ގައުމީ ޖާޒީގައި އަލަށް ވިދާލި ތަރިން

ރާއްޖޭގެ ފުޓްބޯޅަ ތާރީހަށް ބަލާއިރު އެއް ޓީމެއް އަތުން ރާއްޖެ އެންމެ ގިނައިން މޮޅުވެފައިވަނީ ބޫޓާން އަތުންނެވެ. ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަކުން ކުޅުންތެރިންގެ ވަކިވަކި ހުނަރާއި ފެންވަރު ވަޒަންނުކުރެވޭނެ ކަމަށް ބުނާ މީހުން ވެސް އުޅެ އެވެ. ޒުވާން ކުޅުންތެރިންތަކަކާ އެކު ނުކުމެ ގައުމީ ޓީމުން އަންގާރަ ދުވަހުގެރޭ ބޫޓާން އަތުން 7-0 އިން މޮޅުވި މެޗުގައި ބޮޑު ކްރެޑިޓެއް ހައްގުވަނީ އެ މެޗުގައި ހަތަރު ގޯލު ޖެހި ހަސަން ނާއިޒު (ދާދު) އަށެވެ. އެކަމަކު އެ މެޗުގައި ފުރުސަތު ލިބުނު އެހެން ކުޅުންތެރިން ވެސް ވަނީ ކުރު މުއްދަތުގެ ތެރޭގައި ދިން ފުރުސަތުގެ ބޭނުން ހިފައި، އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ.


މުހައްމަދު އިރުފާން (އިރޭ)

ކްލަބް ވެލެންސިއާގެ ޔޫތު ޓީމުން ސީނިއާ ޓީމަށް އައި މުހައްމަދު އިރުފާން (އިރޭ) އަސްލު ކުޅުން ފެންނަން ފެށީ އޭނާ 2014 ވަނަ އަހަރު މާޒިޔާ އަށް ބަދަލުވި ހިސާބުންނެވެ. ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އިރޭ އަށް ވާދަވެރި މެޗެއް ކުޅެލަން ޓީމުން ލިބުނު ފުރަތަކީ ބޫޓާން މެޗެވެ. އޭގެ ކުރިން އޭނާ ވަނީ އެކުވެރިކަމުގެ ދެ މެޗެއްގައި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އެކަމަކު އިރޭ ކްލަބްގައި ދައްކާ ފަދަ މޮޅު ކުޅުމެއް ފެނުނީ ބޫޓާން މެޗުގަ އެވެ. އެކަން ސެގާޓް ވެސް ވަނީ ފާހަގަކޮށްފަ އެވެ. ބޫޓާނާ ދެކޮޅަށް ރާއްޖޭގެ މެދުތެރޭގައި މުހައްމަދު އާރިފް (ބަކާ)އާ އެކު އިރޭ، 23، ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި ދެ ކުޅުންތެރިންނަކީ މީގެ ކުރިން އެކުގައި މާޒިޔާ އަށް ވެސް ކުޅުނު ކުޅުންތެރިންނެވެ.

ހުސެއިން ޝިފާއު ޔޫސުފް

ކްލަބް އީގަލްސްއާ އެކު ޔޫތު ފުޓްބޯޅަ މުބާރާތް ތިން ފަހަރު ކާމިޔާބުކުރި އުމުރުން 22 އަހަރުގެ ޝިފާއު އަކީ މީގެ ކުރިން ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އެހެން ނަމަވެސް މެޗަކުން މީގެ ކުރިން އޭނާ އަށް ފުރުސަތު ނުލިބެ އެވެ. އީގަލްސް ޓީމުގައި ގަވާއިދުން ހިމެނިގެން އައި ޝިފާއު އަށް ބޫޓާން މެޗުގައި ފުރަތަމަ އެގާރައިން ޖާގަ ލިބުނީ ސިންގަޕޫރު މެޗުގައި އެ މަގާމަށް ކުޅުނު އަސްހަދު އަލީ (އަޑޭ) ކުއްލި ގޮތަކަށް ރިޓަޔާކުރުމުންނެވެ. ޝިފާއު އަށް ގައުމީ ޓީމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި އޭނާ މެޗުގެ 90 މިނިޓް ހަމަކުރިއިރު، އޭނާ މެޗު ނިންމާލީ ގޯލެއް ވެސް ޖަހައިގެންނެވެ.

