ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 ނޮވެމްބަރ 2018 - 22:42
އިންތިހާބީ ރައީސް އިބްރާހިމް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ގަލޮޅު ފުޓްބޯޅަ ދަނޑު ތައްޔާރުކުރާތީ، މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ހަތަރު މެޗު ފަސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެފްއޭއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ދަނޑުގައި ގިނަ ތައްޔާރީތަކެއް ކުރަމުންދާތީވެ، މިއަދުން ފެށިގެން މި މަހު 18 އާ ހަމަައަށް ދަނޑު ވަނީ ރައްޔިތުންގެ މަޖިލީހަށް ނަގައިފައި ކަމަށެވެ.
"އަދި ދެންނެވުނު ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާތީވެ، ދެންނެވިފައިވާ މުއްދަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ހުއްދައެއް ނުލައި ރަސްމީ ބޯޅަ ދަނޑަށް ވަނުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގައިފަ އެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
އެފްއޭއެމުން މިހާރު ނިންމާފައިވަނީ އަންނަ އާދިއްތަ އާއި ހޯމަ ދުވަހު ކުޅެން ރާވާފައި އޮތް ހަތަރު މެޗު މި މަހު 21 އަދި 22 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އެހެން ކަމުން އީގަލްސް އާއި ވިކްޓަރީ އަދި މާޒިޔާ އާއި ށ. ފޯކައިދޫ ކުޅޭ މެޗު އޮންނާނީ މި މަހު 21 ވަނަ ދުވަހު އެވެ. އަދި ޓީސީ އާއި ފ. ނިލަންދޫ ކުޅޭ މެޗާއި ނިއު ރޭޑިއަންޓް އަދި ގްރީން ސްޓްރީޓްސް ކުޅޭ މެޗު އޮންނާނީ މި މަހު 22 ވަނަ ދުވަހު އެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ރަސްމީ ބޭނުމަށް ގަލޮޅު ދަނޑު ބޭނުންކުރަމުންދާއިރު އެފްއޭއެމުން ހަދާފައިވާ ޝެޑިއުލާ އެއްގޮތަަށް މުބާރާތްތައް ނުދާތީވެ، ޓީމުތަކަށް އޭގެ ސަބަބުން މާލީ ގޮތްގޮތުންނާއި އެހެނިހެން ގޮތްގޮތުން ގިނަ ގެއްލުންތަކެއް ވަމުންދާތީވެ އެކަމާ ކަންބޮޑުވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
"(ޝެޑިއުލާ އެއްގޮތަށް ނުދާތީވެ) މިކަމުގެ ސަބަބުން ދިވެހި ފުޓްބޯޅަ އަށް ބޮޑެތި ގެއްލުންތަކެއް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން މި ކަންތައްތަކަކީ ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައި މި ފުރުސަތުގައި ދަންނަވާލަމެވެ،" އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
މި އަހަރުގެ ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗު ނުކުޅެ އެވެ. މިއީ 2009 ވަނަ އަހަރު ކަޕް ވިނާސް ކަޕް ހުއްޓާލާފައި ޗެރިޓީ ޝީލްޑް މެޗު ކުޅެން ފެށި ފަހުން އެ މެޗު ނެތި ސީޒަން ފެށި ފުރަތަމަ ފަހަރެވެ. ޝީލްޑް މެޗު ފުރަތަމަ ފަސްކުރީ އޭރު އިއުލާންކޮށްފައި އޮތް ކުއްލިނުރައްކަލުގެ ހާލަތުގެ ސަބަބުންނެވެ. އެކަމަކު ފަހުން އެ މެޗު ކެންސަލްކުރީ އެފްއޭއެމް އިން ހަދާފައިވާ ޝެޑިއުލަށް ބަދަލު ގެންނަން ޖެހިއްޖެނަމަ ގައުމީ ޓީމުތަކާއި ކްލަބްތަކަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އެވެ.
