ނިއު ވަރުގަދަ ވިޔަސް މާޒިޔާ އަށް މޮޅުވެވޭނެ: އިންމަ

އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ނިއު ރޭޑިއަންޓަކީ މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް މާޒިޔާ އަށް އެ ޓީމުގެ މައްޗަށް ކުރިހޯދޭނެ ކަމަށް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.


ލީގުގައި ނިއު ފުރަތަމަ ކުޅުނު މެޗުން ވަނީ ޓީސީ އަތުން 3-0 އިން މޮޅުވެފަ އެވެ. އެހެން ނަމަވެސް މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވަނީ 2-2 އިން ގްރީން ސްޓްރީޓްސްއާ އެއްވަރުވެފަ އެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އިންމަ ބުނީ ކުރީ މެޗުގައި ހިނގާދިޔަ ކަންތައްތަކުން އެ ޓީމުގެ ކުޅުންތެރިންނަށް ފިލާވަޅު ލިބިފައިވާ ކަމަށެވެ.

"ކުރިން ދިމާވި ކަމެއް ނިއު ރޭޑިއަންޓް މެޗުގައި ދިމާ ނުވާނެ. އަޅުގަނޑުމެން ވަކި ހާއްސަ ގޮތަކަށް ތައްޔާރެއް ނުވާނަން. އެހެން ނަމަވެސް ނިއު ރޭޑިއަންޓް ޓީމަކީ މޮޅު ޓީމެއްކަން އެނގިގެން އަޅުގަނޑުމެން ދަނޑަށް އަރާނީ. އެ ޓީމު ހިފެހެއްޓުމުގެ ގާބިލްކަން ވެސް އެބަހުރި. އެ ޓީމު މައްޗަށް އަތްގަދަވުމުގެ ބާރު ވެސް ހަމަ އަޅުގަނޑުމެންގެ ކުޅުންތެރިންގެ އެބަހުރި. ހިތްވަރާ އެކު މި މެޗު ކާމިޔާބު ކުރުމުގެ އަޒުމުގައި އަޅުގަނޑުމެންގެ ކުޅުންތެރިން ތިބީ،" އިންމަ ބުންޏެވެ.

ނިއުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު މާޒިޔާ ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ ތަޖުރިބާ މަދު ކުޅުންތެރިންނެވެ. އެހެން ނަމަވެސް އިންމަ ދެކޭ ގޮތުގައި މެޗަކަށް ނުކުންނައިރު، ތަޖުރިބާ އަށް ވުރެން ބޮޑަށް މުހިއްމީ އެ ދުވަހަކު ދައްކާ ކުޅުމެވެ.

"ނިއުގައި އެ ތިބީ ހަމަ ވަރަށް ތަޖުރިބާކާރު ވަރަށް ދުވަސްވެފައި އަދި ގައުމީ ޓީމުގެ ވެސް ގިނަ ކުޅުންތެރިން. ގައުމީ ސްކޮޑުގައި ވެސް ހިމެނޭ ގިނަ ކުޅުންތެރިން. ދެން އަޅުގަނޑުމެން ޓީމުގައި ވެސް ހަމަ ގައުމީ ޓީމުގެ ކުޅުންތެރިން އެބައުޅޭ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުޅުންތެރިން ދަނޑުމަތީގައި ކުރާ މަސައްކަތް މި ޑިފަރެންސް މި ގެންނަނީ. އެވަރުގެ ނަން މަޝްހޫރު ތަޖުރިބާހުރި ކުޅުންތެރިން ނެތަސް އަޅުގަނޑުމެންގެ ޓީމު މިތިބީ އެމީހުންނަށް ދޫކުރާ ގޮތަކަށް ނޫން. އަޅުގަނޑުމެން މޮޅުވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު،" އިންމަ ބުންޏެވެ.

ޕްރީ ސީޒަނުގައި ނިއު އާއި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން: މާޒިޔާގެ ދާދު (ވ) ނިއުގެ ބޮބީ ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި މެޗުން މާޒިޔާ ބަލިވެއްޖެނަމަ އެ ޓީމަށް ފުރަތަމަ ދެ މެޗުން ފަސް ޕޮއިންޓް ގެއްލޭނެ އެވެ. އަދި ލީގުގައި އެ ޓީމާ އެންމެ ބޮޑަށް ވާދަކުރާ ނިއުއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ބޮޑުވާނެ އެވެ. އިންމަ ބުނީ ލީގުގެ މަގާމުތަކުގެ ވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ.

"ލީގު އަދި މި ފެށުނީ. ލީގަށް ވާދަކުރާ ފޭވަރިޓް ތެރޭގައި ނިއު ރޭޑިއަންޓް ވެސް ހިމެނޭ. ދެން މީގަ އަޅުގަނޑުމެން ފުރަތަމަ މެޗަށް ފަހު މި ނުކުންނަނީ ސީޒަނުގެ ވެސް ދެ ވަނަ މެޗަށް. މި ހިސާބުން އަދި ކަނޑަނޭޅޭނެ. ޕްރެޝަރާ އެއްޗެހި އޮންނާނެ ހަމަ ހުރިހާ އެންމެނަށް ވެސް. ކުޅުންތެރިންތެރިންނާއި ކޯޗުންނަށްވެސް. އަޅުގަނޑު މި ބަލަނީ ކުޅުންތެރިންގެ ބޮލުން ޕްރެޝަރު ދުއްވާލެވޭތޯ. މާޒިޔާ ފަހަތަށް ނުޖެހޭނެ، ދާނީ ކުރިއަށް،" އިންމަ ބުންޏެވެ.

