ގައުމީ ފުޓްބޯޅަ ޓީމަށް އާ ކޯޗަކު ހޯދުމުގެ މަސައްކަތްކުރަމުން އަންނައިރު ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމުގައި ތަޖުރިބާހުރި ކޯޗަކަށް އިސްކަންދޭނެ ކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޓިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވެއްޖެ އެވެ.
ގައުމީ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓުގެ ކޮންޓްރެކްޓް މި މަހު ހަމަވާއިރު ކޮންޓްރެކްޓް އާނުކުރަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އެހެންވެ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް އަންނަނީ ކުރަމުންނެވެ.
ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ސާންތީ ވިދާޅުވީ ސީވީތައް ލިބެމުން އަންނަ ކަމަށާއި އެގޮތުން ކޯޗުން މިހާރު ވެސް ޝޯޓްލިސްޓްކުރަން ފަށާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގައުމީ ޓީމު ހަވާލުކުރާނެ ކޯޗެއް ކަނޑައަޅާނީ ޓެކްނިކަލް ކޮމިޓީންނެވެ. އެއަށް ފަހު އެ ނަން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ފާސްކުރާނެ އެވެ.
ސާންތީ ވިދާޅުވީ އާ ކޯޗެއް ހޯދާއިރު އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ ހުރި މީހަކަށް ވެސް އިސްކަންދޭނެ ކަމަށާއި އެކަމަކު އެފްއޭއެމުން މިވަގުތު އެންމެ ބޮޑަށް ވިސްނަނީ ޒުވާން ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް ކަމަށެވެ.
"ޓީމުގައި ޒުވާން ކުޅުންތެރިން ވަރަށް ގިނަ. މިއީ ގައުމީ ޓީމުގެ ޓްރާންސިޝަނަކަށް ވެސް ދާ ވަގުތު. މުޅިން އާ ކުޅުންތެރިންތަކެއް އެބަތިބި އަރަން. އެހެންވީމާ އެގޮތުން ބަލާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދެން ޔޫތު ޑިވެލޮޕްމަންޓަށް މަސައްކަތްކުރާނެ ކޯޗަކަށް،" ސާންތީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމާޒަކީ އެސްޓީއޯ މާލޭ ލީގު ފެށެންވާއިރަށް ނުވަތަ ލަސް ވެގެން، ފުރަތަމަ ދެ ތިން މެޗެއް ނިމެންވާއިރަށް ކޯޗު މާލެ ގެނައުން ކަމަށެވެ. މާލޭ ލީގު ފަށާނީ މި މަހުގެ 25 ގަ އެވެ.
ގައުމީ ޓީމަށް އެންމެ އަވަހަށް އޮތީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަހަރުގެ މާޗު 27 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެކަމަކު ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ އެ މެޗުގެ މުހިއްމުކަން ވެސް ވަނީ ކުޑަވެފަ އެވެ.
މި އަހަރު ގައުމީ ޓީމަށް އޮންނާނެ އެންމެ މުހިއްމު މުބާރާތަކީ ސެޕްޓެމްބަރު 4-15 އަށް ބާއްވާ ސާފް ޗެމްޕިއަންޝިޕެވެ.
ސާންތީ ކުރިން ވިދާޅުވީ މި އަހަރު އެފްއޭއެމުން އެންމެ އިސްކަންދެނީ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައިދޭން ކަމަށާއި އެހެންވެ ގައުމީ ޓީމަށް ވަގުތު ދިނުމަށް 25 ދުވަހަށް ސީޒަން މެދުކަނޑާލާނެ ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗުކަމަށް ސްޓެވާޓް ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަމަޖެއްސީ މައިގަނޑު ދެ ޓާގެޓެއް ހަވާލުކޮށްފަ އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި ސާފް ޗެމްޕިއަންޝިޕެވެ. އެކަމަކު ކޮލިފައިންގައި އޭނާއާ އެކު ރާއްޖެ އަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ. ފަސް މެޗު ކުޅެފައިވާއިރު ރާއްޖެ މޮޅުވީ ބޫޓާން އަތުން އެކަންޏެވެ