ބޫޓާން އަތުން ރާއްޖެ މޮޅުވި މެޗުން ފާހަގަވި ހަތަރު ކަމެއް!

އުނދަގޫ ހާލަތެއްގައި އޮވެ ގައުމީ ފުޓްބޯޅަ ޓީމުން މިވަނީ އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ބޫޓާން އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ. މިއީ ފަހަކަށް އައިސް ގައުމީ ޓީމުން ނެރުނު އެންމެ ތަފާތު ބޮޑު މެޗެވެ. ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ މި މެޗުން ހާސިލްވާނެ ކަމެއް ނެތް ނަމަވެސް ޒުވާން ކުޅުންތެރިން އަރައި ދެއްކި ކުޅުމާ އެކު ގިނަ ބަޔަކަށް މިވަނީ ގައުމީ ޓީމާ މެދު އުއްމީދު އާވެފަ އެވެ. އެކަމަކު ކުރިމަގުގައި ވިސްނަން ޖެހޭނެ ފަދަ ކަންތައްތަކެއް ވެސް މި މެޗުން ފާހަގަވެފަ އެވެ.


ސަޕޯޓަރުންގެ އަދަދު އިންތިހާ އަށް މަދުވުން

ކްލަބް ފުޓްބޯޅައިގައި ފޯރި ނެތަސް ގައުމީ ޓީމު ކުޅޭއިރު، ފަހަކާ ޖެހެންދެއް ވެސް ދަނޑު ފުރެ އެވެ. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހު އެކަން ބަދަލުވެ މީހުން ވަންނަލެއް މަދުވާން ފެށި އެވެ. ރޭގެ މެޗުގައި އެކަން ވަރަށް ބޮޑަށް ފާހަގަވި އެވެ. ރަސްމީ ހިސާބުތަކެއް ލިބިފައި ނެތް ނަމަވެސް، ވަރަށް ބޮޑަށް ޔަގީންކުރެވޭ ގޮތުގައި ރޭގެ މެޗަކީ ގައުމީ ޓީމުގެ ތާރީހުގައި މިހާތަނަށް މާލޭގައި ކުޅުނު މެޗެއްގައި އެންމެ މަދުން ކުޅިބަލަން މީހުން ވަން މެޗެވެ. މިއީ އެފްއޭއެމުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ. ރޭގެ މެޗަކީ އަޅާނުލައި ތިބެއްޖެ ނަމަ އަތްނުފޯރާ ފަށަށް ކަންތައް ގޮސްދާނެ ކަމުގެ ވަރުގަދަ އިންޒާރެކެވެ.

ރޭގެ މެޗު ބެލުމަށް ދަނޑަށް ވަދެތިބި ބައެއް ސަޕޯޓަރުން. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާން ކުޅުންތެރިންނަށް ތަޖުރިބާކާރު ކުޅުންތެރިންގެ އެހީތެރިކަން ބޭނުންވޭ

ރޭގެ މެޗުގައި ހުރިހާ މަގާމެއްގައި ގިނައީ ވެސް ޒުވާން ކުޅުންތެރިންނެވެ. ހބައެއް ކުޅުންތެރިން ވަނީ ސީނިއާ ޓީމަށް ފުރަތަމަ އެގާރައިގައި ކުޅެދިން ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހިޔާލެއް ފިކުރެއް ނެތި ރީތި ކުޅުމެއް ދެއްކި އެވެ. އެކަމަކު އެ ކުޅުންތެރިންނަށް ތަޖުރިބާކާރު ކުޅުންތެރިންގެ އެހީތެރިކަން ބޭނުންވެ އެވެ. އެ އެހީތެރިކަން ލިބޭ ނަމަ އެ ކުޅުންތެރިން އިތުރަށް ތަފާތު ދައްކާނެ އެވެ. ރޭގެ މެޗުގައި ޒުވާން ތިން ޑިފެންޑަރުން ކަމަށްވާ މުހައްމަދު މުޖުތާޒް (މުޖޭ) ހުސެއިން ސިފާއު ޔޫސުފް އަދި ސަމޫހު އަލީ (ސަމުއްޓެ) އާ އެކު ސީނިއާ ކުޅުންތެރިޔާ އަކްރަމް އަބްދުލްގަނީ ވަނީ ލީޑާޝިޕް ނަގައިގެން ކުޅުނު ކުޅުން އެކަމަށް ހެކިވެ އެވެ. މެދުތެރެއިން މުހައްމަދު އާރިފް (ބަކާ) ދެއްކި ވަރުގަދަ ކުޅުމާ އެކު އެޓޭކިން ކުޅުންތެރިންނަށް ހަމަޖެހިލައިގެން ކުޅެލަން ފުރުސަތު ލިބުނެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން އެ ކުޅުންތެރިން ބިނާކުރަން ކުރާ މަސައްކަތުގައި ސީނިއާ ކުޅުންތެރިންގެ ބޭނުން ކޯޗަށް ވަރަށް ބޮޑަށް ހިފޭނެކަން ރޭގެ މެޗުން މިވަނީ ސާބިތުކޮށްދީފަ އެވެ.