މިދިޔަ ސީޒަން އެންމެ ކާމިޔާބުކޮށް ނިންމާލި ނިއުއާ މި ސީޒަނުގެ ލީގުގައި އެންމެ ފުރަތަމަ ދެ މެޗުގައި ވަރުގަދަ ދެ މެޗެއް ކުޅެން ޖެހުމަކީ ނިއުގެ ކޯޗު އޮސްކާ ބްރުޒޮން އަށް މާ ބޮޑު ޗެލެންޖަކަށް ނުވި އެވެ. އޭނާ ބުނީ އެކަމަށް ރަނގަޅަށް ތައްޔާރުވީ ޕްލޭނަކާ އެކު ކަމަށެވެ.

"ލީގު ފެށުމުގެ ކުރިން ކަލަންޑަރާ މެދު ވަރަށް ގިނަ ވާހަކަތަކެއް ދެކެވުނު. ޝެޑިއުލާ ބެހޭގޮތުން. އަހަރެން ވިސްނީ އަމިއްލަ ޝެޑިއުލަށް. އެގޮތަށް ބަލާއިރު ޓީސީ އަތުން ލިބުނު ތިން ޕޮއިންޓާ އެކު މުހިއްމު ފިޔަވަޅެއް ކުރިއަށް އެޅިއްޖެ. ދެން މާޒިޔާ އަތުން މޮޅުވެވިއްޖެނަމަ ދެން އެ ދިޔައީ އަހަރެންގެ ޝެޑިއުލާ އެއްގޮތަށް،" އޮސްކާ ބުންޏެވެ.

އޮސްކާ ނިއުއާ ހަވާލުވި ފަހުން ނިއު މިހާތަނަށް ބަލިވެފައިވަނީ މާޒިޔާ އަތުން އެކަންޏެވެ. އެއީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޮސްކާ ބުނީ މި އަހަރު މާޒިޔާ އިން ބަދަލުތަކެއް ފެނުނު ނަަމަވެސް މި މެޗު އުނދަގޫވާނެ ކަމަށެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަރެމެން މި ނުކުންނަނީ ވަރަށް މޮޅަށް ކުޅޭ ޓީމަކާ ދެކޮޅަށް. ޕޮއިންޓުގެ ގޮތުން އެޑްވާންޓޭޖެއްގެ ވާހަކަ ދައްކަން އަދި އަވަސް. އެއީ އަދި އެބަހުރި މާޒިޔާ އާއި ޓީސީ ކުޅޭ މެޗުތައް ވެސް. ދުނިޔޭގެ އެއް ވެސް ލީގެއް ދެ މެޗަށް ފަހު ގޮތެއް ނުނިންމޭނެ. މި މެޗުގައި ހިނގާ ކަމަކުން އެއްވެސް ކަމެއް ފައިނަލެއް ނުވާނެ. އެއީ މި ދެ ޓީމުގެ އިތުރުން ވެސް މި ރޭހުގައި ޓީމުތަކެއް އެބަހުރި،" އޮސްކާ ބުންޏެވެ.

"ޕްރެޝަރު އޮތީ މާޒިޔާ އަށް. އެއީ މާލޭ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން. އަހަރެމެން މަސައްކަތް ކުރަނީ މި ތަށި ހޯދަން އެއީ މިދިޔަ އަހަރު މި މުބާރާތް އެކަނި ކާމިޔާބު ނުކުރެވުނީ. މާޒިޔާގެ ކަންތައްތައް ބަލައިފިން. ދެން އޮތީ މެޗުން މޮޅުވާން މަސައްކަތް ކުރުން."

އޭއެފްސީ ކަޕްގައި މި ފަހަރު ވާދަކުރާ ރާއްޖޭގެ ހަމައެކަނި ޓީމަކީ ނިއު އެވެ. އޮސްކާ ބުނީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށާއި މުޅި އަހަރަށް ބަލާއިރު މި ވަގުތު އެ ޓީމު އޮތް ފޯމު ވީހާވެސް ރަނގަޅަށް ދެމެހެއްޓުން މުހިއްމު ކަމަށެވެ.

"ރަނގަޅު ނަތީޖާތަކެއް މި ވަގުތު މުހިއްމު. އެއީ އަހަރެމެން އޭއެފްސީ ކަޕްގައި ވެސް ވާދަކުރަމުންދާތީ. އެއީ ދެ މުބާރާތަށް ވެސް އޭގެ ފައިދާ ބޮޑީ އަހަރެމެން މި އޮތް ރަނގަޅު ފޯމު ދަމަހައްޓައިގެން ކަމަށްވާތީ. މި ހުރިހާ ކަމަކަށް ވުރެ އަހަރެން އިސްކަންދެނީ ދުވަހަކަށް ވުރެ ދުވަހެއް ޓީމު ކުރިއަށް ގެންދަން. މިދިޔަ އަހަރު ޖޫން އިން ފެށިގެން މިއަދާ ހަމައަށް ކޮންމެ ދުވަހަކު ވެސް މި ޓީމުން އަންނަނީ ކުރިއެރުން ހޯދަމުން،" އޮސްކާ ބުންޏެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފެށިގެން ނިއު އިން އަންނަނީ މޮޅުވުމުގެ ސިލްސިލާ އެއް ދަމަހައްޓަމުންނެވެ. އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު 18 މެޗުން ވެސް މޮޅުވެފަ އެވެ. މިރޭ މާޒިޔާއާ ދެކޮޅަށް ނިއު ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.