ދާދި ފަހުން ނިމުނު ފީބާ އޭޝިއާ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ކޮލިފައިންގެ ގޮތުގައި ކުޅޭ ސާބާ ކަޕުގައި ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މިއީ ރާއްޖޭގެ ބާސްކެޓަށް އާ ފެށުމެއް ކަމަށް ޓީމުގެ ކޯޗު އެމެރިކާގެ ޖޯން ކޮފިނޯ ބުނެފި އެވެ.
ސާބާ ކަޕް ކުރިއަށް ދިޔައީ މިދިޔަ މަހު 26 އިން 30 އަށެވެ. މިއީ ކޮފިނޯ ޓީމާ އެކު ކުރި ފުރަތަމަ ތަޖުރިބާ އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތުން ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ. މި ގްރޫޕުގެ ކޮލިފައިންގެ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ރަން މެޑަލް ހާސިލްކުރި ސްރީ ލަންކާ އާއި ދެ ވަނަ އަށް ދިޔަ ބަންގްލަދޭޝް އެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ 63-60 އިން ނޭޕާލް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުން ވަނީ 74-66 އިން ބޫޓާން ބަލިކޮށްފަ އެވެ. ތިން ވަނަ މެޗުން ސްރީލަންކާ އަތުން 82-57 އިން ބަލިވިއިރު، ފަހު މެޗުން ބަންގްލަދޭޝް އަތުން ބަލިވީ 74-57 އިންނެވެ.
"މިއީ އަހަރެން މި ޓީމާ އެކު ކުރި ފުރަތަމަ ތަޖުރިބާ. އަހަރެމެން ވަރަށް ގާތުން ވާދަކޮށްފިން. މި މުބާރާތުން އަހަރެމެންނަށް ކަންތައްތަކެއް ދަސްވެއްޖެ. މިއީ ފެށުމެއް ކަމަށް ބަލަމާ،" ކޮލިފައިން ފަހު މެޗުގައި ބަންގްލަދޭޝް އަތުން ބަލިވި މެޗަށް ފަހު ކޮފިނޯ ބުންޏެެވެ.
މުބާރާތުގެ ޝެޑިއުލް އޮތް ގޮތުން އުނދަގޫތަކެއް ދިމާވި ކަމަށާއި އެކަމުން ވެސް އޭނާ އަށް ލިބުނީ ފިލާވަޅެއް ކަމަށް ކޮފިނޯ ވަނީ ބުނެފަ އެވެ.
"އަހަރެމެން ހަތް ދުވަހު ތެރޭ މި ކުޅުނީ ހަ މެޗު. އެއްވެސް ވަރަކަށް ނެތިން ޝަކުވާއެއް ކުރާކަށެއް. އެކަމަކު މެޗުތައް ދިޔަ ގޮތުން ފަހުން ޓީމުގައި ތިބި 12 ކުޅުންތެރިން ވެސް ތިބީ ބަލިވެފައި ނޫނީ އަނިޔާގައި. މިއީ ވެސް އަހަންނަށް ލިބުނު ތަޖުރިބާއެއް. މި ކަމަށް ވެސް ސަމާލުވާނަން،" ކޮފިނޯ ބުންޏެވެ.
އޭނާ ބުނީ މި މުބާރާތަށް ފަހު ކުރިއަށް އޮތްތަނުގައި ކުރިއަށްދާނެ ގޮތުގެ ޕްލޭންތަކެއް ހަދާނެ ކަމަށާއި މި ޓީމާ މެދު އޮތް އުއްމީދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
މިދިޔަ އަހަރު މާލޭގައި ބޭއްވި ސާބާ ކަޕުގައި ނޭޕާލާއި ބަންގްލަދޭޝް އާއި އިންޑިއާ އަތުން ބަލިވިއިރު ފަހު މެޗުން ލަންކާ އަތުން މޮޅުވި އެވެ.