ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރިން އަފްގާނިސްތާނު ޓީމުގައި މަސައްކަތްކުރި ގެލާ ޝެކިލާޒޭ ހަމަޖައްސައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ ގައުމީ ޓީމުގެ ޕްރެކްޓިސް ފެށިއިރު ގެލާ ވަނީ މަގާމާ ހަވާލުވެފަ އެވެ. ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓްއާ އެކު އަފްގާނިސްތާނު ޓީމުގައި އެސިސްޓަންޓް ކޯޗަކަށް އޭނާ މަސައްކަތްކުރި ކޯޗެވެ.
"އޭނާ އަކީ ކުރިން ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެއް. ގެލާ ބެލްޖިއަމްގައި އެންމެ މަތީ ފަންތީގައި ކުޅުނު. ބެލްޖިއަމްގެ ފެޑެރޭޝަނުގައި 11 އަހަރު އޭނަ މަސައްކަތްކުރި،" އޭނާގެ އާ އެސިސްޓަންޓް ކޯޗު ތައާރަފް ކޮށްދެމުން ސެގާޓް ބުންޏެވެ.
ގެލާގެ ބެލުމުގެ ދަށުގައި ފަރިތަކުރުންތަކެއް ފަށާފައިވާއިރު، "މިހާރަ"ށް ވާހަކަ ދެއްކި ބައެއް ކުޅުންތެރިން ވަނީ އޭނާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ޓްރެއިނިންތައް ރަނގަޅު ކަމަށް ބުނެފަ އެވެ.
އާ އެސިސްޓަންޓް ކޯޗެއް ގެނެޔަސް ސެގާޓާ އެކު ކުރިން ހުރި އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ވެސް އޭނާގެ އެހީތެރިއަކަށް ހުންނާނެ އެވެ. ސެގާޓް ބުނީ ޝާކިއްޓެ އާއި ގެލާގެ އެހީތެރިކަން އޭނާ އަށް ވަރަށް މުހިއްމުވާނެ ކަމަށެވެ.
ގައުމީ ޓީމުން 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު ޕްރެކްޓިސްތައް ފަށާފައިވާއިރު، އަންނަ ހޯމަ ދުވަހު ގަތަރުގެ ޓްރެއިނިން ކޭމްޕަށް ދާއިރު ސްކޮޑަށް ބަދަލުތަކެއް އަންނާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ގަތަރު ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމަށް ފަހު ޓީމު ސީދާ ދާނީ ސާފް ޗެމްޕިއަންޝިޕް ކުޅެން ބަންގްލަދޭޝް އަށެވެ. ސާފް ޗެމްޕިއަންޝިޕް އޮތީ އަންނަ މަހު 5 އިން 15 އަށެވެ.
ގަލޮޅު ދަނޑުގައި ޕްރެކްޓިސް ކުރެވެން ނެތުމުން ޓާފް ދަނޑުގައި ފަރިތަކުރުންތައް ބާއްވަން ޖެހޭތީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްގެން ވާނެ ކަމެއް ނެތް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.
"ބައެއް ފަހަރު ކަންތައް ހުންނަ ގޮތުން ހުރިހާ ކަމެއް އަހަރެމެން ބޭނުން ގޮތަށް ނުގޮސްފާނެ. ދަނޑުގައި ފަރިތަނުކުރެވޭތީ އަހަރެން އެފްއޭއެމްގެ މީހުންނާ ދިމާލަށް އެއްޗެއް ބުންޏަސް ކަމެއް ހައްލެއް ނުވާނެ. އެހެންވެ އަހަރެމެން ޖެހޭ ފެޑެރޭޝަން (އެފްއޭއެމް) ގެ ނިންމުމަށް ވެސް އިހުތިރާމްކުރަން،" ސެގާޓް ބުންޏެވެ.
ސެގާޓް ބުނީ ޓްރެއިނިން ކޭމްޕެއް ގަތަރުގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ހަމަޖައްސައިދިނީތީ އެކަމާ އުފާކުރާކަމަށެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. ތަނަކަށް ގޮސް އެންމެން އެކުގައި ތިބެ ޓްރެއިން ކޮށްލުމުގެ ފުރުސަތު ލިބޭތީ. އެ ގޮތަށް ބަލާއިރު ގަތަރަކީ ވަރަށް ރަނގަޅުތަނެއް. ރަނގަޅު ދަނޑުތަކަކާއި ޓްރެއިނިންތަކާއި ރަނގަޅު ކެއުން ވެސް އެތަނުގައި ހުންނާނެ،" ސެގާޓް ބުންޏެވެ.
މި ވަގުތު އެންމެ ރަނގަޅު ފޯމުގައި ހުރި އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ސްކޮޑުގައި ނުހިމެނެ އެވެ. ދަގަނޑޭ އަށް ފުރުސަތު ނުދިން އެއް ސަބަބަކީ އޭނާގެ އުމުރު ކަމަށް ގައުމީ ކޯޗު ބުނި ނަމަވެސް އޭނާއާ އެއް އުމުރެއްގައި ކުޅުންތެރިންތަކަށް ފުރުސަތު ދިނެވެ. ދަގަނޑޭ ވަނީ މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެން ބޭނުން ކަމަށާއި އެކަމަކު ކޯޗުގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ބުނެފަ އެވެ.