އޭދަފުށީގެ ސިފާހް (ވ) އަތުން ބޯޅަ ހޯދަން ތިމަރަފުށީގެ މުނާޒް މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ފެބުރުއަރީ 2018 - 10:11
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް މި ފަހަރު ލިބުނު ތަރުހީބު ކުޑަވެއްޖެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި 81 ޓީމެއް ވާދަކުރިއިރު މި ފަހަރު ބައިވެރިވީ 57 ޓީމަކުންނެވެ. މި ފަހަރުގެ މުބާރާތުގައި މިދިޔަ އަހަރުތަކުގައި ގަވާއިދުން ކުޅުނު ބައެއް ޓީމުތައް ވާދަނުކުރެ އެވެ. މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ށ. މިލަންދޫ ވެސް މި ފަހަރު ނުކުޅެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ގަވާއިދަށް ވަނީ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރާ ޓީމުތަކުގެ ގޮތުގައިވަނީ ކަނޑައަޅައިފަ އެވެ. އެކަމަށް ޓީމުތައް އެހާ ބޮޑަށް އަހުލުވެރިކުރެވިފައެއް ނުވެ އެވެ. އެހެންވެ ބެލެވޭ ގޮތުގައި މި ފަހަރު ޓީމުތައް މަދުވީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކުރެވުމުންނެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި މި ފަހަރު ވާދަނުކުރަން ނިންމި ޓީމެއްގެ އޮފިޝަލަކު "މިހާރަ"ށް ބުނީ އަހަރުން އަހަރަށް މުބާރާތަށް ބަދަލު ގެންނައިރު ބޭނުންވާ ވަރަށް މައުލޫމާތު ނުލިބޭ ކަމަށެވެ.
"މުބާރާތުގެ ފޯމެޓް ބަދަލުވޭ ކޮންމެވެސް ގޮތަކަށް ކޮންމެ ފަހަރަކު. ދެން ހަރަދު ކުރަން ޖެހޭ ގޮތުން ވެސް އެބަޖެހޭ ވިސްނަން ކުރެވޭ ކަންތައްތަކުގެ ބަދަލު ލިބޭތޯ. ދެން މީގެ ވާ ގޮތަކީ ކުޅެން ތިބޭ ކުޅުންތެރިންނަކީ އެކި ވަޒީފާ އަށްދާ ކުޅުންތެރިން. ކަނޑައަޅާ ތާރީހުތަކާ އެއްގޮތަށް ގިނަ ފަހަރު މެޗުތައް ނުދާތީ އެވެސް ދިމާވާ ދަތިކަމެއް،" އޭނާ ބުންޏެވެ.
މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގައި ވެސް އޮންނާނީ އަތޮޅު ބުރާއި ޒޯން ބުރަށް ފަހު ފައިނަލް ބުރެވެ. ފައިނަލް ބުރުގައި ކުޅޭނީ މިދިޔަ އަހަރުގެ ގަދަ ހަތަރު ޓީމާއި މި އަހަރުގެ އަށް ޒޯނުގެ ޗެމްޕިއަނުންގެ މެދުގަ އެވެ. ޕްރިމިއާ ލީގަށް ހޮވޭނީ މީގެ ތެރެއިން ގަދަ ހަތަރު ޓީމެކެވެ.
"މިިދިޔަ އަހަރު އެފްއޭއެމުން ވެސް ޓީމުތަކާ ބައްދަލުކުރިއިރު އަޅުގަނޑު އެހިން. ގަދަ ހަތަރެއްގައި ހިމެނިއްޖެނަމަ ދެން އޮންނަ އަހަރުގައި ކިހިނެއްތޯ އޮންނާނީ. އަނެއްކާ ވެސް އެ ޓީމެއް ސުމަކުން ފަށާނީތޯ. އެ ފަހަރު އެފްއޭއެމުން ބުނި ސީދާ ގޮތެއް ދަންނަވަން ނޭނގޭ ކަމަށް. އެކަމަކު މި ފަހަރު ޝެޑިއުލް ކޮށްފައި އޮތް ގޮތުން މި އޮތީ ސީދާ ފައިނަލް ބުރުގައި އެ ޓީމުތައް ކުޅޭގޮތަށް. މިކަން ވެސް ކުރިން އަންގާފައި ނެތުމުން ގެއްލުން މި ލިބެނީ ކުޅުންތެރިންނަށާއި ޓީމުތަކަށް،" އެހެން ޓީމެއްގެ އޮފިޝަަލަކު ބުންޏެވެ.
