮށްދީފައިވާ ކިސް އަކީ ރާއްޖެ މިހާތަނަށް އައި އެންމެ ކާމިޔާބު އެއް ބިދޭސީ ކޯޗެވެ.
ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވީ ފުރަތަމަ ޓާގެޓަކީ މާލޭ ލީގުގެ ގަދަ ހަޔެއްގެ ތެރޭ ހިމެނި ޕްރިމިއާ ލީގުން ފުރުސަތު ހޯދުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy