އެސްޓީއޯ މާލޭ ލީގުގައި ނިއު އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 މާޗް 2018 - 08:56
މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށައިގެން މަހެއްހާ ދުވަސް ވެސް ނުވަނީ ދަނޑުގެ ވިނަގަނޑުގެ ހާލަތާ މެދު ބައެއް ކޯޗުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުގައި މި ދިޔަ މަހު 20 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާލޭގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗާ ބެހޭގޮތުން އިންޑިއާގެ ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބެންގަލޫރުގެ ކޯޗު އަލްބާޓް ރޮކާ ވަނީ ރާއްޖޭގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އެ މީހުން ބޭނުންވާ ގޭމެއް ކުޅެން ބަލާއިރު ދަނޑުގެ ވިނަގަނޑުގެ ހާލަތު ގޯސްވުމެވެ.
މި ފަހަރު އެސްޓީއޯ މާލޭ ލީގުގައި ނިއު ރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗަށް ފަހު އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ވެސް ވަނީ ދަނޑުގެ ވިނަގަނޑު އޮތްގޮތުން ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫ ކަމަށް ބުނެފަ އެވެ. އަދި މި ފަހަރު އެ ޓީމުން އޭއެފްސީ ކަޕްގައި ވާދަކުރާއިރު، ދަނޑުގެ ވިނަގަނޑުގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ދަނޑުގެ ހާލަތާ ގުޅޭގޮތުން އެންމެ ފަހުން ކަންބޮޑުވުން ފާޅުކުރި ކޯޗަކީ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އޭނާ ބުނީ ސީޒަންގެ މިހާ ކުރީ ކޮޅުގައި މި ފަދަ މައްސަލައެއް ދިމާވުމުން އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރާ ކަމަށެވެ.
"ރަނގަޅު ފުޓްބޯޅައެއް ނޫނީ ބިންމަތީގައި ޕާސް ކޮށްގެން ކުޅޭ ފުޓްބޯޅައެއް ކުޅެން ބަލާއިރުގައި ދަނޑުގެ ކޮންޑިޝަން އެންމެ ރަނގަޅެކޭ އަޅުގަނޑު ނުދަންނަވާނަން. ސީޒަނުގެ މިހާ ކުރީކޮޅުގައި ހަގީގަތުގައި ދަނޑުގެ ކޮންޑިޝަން މިހެން އޮތުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. އެއީ ބައިވަރު މެޗުތަކެއް ކުރިއަށް އެބައޮތް ސީޒަނުގައި،" މޯހަން ބުންޏެވެ.
އޭނާ ބުނީ އެފްއޭއެމުން ދަނޑުގެ ވިނަގަނޑު މައްސަލަ އަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.
ގަލޮޅު ދަނޑު އޮންނަނީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. އެ މިނިސްޓްރީން މީގެ ކުރިން ދަނޑުގައި ގަވާއިދުން ރޯލަރު އަޅަ އެވެ. އެކަމަކު މި ވަގުތު ރޯލަރު ހަލާކުވެފައި އޮތުމުން އެ މަސައްކަތް ކުރުމަށް ވަނީ ދަތިތަކެއް ދިމާވެފަ އެވެ.
"ރޯލަރު އޮތީ ހަލާކުވެފައި. އަލުން މަރާމާތު ކުރިޔަސް ހަލާކުވާތީ އާ އެއްޗެއް ހޯދުމަށް ވަނީ އިއުލާން ކުރެވިފައި. ދެން މި ވަގުތަށް ހައްލެއް ހޯދުމަށް އެމްއާރްޑީސީގެ ރޯލަރު އެޅުމަށް އެދިފައިވާނީ. އެ މަސައްކަތް ކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓާ އަހްމަދު އިބްރާހިމް "މިހާރަ"ށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބެ
09 March 2018
މީ އަޅެ ގައުމެއްތަ؟ ނޫނީ ކުދި ފަންތީގެ ވިޔަފާރި ކުންފުންޏެއްތަ؟
ނިއުފޭން
09 March 2018
ވިނަގަންޑު އެކަނިތަ؟ ދަންޑަ ވަންނާނެ މީހަކު މިހާރު ނުވޭ. 20ރުފިޔާ ޓިކެޓް. މިވެސް ބޮލު ރިހުމެއް
ައަޒީ
09 March 2018
އަދިވެސް ސިޔާސީ ކަންކަމުގާ ހޭބޯ ނާރާ އުޅެނީ...
މަސްކާށިދޫނި
09 March 2018
ތަމްރީނާ ތަޖުރިބާއެއްނެތް ހައެއްކަ ބަންގާޅީ ލޭބަރުންނާ ހަވާލުކޮށްގެން ކިހިނެތް އެކަންކުރާނީ؟