ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ރިޒޭ އަށް ފުރުސަތެއް ނެތް: ހިތްވަރަށް ބަދަލެއް ނާދޭ

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާން ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ރިޒޭ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުގެ ކޯޗުކަމާ ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ހަވާލުވި ފަހުން އަދި މިހާތަނަށް ގައުމީ ޓީމުން ޖާގަ ލިބިފައިނުވި ނަމަވެސް ހިތްވަރާ އެކު ކުރިއަށްދާން މަސައްކަތް ކުރާނެ ކަމަށް ކްލަބް އީގަލްސްގެ ޒުވާން ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ބުނެފި އެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ކުރިން ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ ކޯޗުކަމުގައި ރިޒޭ އަށް ރަނގަޅު މެޗުތަކެއްގައި ކުޅުމުގެ ފުރުސަތު ލިބުނެވެ. ބަންގްލަދޭޝް އާއި ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މޮޅު ކުޅުމެއް ދެއްކުމުގެ ނަތީޖާއަކަށްވީ ފަހުން ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ލިބުމެވެ.

ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އުމުރުން 23 އަހަރުގެ ރިޒޭ ކުޅުނު ފުރަތަމަ މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ނިސްބަތުން ވަރުގަދަ އޮމާނާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން ރާއްޖެ ބަލިވި ނަމަވެސް އެ މެޗުގައި ތަޖުރިބާ މަދު ރިޒޭ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އޮމާން މެޗުގައި ރިޒޭ ދެއްކި ކުޅުން ރަނގަޅުވުމުން ދިގު ދަތުރެއް ކޮށްފައި ފަލަސްތީނާ ދެކޮޅަށް އެ ގައުމުގައި ރާއްޖެ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ވެސް ރިޒޭ އަށް ފުރުސަތު ދިނެވެ. އެ މެޗުން ރާއްޖެ 8-1 އިން ބަލިވިއިރު، މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ގޯލު ޖެހީ ރިޒޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އެ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އެވެ.

ސެގާޓްގެ ކޯޗުކަމުގައި ސިންގަޕޫރާއި ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުގެ ސްކޮޑަށް ރިޒޭ ނުނެގިއިރު ރިޒޭ އޭރު ސީޒަން ފެށުނުއިރު އަނިޔާއެއްގައި ހުރުމުން ނުނެގީ ކަމަށް ބެލެވެ އެވެ. އެކަމަކު ފަހުން ފޯމަކަށް އެޅި ރިޒޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ އީގަލްސް އިން މި އަހަރު ހޯދިއިރު، ރިޒޭ ވަނީ މޮޅު ކުޅުމެއް ދައްކައި ބައެއް މެޗުތަކުން މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.

2016 ވަނަ އަހަރު ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ރިޒޭ (ކ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ މަހު އޮންނަ ސާފް ސުޒުކީ ކަޕަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑަށް ރިޒޭ ނޭރުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދި ހާއްސަކޮށް މީގެ އެއް އަހަރު ކުރިން ރާއްޖޭގެ އެންމެ އުއްމީދީ ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ ކުޅުންތެރިއެއް ރަނގަޅު ފޯމެއްގައި ހުއްޓައި ޓީމަށް ނޭރުމުންނެވެ.

ރިޒޭ "މިހާރަ"ށް ބުނީ މި ފަހަރު ޓީމުގައި ނުހިމެނުނު ނަމަވެސް އޭނާގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެ ކަަމަށެވެ.

"މި ފަހަރު ޓީމުގައި ނެތީ. ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނަން. މިހާތަނަށް ލިބުނު ފުރުސަތުތަކުގައި ވެސް އައީ ބޭނުން ހިފަމުން. ކުރިއަށް އޮތްތަނުގައި އަދި ފުރުސަތު ލިބޭނެ،" ކ. ދިއްފުށްޓައް އުފަން ރިޒޭ ބުންޏެވެ.