ވަކިވަކި ހުނަރުވެރި ހަލުވި ކުޅުންތެރިން ހުހެއް ނުވޭ!

އަބަދުވެސް ބޭރުގެ ކޯޗުން ބުނާ ވާހަކައަކީ ރާއްޖޭގެ އެންމެ ބޮޑު ތަފާތަކީ އިންޑިވިޖުއަލީ ހުނަރުވެރި ކުޅުންތެރިން ތިބުމެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި އަހުމަދު ތޯރިގް (ޓޮމް) ފަދަ ކުޅުންތެރިންގެ ވަކިވަކި ހުނަރާ އެކު ރާއްޖޭން ނަތީޖާ ނެރެފައި އެބަހުއްޓެވެ. ރޭގެ މެޗުގައި ވެސް އެފަދަ ކުޅުންތެރިންތަކެއް ފެނުނެވެ. ނާއިޒް ހަސަން (ދާދު) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފަދަ ކުޅުންތެރިންނެވެ. ބޫޓާން ކޯޗު ޓްރެވާ މޯގަން ވެސް ބުނީ މެޗުގެ ފަހުކޮޅު ރާއްޖޭން ތަފާތު ބޮޑުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެ ކުޅުންތެރިންގެ ހަލުވި ކުޅުމާއި ވަރުގަދަ އެޓޭކްތައް ކަމެވެ. އެހެންކަމުން މިއީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަށް ބޭނުން ހިފޭނެ ކަމެކެވެ. ފިޒިކަލީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އެ ކުޅުންތެރިންގެ ހަލުވިކަމުގެ ބޭނުން ކުރެވިދާނެ އެވެ. ސްކޮޑަށް މި ފަހަރު ނޭރި ކުޅުންތެރިންގެ ތެރޭގައި ވެސް އެފަދަ ކުޅުންތެރިން އެބަތިއްބެވެ. އަހުމަދު ރިޒްވާން (ރިޒޭ) މުހައްމަދު ރިސްވާން (ފުކޭ) އަދި އިބްރާހިމް ރިޒްހާން (ރިޒްކޯ) އެ ލިސްޓުގައި ހިމެނެ އެވެ. އެހެންކަމުން މި ކުޅުންތެރިންނާ އެކު ކޯޗު ބޭނުންވާ ހައި ޕްރެސިން، އެޓޭކިން ގޭމް ރާއްޖެ އަށް ކުޅެވޭނެ މާހައުލެއް އެބައޮތެވެ.

ރާއްޖޭގެ ހަމްޕު (ކ) އަތުން ބޯޅަ ހޯދަން ބޫޓާން ކުޅުންތެރިޔަކު މަސައްކަތްކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖާގަ ހައްގު ކުޅުންތެރިންނަށް އެ ފުރުސަތު ދޭން ޖެހޭ

ގައުމީ ޓީމާ އެންމެ ފަހުން ހަވާލުވި ދެ ކޯޗުން ކަމަށްވާ ރިކީ ހާބަޓާއި ޑަރެން ސްޓެވާޓުގެ ދައުރުގައި ވެސް ފުރުސަތު ނުލިބޭ ކުޅުންތެރިންތަކެއް ތިއްބެވެ. މޮޅަށް ކުޅުނަސް ފުރުސަތު ނުލިބެނީ އެވެ. ހާބަޓުގެ ފަހު ދުވަސްކޮޅުން ފެށިގެން ސްޓެވާޓުގެ އިރުގައި ވެސް ބަކާ އަށް ފުރުސަތު ނުލިބުނު ސަބަބެއް އަދިވެސް އޮތީ ނޭގުމެއްގެ ތެރޭގަ އެވެ. އެކަމަކު މި ފަހަރު ބަކާ އައިސް ތަފާތު ދައްކުވައިދީފި އެވެ. މި ކޯޗު ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުން ވެސް ބަކާ އާއި ދާދު އަށް ފުރުސަތެއް ނުލިބުނެވެ. ކޯޗަށް ފެންވަރު ނޭގުނަސް ޔަގީނުން ވެސް އެހީތެރިންނަށް އެ ކުޅުންތެރިން ދެއްކި ކުޅުން ފެންނާނެ އެވެ. ރޭގެ މެޗުގެ ސްކޮޑުން އަލުން ޖާގަ ހޯދައި އެ ދެ ކުޅުންތެރިން ދެއްކި މޮޅުކުޅުމުން ދައްކުވައިދެނީ ސިންގަޕޫރު އަތުނަ 3-2 އިން ބަލިވި މެޗުގައި އެ ދެ ކުޅުންތެރިން ތިބި ނަމަ ތަފާތު ފެނުނީސް ކަމެކެވެ. އެހެންކަމުން ރަނގަޅަށް ކުޅޭ ނަމަ އެ ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ލިބެން ޖެހޭނެ އެވެ. އިތުރު ނުފޫޒެއް ކޯޗެއް އައިސްގެން ނުވާނެ އެވެ.