ނިއުގެ ހާލަތާ މެދު ޝަކުވާއެއް ނުކުރާނަން: ސޮބާ

ސީޒަންގެ މެދުތެރެއިން ނިއު ރޭޑިއަންޓާ ހަވާލުވީ ޓީމުގެ ހާލަތު އެނގިހުރެ ކަމަށާއި އެއްވެސް ކަމަކާ ޝަކުވާ ނުކޮށް ބާކީ ތިން މެޗަށް ނުކުންނައިރު އުއްމީދަކީ ނަތީޖާތައް ރަނގަޅުކޮށް ރަނގަޅު ހިސާބެއްގައި އޮވެ، ސީޒަން ނިންމާލުން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.


ނިއުއާ މިދިޔަ ސެޕްޓެމްބަރު މަހު ސޮބާ ހަވާލުވީ މިދިޔަ އަހަރާއި މި އަހަރުގެ ކުރީބައިގައި ބޮޑެތި ކާމިޔާބީތަކެއް އެ ޓީމަށް ހޯދައިދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ދިއުމުންނެވެ. ނިއުގެ ކުރީގެ ކުޅުންތެރިޔާ ސޮބާ، 2015 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށީ ވެސް އެ ކްލަބުންނެވެ. އެ ގޮތުން އެ ސީޒަނުގައި ގައުމީ ފައިނަލަށް ނިއު ގެންގޮސްދީ އޭއެފްސީ ކަޕުގައި ވެސް މެޗުތަކުން މޮޅުކޮށްދިނެވެ.

ނިއު އަށް މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ދިފާއުކުރުމުގެ ދޮރު ގާތްގަނޑަކަށް އޮތީ ބަންދުވެފަ އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ ތިން މެޗު އޮތްއިރު ޓީސީ ލީގުގެ އެއް ވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 31 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އީގަލްސްގެ އޮތީ 30 ޕޮއިންޓެވެ. ނިއު ހަތަރު ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ.

ލީގުގައި އެންމެ ފަހުން ނިލަންދޫ އަތުން މޮޅުވި މެޗަށް ފަހު ސޮބާ ބުނީ ހުރިހާ ދިމާލަކުން ކަންކަން ރަނގަޅު ނުވާ ކަމަށްވާނަމަ އެންމެ އެންމެ ބޭނުންވާ ކަންތައް ހާސިލްނުވާނެ ކަމަށާއި މީގެ ޖެހޭނީ ހުރި އެއްޗަކުން އެންމެ ރަނގަޅަށް މަސައްކަތް ކޮށްގެން ކާމިޔާބެއް ލިބޭތޯ ހިތްވަރު ނެރުން ކަމަށެވެ.

"ހަގީގަތަށް ބުނާނަމަ މޮޓިވޭޝަނުގެ މައްސަލައެއް ނޫން ދިމާވެގެން މި އުޅެނީ. އަޅުގަނޑު ނެތިން މިތަނުގައި އެ ވާހަކަތައް ޑީޓެއިލްކޮށް ދައްކާކަށެއް. އަޅުގަނޑު މިތަނަށް އައީ މި ހާލަތުގައި މީތި އެނގިގެން. އެކަމަކު އުނދަގޫ ހާލަތުގައި ވެސް މޮޅުވުން ވަރަށް މުހިއްމު. އެއީ ނިއު އަކީ އަބަދުވެސް އެންމެ މަތީގައި ވާދަކުރާ ކްލަބެއް." ސޮބާ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ނިލަންދޫގެ ދެ ކުޅުންތެރިން ކައިރިން ނިއުގެ ހަމްޕު (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސޮބާ ހަވާލުވި ފަހުން ނިއު ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ ފަސް މެޗުންނެވެ. ދެ މެޗުން ބަލިވިއިރު ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ބަލިވީ ޓީސީއާ ދެކޮޅަށް ކުޅުނު ދެ މެޗުގަ އެވެ. އެއްވަރުވީ ފުރަތަމަ ބުރުގައި ވިކްޓަރީ އާއި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު ދެ މެޗުގަ އެވެ.

ނިއު އަށް ބައެއް މެޗުތަކުގައި އެންމެ ރަނގަޅަށް ނުކުޅެވެނީ ސަމާލުކަން ދޭން ޖެހޭ ވަރަށް ނުދެވޭތީކަން ސޮބާ ވަނީ ފާހަގަކޮށްފަ އެވެ. އެކަން ކުރިއަށް އޮތް ތިން މެޗުގައި ރަނގަޅު ނުކުރެވިއްޖެނަމަ ނަތީޖާ ނެރެން އުނދަގޫވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ކުރިއަށް އޮތް މެޗުތަކުގައި ވެސް މޮޅުވާން ބޭނުމިއްޔާ ފުރަތަމަ ސިކުންތުން ފެށިގެން ފަހު ސިކުންތާ ހަމައަށް އެއް ކޮންސަންޓްރޭޝަން ބައިންދަންޖެހޭ. ގޭމްތެރޭގެ އެ ޑިސިޕްލިން ހިފަހައްޓަން. އެކަން ނުވާނަމަ ކިތަންމެ މޮޅު ކުޅުންތެރިން ތިއްބަސް މެޗު އުނދަގޫވެގެންދާނެ." ސޮބާ ބުންޏެވެ.

ލީގުގައި ނިއު އަށް ކުރިއަށް އޮތީ ގްރީން ސްޓްރީޓްސް އާއި އީގަލްސް އަދި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ލީގުގެ ގަދަ ދޭއްގައި އޮވެ ސީޒަން ނިންމާލަން ބޭނުންނަމަ ނިއު އަށް މި މެޗުތަކުން ޕޮއިންޓް ހޯދަން ޖެހެ އެވެ. އަނެއްކޮޅުން އެފްއޭ ކަޕް ކެންސަލްވުމުން އޭއެފްސީ ޖާގަ ލިބެނީ ލީގުގެ ގަދަ ދޭކަށް ކަމަށްވާއިރު، އެ ދެ މަގާމުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.

"ހަތަރު ވަނައިގައިގައި ނިންމާލުމަށް ވުރެން ރަނގަޅު ކަންނޭނގެ ދެ ވަނައިގައި ނިންމާލުން ވެސް. ސަޕޯޓަރުންނަށް ވެސް ބުނެލަން އޮތީ ލީގުގެ އެއް ވަނައަށް ނުދެވުނަސް ހުރިހާ ކުޅުންތެރިން ތިބީ ދެ ވަނައިގައި ވިޔަސް ނިންމާލުމުގެ އަޒުމުގައި." ސޮބާ ބުންޏެވެ.

ނިއު އަށް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް އަނިޔާގައި ހުރިއިރު، އެންމެ ފަހުން ކުޅުނު މެޗުގައި ހިސާމް ސަލީމް (ކޮކީ) ވެސް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ.