ލީގުގެ މެޗެއްގެ ތެރެއިން ޓީސީގެ ފޭދޫ އިއްބެ (ކ) ކައިރިން މާޒިޔާގެ ސަމުއްޓެ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ނޮވެމްބަރ 2018 - 12:26
މެދުކެނޑުމަކަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގު މާދަމާ އަލުން ފަށާއިރު ކޮންމެ ޓީމަކަށް މިއޮތީ ތިން މެޗެވެ. ލީގުގެ އެންމެ ފޯރިގަދަވާން ޖެހޭ ހިސާބެވެ. އެކަމަކު ހާލަތު އޮތްގޮތުން މާބޮޑު ފޯރިއެއް ނެތެވެ. ލީގު ޗެމްޕިއަން ޓީމާއި ދެ ވަނަ ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ލިބޭ ގޮތަށް ކުރިން އޮތް ނަމަވެސް އެ ފުރުސަތު މިހާރު ވަނީ ގެއްލިފަ އެވެ.
އޭއެފްސީ ކަޕަކީ 2004 ވަނަ އަހަރުން ފެށިގެން ގަވާއިދުން ރާއްޖޭގެ ކްލަބްތައް ކުޅެމުން އަންނަ މުބާރާތެކެވެ. މި ފަހަރުގެ މުބާރާތުގައި ބައިވެރިނުވެވުނީ މުއްދަތު ހަމަވިއިރު އޭއެފްސީ ކްލަބް ލައިސަންސް ލިބޭ ވަރަށް ކްލަބްތަކަށް ދީފައިވާ އޮންލައިން ޕޯޓަލް އިން ލިޔެކިއުން ފޮނުވާފައިނެތުމުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
"މިހާރު" އާ ވާހަކަ ދެއްކި ބައެއް ކްލަބްތަކުން ބުނީ ލިޔެކިއުންތައް ފޮނުވުމުން އެ އެޕްރޫވްކޮށް އޭއެފްސީ އަށް ހަމައަށް އެ ފޯރުކޮށްދިނުމުގެ ފަހު ޒިންމާ އޮތީ އެފްއޭއެމް ބޮލުގައި ކަމަށާއި އެހެންވެ މި ކަމުގައި އެފްއޭއެމާއި ކްލަބްތަކުގެ ވެސް އިހުމާލު ވެސް އެބައޮތް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
އެފްއޭއެމުން މީގެ ކުރިން ބުނީ މި ވަގުތަށް ބަލާއިރު އޭއެފްސީގެ ލައިސަންސް ލިބުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ މާޒިޔާ ކަމަށެވެ.
މި ކަމުގައި ހައްލެއް ހޯދުމަށް އެފްއޭއެމުން އަންނަނީ އޭއެފްސީއާ އެކު މަޝްވަރާ ކުރަމުންނެވެ. އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ އަލުން ކްލަބް ލައިސަންސް ލިޔެކިއުންތައް ފޮނުވާ އޮންލައިން ސިސްޓަމް ހުޅުވާލައި ކްލަބްތަކުގެ ލިއެކިއުންތައް ހުށަހެޅުމުގެ ފުރުސަތުދީ އަންނަ އަހަރު އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމަކަށް ފުރުސަތު ލިބޭ ގޮތް ހެދުމެވެ.
އޭއެފްސީ ކަޕްގެ ގުރުއަތުލުން އޮތީ އަންނަ ބުރާސްފަތި ދުވަހު މެލޭޝިއާގެ ކުއާލަލަމްޕޫރުގަ އެވެ.
ލީގު ދިގުލައިދާތީވެ، އެފްއޭއެމުން ވަނީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އަންނަ އަހަރުގެ ކުރީކޮޅަށް ފަސްކޮސްފަ އެވެ. އަދި ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފަ އެވެ. މި ބަދަލުތަކުގެ ސަބަބުން އެފްއޭއެމުން ނިންމީ އޭއެފްސީ ކަޕްގެ ދެ ޖާގަ މި ފަހަރުގެ ލީގުގެ އެއް ވަނަ އާއި ދެ ވަނަ އަށް ދޭށެވެ.
