ޖޭޖޭ އަށް ސޮއިކުރުމަށް ފަހު އިބްރާހިމް ޝިޔާމް އެ ޓީމުގެ ޖާޒީ ދައްކާލަނީ.-- ފޮޓޯ: ޖޭޖޭ ސްޕޯޓްސް
11 މާޗް 2018 - 10:35
އަންނަ މަހު ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ޖޭޖޭ ސްޕޯޓްސް ކްލަބް ވަރުގަދަ ކޮށްފި އެވެ.
ޖޭޖޭ ސްޕޯޓްސް އަކީ 2011 ވަނަ އަހަރުން ފެށިގެން ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބެކެވެ. މިދިޔަ އަހަރު އެ ޓީމުން ވަނީ މުބާރާތަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ. އެހެން ނަމަވެސް އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ.
މި ފަހަރުގެ މުބާރާތަށް އެ ޓީމުން ވަނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ތަޖުރިބާކާރު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކުރިން ވެލެންސިއާ އާއި ވިކްޓަރީ އަދި ނިއު ރޭޑިއަންޓަށް ކުޅުނު އިބްރާހިމް ޝިޔާމް (ކުޑަ ތޮއްޑޫ) އާއި ވިކްޓަރީން ވިދާލި އަބްދުލް މުހައިމިން (މަންޗިނީ) އަދި ވެލެންސިއާ އަށް ގިނަ މެޗުތަކެއް ކުޅުނު އަބްދުއް ރަޝީދު މާހިރު (އަބޫ) ހިމެނެ އެވެ. އަދި މީގެ އިތުރުން ކުރިން އީގަލްސް އާއި ވެލެންސިއާ އަދި ނިއު އަށް ކުޅުނު ޒުވާން ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.
ޖޭޖޭ އިން ބުނީ މުބާރާތް ފެށުމުގެ ކުރިން ވަރަށް އަވަހަށް ބިދޭސީ ކުޅުންތެރިން ވެސް ޓީމާ ގުޅޭނެ ކަމަށާއި އަދި ވަރަށް އަވަހަށް ޓީމާ ހަވާލުވާނެ ކޯޗެއް ވެސް ނިންމާނެ ކަމަށެވެ.
މި އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުގެ ސީދާ ޖާގައެއް ލިބޭއިރު، ގިނަ ޓީމުތަކެއް ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ކުޑަހެންވޭރު ޔުނައިޓެޑް ހިމެނެ އެވެ. އެ ޓީމުން ވެސް ވަނީ ރަނގަޅު ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފަ އެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށަން އެފްއޭއެމުން ތާވަލްކޮށްފައިވަނީ އަންނަ މަހު 9 ވަނަ ދުވަހު އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ކުޑަހެންވޭރު އަތުން 4-1 އިން ކުރިހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކްލަބް ޒެފްރޯލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޔާށާ
12 March 2018
މިފަހަރަކީ ކުޑަ ހެންވެއިރުގެ ފަހަރެއް އިރާދަ ކުރެއްވިޔާ.
ރަދީފް
11 March 2018
ގުޑްލަކް.