އަނެއްކޮޅުން ސީޒަން ދިގުލައިދާތީވެ، މި އަހަރުގެ ގައުމީ މުބާރާތް އަންނަ އަހަރަށް ފަސްކުރުމުން މިއީ އެ ޝަރަފްވެރި މުބާރާތް ނެތި ސީޒަން ނިންމާލާ ފުރަތަމަ ފަހަރެވެ. އަދި ސީޒަން ދިގުލައިދާނެތީވެ، އެފްއޭއެމުން ކްލަބްތަކާ މަޝްވަރާކޮށް އެފްއޭ ކަޕް ނުބާއްވަން ނިންމިއިރު، މިއީ މިދިޔަ ހަތަރު އަހަރު ތެރޭ މި މުބާރާތް ނުބާއްވާ ދެ ވަނަ އަހަރެވެ.
އެފްއޭއެމުން މިރޭ ނެރުނު ބަޔާނުގައިވަނީ މި ފަހަރުގެ ޝެޑިއުލަށް ބަދަލު ގެންނަން ޖެހުނު ސަބަބުތައް ވެސް ތަކުރާރުކޮށްފަ އެވެ. ބަޔާނުގައިވާ ގޮތުން ފެބްރުއަރީ މަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެފްއޭއެމް އިން ރާވާފައި އޮތްގޮތަށް މުބާރާތްތައް ކުރިއަށް ނުގެންދެވި ލަސްކުރަން ޖެހުނު ކަމަށާއި މިނިވަން ދުވަހުގެ ހަރަކާތްތައް ބާއްވަން ދިގު މުއްދަތަކަށް ސަރުކާރުން ދަނޑު ނަގައި އެ ހަރަކާތްތައް ނިމުނުއިރު، ދަނޑުގެ ހާލަތު އޮތީ މެޗުތައް ކުރިއަށް ނުގެންދެވޭ ހާލަތުގައި ކަމަށެވެ.
"ދިވެހިރާއްޖޭގައި މި ފަދަ މުބާރާތްތައް ބޭއްވޭ ހަމައެކަނި ސްޓޭޑިއަމް އަކީ ރަސްމީ ބޯޅަދަނޑަށް ވީހިދު މި ފަދަ ދުރާލާ މިންނުކުރެވޭ ފަދަ އެތައް ސަބަބުތަކާ ހުރެ ފުޓްބޯޅަ ކަލަންޑަރަށް ގެނެވޭ މި ފަދަ ބަދަލުތައް ބައެއް މީޑިއާތަކުން މި އެސޯސިއޭޝަން ބަދުނާމުވާގޮތަށް ހަބަރު ފެތުރުމަކީ މި އެސޯސިއޭޝަނުން ކަންބޮޑުވާ ކަމެކެވެ،" އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ
11 November 2018
މަހިތަށްއަރާ ކީއްކުރަން ކުޅޭ މުބާރާތެއްހޭ.. ކުޅިބަލަން މީހަކު ވަންނަނީއެއްނޫން. ގޭދޮށުގަ ޓީމެއް ހަދައިގެން މެޗެއް ކުޅުމެކޭ ތަފާތެއްނެތް. އެއްވެސް ފޯރިއެއްނެތް.. އަނެއްކާ އިވެންޓްތައް ބާއްވަން ދަނޑުވެސް ނަގަނީ. މިހާރު އަނެއްކާ ހުވައެއް ނުކުރެވިގެން މިދުވަސްކޮޅުމިއުޅެނީ.. ދަނޑު ނޫނަސް ހުވާކުރާނެ ތަންތަންވެސް އެބަހުރި.. ކޮންމެބަޔަކުވެސް މަބޮޑޭވާންވެގެން އުޅެނީ. ކުރިއަރާ އެއްޗެއްވެސްނޫން މިތާ ފުޓުބޯޅައަކީ..
ހަލީލް1
11 November 2018
ކާކުހޭ މި ބައްސާމައް މި މަގާމް ދިނީ.
ސޯބު
10 November 2018
ހުރިހާ ކަމަކަށް އެއްމެ ދަނޑެއް. އަޅެ މިނޫންވަރެއް ވާނީ ކޮންދުވަހަކުންބާ. ދަނޑަށް ވަންނާނެ ބަޔަކު ނުވާއިރު ބައެއް ރަށްރަށުގައި ފީލްޑްގެ ގޮތުން ގަލޮޅު ދަނަޑަށްވުރެ ރަގަޅު ދަނޑު ހުރިއިރު ހަމަ އެތަންތާވެސް ކުޅެންވީ ނޫންތޯ. ސިޑިބަރި މިހާރު މުހިއްމެއްނޫނެއްނޫންތޯ.