މިނިވަން ޗެމްޕިއަންޝިޕަކީ މިހާރު އެފްއޭއެމުން ރާވާ ހިންގާ މުބާރާތްތަކުގެ ތެރެއިން އެންމެ ފޯރިގަަދަ މުބާރާތެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކާއި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ރަނގަޅެވެ. އެކަމަކު މިނިވަން ޗެމްޕިއަންޝިޕްގައި އޮތް ފޯރިއެއް ނެތެވެ. އެފްއޭއެމުން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން އަހަރުން އަހަރަށް އިވަލުއޭޓްކޮށް އެކި ޕްލޭންތައް ހަދަ އެވެ. މި ފަހަރު މިނިވަން ޗެމްޕިއަންޝިޕަށް ލިބުނު ތަރުހީބު އެހެން އަހަރުތަކަށް ކުޑަވުމަކީ އަންނަ އަހަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ ކަމުގެ ހެއްކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޤުބަސް18
02 March 2018
ބައްސާމުމެންގެ ބަޔަސްކަމުން ފޫހިވަނީ..ފުރަތަމަ ތިޔަ މުބާރާތް ބޭއްވި އަހަރުވެސް ކޮލިފައިން މެޗުތައްނިމި އުތުރުގެ ޒޯނަކުން އެއްވަނައަށް ޓީމެއް ގޮއްސައޮއްވާ އެޒޯނުން 2 ވަނައަށް ދިޔަ ޓީމު މާކުރިން ކުޅެ ޑްރޯވި މެޗެއްގައި އިދިކޮޅު ޓީމުގެ ޑިސިޕްލިންގ ހުރިގޮތުންނޭކިޔާފަ 2 ސުމަކުން މި ބުނާ 2 ވަނައަށް ދިޔަޓީމު އެމެޗުން މޮޅުވީކަމަށް ނިންމައި އިތުރު 2 ފޮއިންޓް ދީގެން އެބަހުރި ބޭނުންވާ ޓީމު އެއްވަނައަށް ގެނެސްފަ. އޭގެ އަޑީގަވެސް އެފްއޭއެމްގެ އޭރުގެ ޖެނެރަލް ސެކެޓްރީ ބައްސާމު ހުންނެވިކަން އެންމެން ދަނޭ.. ދެން ކޮންފުޓުބޯޅައެއް ކުރިއެރުވޭނީ؟
ދާގީނާ
01 March 2018
މައްސަލަ އަކީ ރާއްޖެތެރޭގެ ހާލަތަށް ނުބަލާ، ނަމަކަށް ތި މުބާރާތް ހިންގާތީ! އެންމެ ކުރިންވެސް އަހަރެން ބުނިން ތި މުބާރާތް ބޭއެއްވިޔަސް 200 ރަށުން 200 ޓީމު ނުނިކުންނާނޭ، އެގޮތަށް އުންމީދު ކޮށްގެންވެސް ނުވާނޭ! ތިއަށްވުރެވެސް ހަރުދަނާކޮށް، ކަމާވެގެން ތި މުބާރާތް ގަވަައިދުން ބާއްވަން ފެށީމަ ތީގެ އަސްލު ނަތީޖާ ފެންނާނެ. ނާތީޖާ ވަޒަން ކުރަންވީކީ ބައިވެރިވާ ޓީމްތަކުގެ އަދަދަކުން ނޫން! މިހާރުވެސް ވެގެން ވިއްޔާ ކޮންމެ އަތޮޅަކުންވެސް ހުރިހާ ރަށެއްވެގެން 1 ޓީމް ނެރެވޭތޯ ބަލަންވީ އޭރުން ޓީމް ވަރުގަދަ ވެފަ، ޚަރަދުވެސް ކުޑަ ވާނެ (އަތޮޅު ބުރު ކުޅެން ނުޖެހޭނެތީ).
ރާއްޖެ
28 February 2018
ދިވެހިންނަށް އުދަގޫވާނެ ވަކި ގަވާއިދަކުން، ވަކި އުސޫލަކުން ކަންކަން ކުރަން ޖެހުނީމަ.
ސައިނީ
28 February 2018
އެފްއޭއެމް އިން ގަބޫލް ކުރަންވެއްޖެ ދޯ މިހާރު ފުޓްސަލްކަން ރާއްޖޭގެ ގައުމީ ކުޅިވަރަކީ އެދުވަހަކުން ހުރިހާކަމެއް ވެސް ދާނީ ބަރާބަރަށް
އާރީ
28 February 2018
އަމާބުނީމަ ފަރަހަށް ދާ ހެން އެފްއޭއެމް ހިންގަނި
ނާޑް
28 February 2018
ބޮޑު ހަރަދު ކޮށްގެން ބައިވެރިވާ ވަރުގެ މުބާރާތެއް ނޫން ތީކީ...