ދިރާގު ރޯޑް ރޭހުގެ ބިބް ދޫކުރުން މާދަމާ ފަށަނީ

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިންނަށް ރޭސް ކިޓް ދޫކުރަން މާދަމާ ހެނދުނު ފަށާނެ އެވެ.


ބިބް އެކްސްޕޯ އޮންނާނީ މާދަމާ އަދި އާދީއްތަ ދުވަހު ދިރާގުގެ ހެޑް އޮފީހުގަ އެވެ. ހެނދުނު 10-12، މެންދުރުފަހު 2-6 އަށް އަދި ރޭގަނޑު 8-10 އަށް އެކްސްޕޯ ކުރިއަށްދާނެ އެވެ.

ނޮވެމްބަރު 2 ވަނަ ދުވަހު ބާއްވާ މި ރޭހުގެ ބައިވެރިންނަށް ދޭ ކިޓުގައި ހިމެނޭނީ އިލެކްޓްރޯނިކް ޓައިމިން ޗިޕް ހަރުކޮށްފައިވާ ބިބާއި ޓީޝާޓަކާއި ސްޓްރިންގް ދަބަހެކެވެ. އެކަމަކު މީގެ ތެރެއިން ޓީޝާޓް ދޫކުރާނީ މަދުވެގެން 100ރ. ޑޮނޭޝަނެއް ދިނުމުންނެވެ. އެ ހުރިހާ ފައިސާއެއް ދިރާގުން ހަދިޔާކުރާނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ.

ރޭހުގެ ޕާޓްނާ އެންޖީއޯސްތަކަކީ އާކް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެންސާ ސޮސައިޓީ، ކެޕްސް، އެމްއޭޕީޑީ، އޯޓިޒަމް އެސޯސިއޭޝަން، ތެލެސީމިއާ ސޮސައިޓީ، ޝީ، ޓައިނީ ހާޓްސް އަދި ކެއާ ސޮސައިޓީ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި އޮންނާނީ މައިގަނޑު ދެ ކެގަޓަރީ އެކެވެ. އެއީ ދެ ބުރު ޖަހަން ޖެހޭ 10 ކިލޯމީޓަރުގެ ރޭހާއި އެއް ބުރު ޖަހަން ޖެހޭ ފަސް ކިލޯމީޓަރުގެ ރޭހެވެ. މީގެ ތެރެއިން 10 ކިލޯމީޓަރުގެ އޯޕަން ބައި އެކަނި ހިމެނޭއިރު ފަސް ކިލޯމީޓަރު ރޭހުގައި އޯޕަން ބައިގެ އިތުރުން 45 އަހަރުން މަތި އަދި 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ އާއި 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ ހިމެނެ އެވެ.

ރޭހުގެ ކޮންމެ ކެޓަގަރީއެއްގައި ވެސް އަންހެން، ފިރިހެން ބައި ވަކިން އޮންނައިރު ވަނަ ހޮވާނީ ވެސް ވަކިންނެވެ. އަދި ސްކޫލް ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއަކުން ގަދަ ތިނެއް ހޮވައި ފައިސާގެ އިނާމް ދޭނެ އެވެ. ސްލޫކް ކެޓަގަރީން އެއް ވަނަ ހޯދާ ދުވުންތެރިންނަށް ޕްރައިޒް ވައުޗަރަކާއި ޓްރޮފީ އަދި މެޑަލް ލިބޭއިރު ދެ ވަނަ އަދި ތިން ވަނަ ހޯދާ ދުވުންތެރިންނަށް މެޑަލް ލިބޭނެ އެވެ.

ދިރާގުން ވަނީ 2016 ވަނަ އަހަރުން ފެށިގެން މި ރޭހަށް ހާއްސަ މޯބައިލް ފޯން އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ އިލެކްޓްރޯނިކް ޗިޕް މެދުވެރިކޮށް މި އެޕްލިކޭޝަނުން ދުވުންތެރިން ދުވަމުން އަންނަ ރޫޓާއި ޓައިމިން އަދި ރޭހުގެ ކުރީގައި އުޅޭ ދުވުންތެރިންގެ ތަފްސީލް ވެސް ވަގުތުން ބަލާލެވޭނެ އެވެ. އަދި ރޫޓް މެޕާއި މޫސުމާ ބެހޭ މައުމޫލާތު ވެސް އެޕްލިކޭޝަނުން ލިބޭނެ އެވެ. މިއީ ރާއްޖޭގައި ބާއްވާ ރޭހެއްގައި ލައިވް ޓްރެކިން ފީޗާ ތައާރަފްކުރި ފުރަތަމަ ރޭހެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން މިހާރު މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއް ވެސް މެ އެވެ. ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އަޅަނީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ. ކުރިން މާލޭގައި ބާއްވަމުން އައި ރޭސް ހުޅުމާލޭގައި ބާއްވަން ފެށީ 2016 ގަ އެވެ.

މި އަހަރަކީ މި ރޭހަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު އަހަރެވެ. އެގޮތުން ބައިވެރިވާން ހުޅުވާލިތާ އެންމެ 48 ގަޑިއިރުގެ ތެރޭގައި 4000 ޖާގަ ވަނީ ފުރިފަ އެވެ. މިދިޔަ އަހަރުގެ ރޭހަށް ޚާއްސަކުރި 3000 ޖާގަ ފުރުނީ ތިން ދުވަހުންނެވެ.

ދިރާގުން ވަނީ ރޭހުގެ ބައިވެރިންނަށް ހިލޭ ތަމްރީން ޕްރޮގްރާމެއް ވެސް ހުޅުވާލައިފަ އެވެ. ޓްރެއިނިން ދޭން ހަތަރު ފަރާތެއް ކޯޗިން ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވާއިރު އެ ފަރާތްތަކަށް މެއިލް ކޮށްގެންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖު ކޮށްގެން ވެސް ޓްރެއިނިންގައި ބައިވެރިވެވޭނެ އެވެ.

ކޯޗުކަން ކޮށްދޭ ފަރާތްތަކަކީ، އައި ރަނާސް، ސާއިދު ސްޕޯޓްސް، ކޭވައި ސްޕޯޓްސް އެކަޑެމީ އަދި ޓްރެއިން ވިތް ކައި އެވެ. އައި ރަނާސް އިން ޓްރެއިނިން ދޭނީ ރޭހުގައި ބައިވެރިވި އަންހެން ދުވުންތެރިންނަށެވެ. ރާއްޖޭގައި އެންމެެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އެކަޑެމީން ޓްރެއިނިން ދޭނީ ދިރާގު ރޯޑު ރޭހުގައި އަލަށް ބައިވެރިވި މީހުންނަށެވެ.ޔަޒްނީ ނަޝީދާ އަދި ކިސް ސަބާގެ ކޭވައި ސްޕޯޓްސް އެކަޑެމީން ރޯޑު ރޭހުގައި ބައިވެރިވި 70 އަށްވުރެ ގިނަ މީހުންނަށް ޓްރެއިނިން ދޭނެ އެވެ. ޓްރެއިން ވިތް ކައިން ބުންވަރު ވަރުގަދަކުރަން ޓްރެއިނިން ހަދަން ފުރުސަތު ދޭނެ އެވެ.