ދެ ފަޅިއަށް ވެސް ކުޅޭ ރިޒޭ އަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ވިންގެވެ. ރާއްޖޭގެ ކުރީގެ ކޯޗު ސްޓެވާޓް ވަނީ ރިޒޭ އަކީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.

ގައުމީ ކޯޗުކަމާ ހަވާލުވެ ސެގާޓްގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗަށް ދިޔައިރު އެންމެ ފަހުން އުއްމީދީ ކުޅުންތެރިއާގެ މަގާމު ހޯދި ދާދު ޓީމުގައި ނުހިމަނަ އެވެ. އެކަމަކު ހިތްވަރު އެލުވާނުލައި އަލުން ޓީމަށް އެނބުރި އައިސް ދާދު ވަނީ ބޫޓާން އަތުން އިން މޮޅުވި މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ.

ރިޒޭގެ ކެރިއަރުގެ ފެށުމަކީ ޒުވާން ގައުމީ ޓީމެވެ. ކްލަބަކާ ނުގުޅެނީސް ރިޒޭ އަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2013 ވަނަ އަހަރު ޖޯޑަންގައި ކުރިއަށްދިޔަ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި ޒުވާން ގައުމީ ޓީމުންނެވެ.

އީގަލްސް ބެންޗުން 2015 ވަނަ އަހަރު ކްލަބް ކެރިއަރު ފެށި ރިޒޭ ވަނީ އެ އަހަރު މެދުތެރެއިން ފެށިގެން އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަހޯދަން ފަށައިފަ އެވެ. އަދި 2016 ވަނަ އަހަރު ގަވައިދުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެ، އެ ޓީމަށް ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދައިދިން ލަނޑު ވެސް ކާމިޔާބުކުރި އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާއާ ދެކޮޅަށް ރިޒޭ (ކ) ހެޓްރިކް ހެދި މެޗަށް ފަހު އޭނާ ގައިގައި ކޯޗު ސާންތީ ބައްދާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޒޭ ވަނީ 2015 ވަނަ އަހަރު އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ދިޔަ ރާއްޖޭގެ ގައުމީ ޓީމުގައި ރިޒޭ ހިމެނުނެވެ. އެ މުބާރާތަށް ދިއުމުގެ ކުރިން އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯފް ވެސް ވަނީ ރިޒޭ އަށް ތައުރީފްކޮށްފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި އަލީ ސުޒޭންއާ އެކު ރިޒޭ ވަނީ މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އެ ދެ ކޯޗުންގެ ވެސް ވަނީ އޭރު ރިޒޭ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ރިޒޭ މިހާރު އީގަލްސް އަށް ކުޅެމުން އަންނަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. އޭނާގެ ޕްލޭނުގައި ވެސް ރިޒޭ އަކީ މުހިއްމު ކުޅުންތެރިއެކެވެ.

ރިޒޭގެ އިތުރުން މި ފަހަރުގެ ސާފަށް ނެގި ސްކޮޑުން ޖާގަ ނުލިބޭ ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކުޅުންތެރިއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭ އަށް ފުރުސަތު ނުދިން އެއް ސަބަބަކީ އޭނާގެ އުމުރު ކަމަށް ގައުމީ ކޯޗު ބުނި ނަމަވެސް އޭނާއާ އެއް އުމުރެއްގައި ކުޅުންތެރިންތަކަށް ފުރުސަތު ދިނެވެ. ދަގަނޑޭ ވަނީ މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެން ބޭނުން ކަމަށާއި އެކަމަކު ކޯޗުގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ބުނެފަ އެވެ.

އަންނަ މަހު 4-15 އަށް ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕަށް ރާއްޖޭން ވަނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަން އެ ގައުމަށް ގޮސްފަ އެވެ. ސާފްގައި ރާއްޖެ ހިމެނެނީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. އިންޑިއާ އިން މި މުބާރާތަށް ފޮނުވަނީ 23 އަހަރުން ދަށުގެ ޓީމެކެވެ.

0 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 76%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454