މުޖުތާޒް މުހައްމަދު (މުޖޭ)

ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު ފަހުން އީގަލްސް އިން ވިދާލި މުޖުތާޒް މުހައްމަދު (މުޖޭ) ވަނީ މީގެ ކުރިން 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ވެލީޒާ ޕޮފޯފްގެ ކޯޗުކަމުގައި ގައުމީ ސީނިއާ ޓީމުގައި ހިމެނުނު ނަމަވެސް ކުޅެން ފުރުސަތެއް ނުލިބެ އެވެ. މި ސީޒަނުގައި މާޒިޔާ އަށް ބަދަލުވެ ދައްކަމުން އައި މޮޅު ކުޅުމާ އެކު ގައުމީ ޓީމުން އުމުރުން 25 އަހަރުގެ މުޖޭ އަށް އަލުން ފުރުސަތު ލިބުނެވެ. ސިންގަޕޫރު މެޗުގައި މުޅިން އަލަށް ގައުމީ ޓީމަށް މެޗެއް ކުޅެދިނުމަށް ފަހު ބޫޓާން މެޗުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދި އެވެ. މުޖޭ އަކީ މި ވަގުތަށް ބަލާއިރު އެންމެ ކުރި އަރަމުން އަންނަ އެއް ވާތު ބެކެވެ. މުޖޭ އަކީ އެޓޭކުގައި ވެސް ބޭނުންކުރެވޭ ކުޅުންތެރިއެއް ކަމުން ސެގާޓްގެ ޕްލޭނުގައި އޭނާގެ ބޭނުން ވަރަށް ބޮޑަށް ހިފެ އެވެ.

އިބްރާހިމް ވަހީދު ހަސަން (އިއްބެ)

ފަހަކަށް އައިސް ރާއްޖޭގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރަކީ ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ގޯލާ ރަށްޓެހި މިޑްފީލްޑަރެއްގެ ގޮތުގައި ފެންނަ އިއްބެ، 22، އަށް މީގެ ކުރިން ޓީމުގެ ފުރަތަމަ އެގާރައިގެ ފުރުސަތު ނުލިބެ އެވެ. ސިންގަޕޫރާ ދެކޮޅަށް ދާދި ފަހުން ކުޅުނު އެކުވެރި ކަމުގެ މެޗަކީ ފުރަތަމަ އެގާރައިގައި އިއްބެ އަށް ލިބުނު ފުރުސަތެވެ. މަގާމު ދަމަހައްޓައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި އިއްބެ ވަނީ ގޯލު ވެސް ޖަަހައިފަ އެވެ. ރާއްޖޭގައި މި ވަގުތު ހުރި އެންމެ އުއްމީދީ މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އިއްބެ އަކީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށް ކުޅެވޭނެ ފަދަ ހުނަރުވެރި ކުޅުންތެރިއެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ބުނެފަ އެވެ.

އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)

ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން އަދި ފުރުސަތު ނުލިބި ތިބި އެ މަގާމު އެންމެ ބޮޑަށް ހައްގުވާ ކުޅުންތެރިންގެ ލިސްޓެއް ހަދާނަމަ އެންމެ ކުރީގައި އުޅޭނެ ކުޅުންތެރިޔަކީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އޭނާ ވަނީ ސިންގަޕޫރާ ދެކޮޅަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރާ ލަނޑު ޖަހައިފަ އެވެ. އަދި ބޫޓާން މެޗުގައި ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި އޭނާ ވަނީ އެހެން ކުޅުންތެރިންނަށް ލަނޑު ޖެހުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. ފުރަތަމަ ޑިވިޝަނަށް މިދިޔަ އަހަރު ތައާރަފްވި ފޭދޫ އިއްބެ، 24، އަކީ މި ވަގުތު އެންމެ ފޯމުގައި ހުރި އެއް ފޯވާޑެވެ.