ހުސެން300
10 November 2018
ޓާފުގަ ކުަޅެ ނިންމާލަމާ
އައްމި
10 November 2018
މަ ހަތް ހުތަށް ލައިފަ ރާހުތަށް ލިޔަސް މަ ބުނާނި އެފްއޭއެމްގެ ހިންގުން ތެރިކަން ދޯދިޔާވީމައޭ އިރު އިރު ކޮޅާ މުބާރާތައް މެދުކެޑެނި. ގަލޮޅު ދަނޑްގަ ވާދަވެރި މެޗުތަކެއް ކުޅެ. ސަފޯޓަރުން ދަނޑް ފުރާލައިފަ އޮންނަ ނަމަ އިރު އިރު ކޮޅަކާ އިވެންޓް ބާންވާކަން ސަރުކާރަކުން ނޫޅޭނެ. މިހާރު ދޯޅަހިކޮށް މެޗްތައް ކުޅޭތީ ދަނޑް ސަރުކާރުގެ ބޭނުންތަކަށް ނަގަނި. ދަނޑް އޮންނަނި ފަޅަށް މެޗެއް ކުޅޭކަމެއް ނޭގޭ.
އާރީ
10 November 2018
ސެޑިއުލާ އެއްގޮތަކަށް ނޫނޭ ބަންސާމް އެފްއޭއެމްގެ ރައީސް ކަމުގެ މަގާމާ ހަވާލުވީން ސުރެ މެޗްތައް ކުޅެނީ. ކާކަށް އޮޅުވާލަށްތަ ބަޔާން ތި ނެރެނީ. ފާ އިތުވި ދިޔަ ދެއަހަރު ކީއްވެތަ ބާންޔާ ނުނެރުނީ ކަންބޮނޑް ވުން ފާޅުކޮށްފަ. އަހަރަމެން މި މޮޔާންތަ.
ހޯރަފުށީ ޗާލުނަޔާ
10 November 2018
ބަންސާމް މިވަރަކަށް ކަންބޮޑް މިވީ އިބޫ ހުވާކުރާ ރަސްމީޔާތައް ދަނޑް ދޫ ކުރީމަތަ. ކީއްވެ ތަ ކުރިން ފީފީސަރުކާރުގެ އިވެންޓްތަކަށް ދަނޑް ދޫ ކުރީމަ ކަންބޮނޑްވުން ފާޅުކޮށްފަ ބާޔާން ނުނެރުނީ.
މާޓިން ބަޝީރު
10 November 2018
އެމްޑީޕީން ކެންޕޭން ދުވަސްވަރު މަގުމަތީ ހަރުކުރި ބެނާ ތަކުތެރޭން ބެނާއެއްގައި އިން "ފުޓްބޯޅަ ދަނޑު ފުރާލާނެ" ވާހަކަ އެމީހުންގެ ވެރިކަމުގަ، އެކަމަކު ވެރިކަން ފެށުންވެސް މިދަނީ އެއްގޮތަަކަށްވެސް ފުޓްބޯޅައަށް ލޯބިކުރާ މީހުން ބޭނުންވާ ގޮތަކަށް ނޫން. މިކަން ދަރުބާރު ގޭގަވެސް ކުރެވުނީސް...
M.AERATED WATER
10 November 2018
ބުރޯ، އެދުވަހުއޭ ދަނޑު ފުރާލަނީ.
ފެންވަރު
09 November 2018
ބަލަ ނުކުރެވޭ މިނަވަރަށް މުބާރާތްތައް ޝެޑިއުލް ކުރުން ހުއްޓާލަން ވެއްޖެނުންތަ!؟ ކުރީބައިގައި ނޭގެނީތަ ރަސްމީދަޑު އަބަދު ނުލިބޭނެކަން މިހުރިހާކަމެއްކުރަން އެއްމެ ތަނެއް އޮންނައިރު؟