ލީގުގެ އެއް ވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާގެ 31 ޕޮއިންޓް އޮތްއިރު، އީގަލްސް ތިން ވަނައިގައި އޮތީ 29 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ނިއު އަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. މި ހަތަރު ޓީމު ވެސް އަންނަނީ ގަދަ ދެ ޓީމުގެ ތެރޭ ހިމެނެން މަސައްކަތްކުރަމުންނެވެ.
މި ވަގުތު ޓީމުތައް އޮތް ފޯމަށް ބަލާއިރު ލީގު ހޯދުމުގެ ފުރުސަތު ބޮޑީ ޓީސީ އަށެވެ. ޗެމްޕިއަންކަން ނުލިބުނަސް ލީގުގެ ދެ ވަނައިގެ ފޯރި ކުރިން ގަދަވެފައި އޮތީ އޭއެފްސީ ޖާގައެއްގެ ބޭނުމުގަ އެވެ. އެކަމަކު އެ މުބާރާތުގައި ކުޅެވޭނެ ކަމުގެ އުއްމީދެއް ނެތް ހާލަތެއް ކުރިމަތިވެފައި އޮތުމުން ލީގުގެ ފަހު މެޗުތަކުގެ ފޯރި އަށް މި ވަނީ އަސަރުކޮށްފަ އެވެ. މިިދިޔަ އަހަރުތަކަށް ބަލާއިރު ނިސްބަތުން ލީގުގެ ފަހު މެޗުތަކުގައި ފޯރިގަދަވެ ރަނގަޅު މެޗުތަކެއް ފެނުނެވެ. އެކަމަކު މި ފަހަރު އެކަން ތަކުރާރުވުމުގެ ފުރުސަތު ވެސް އޮތީ ހަނިވެފަ އެވެ.
އޭއެފްސީ ކަޕުގައި ވާދަކުރުމަކީ ޓީމުތަކަށް އެތައް ގޮތަކުން ފައިދާ ކުރާ ކަމެކެވެ. އެއީ ކުޅުންތެރިން ތަރައްގީ ކުރަން އިތުރު ތަަޖުރިބާ ލިބި ކްލަބްގެ މާލީ ހާލަތު ރަނގަޅުކުރަން ފައިސާ ވެސް ލިބޭތީ އެވެ.
ލީގުގައި މާދަމާ ހަވީރު އީގަލްސް ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ށ. ފޯކައިދޫއާ ދެކޮޅަށެވެ. އަދި ބުރާސްފަތި ދުވަހު ހަވީރު ޓީސީ އާއި ފ.ނިލަންދޫ ކުޅޭއިރު، އެރޭ ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާދިރު
21 November 2018
ތީ ކުށް ހީއެއް. ފޯރިއެއް ނުކެނޑޭނެ. މިހާރު ވަރަށް ފޯރި ހުންނާނެ. އޮޅުމެއް އަރައިގެން ތިއުޅެނީ..
މަހުލޫފު
20 November 2018
ހުވާކުރަން ވެގެން ދަނޑު ހަލާކުކޮއްލި ވާހަކަވެސް ޖަހާލަބަލަ.
ދޮނާ
20 November 2018
އެއްމެ އަވަހަށް ރިފޯމް ކުރަށްޖެހޭތަނަކީ އެފްއޭއެމް. މަހޭ ހަބޭސް ވާނެ
އާރީ
20 November 2018
ފޯރި ހުރީ ކޮންއިރަކުބާ?
ރެފްރީ
20 November 2018
1970 ން ފެށިގެން 1980 ގެ އަހަރުތަކުގެ ފަހުކޮޅާ ހަމަޔަށް ފިސާރި ފޯރި ހުރި. ފައިނަލްމެޗް އޮންނަދުވަހުގެ ކުރީރޭ ފައިނަލްކުޅޭ ދެޓީމްގެ ސަޕޯޓަރުން ހޭލާތިބެ ދަނޑާ ކުޅުންތެރިންގެ ގޭގެދޮށުގަ މީހަކު ބޫގަލް އެއް ހަދާތޯ ބަލަންތިބޭނެ. އެކަހަލަ ގެއެއްގެ ދޮށަށް މީހަކަށް ނޭނގިގެން ކަރުކެހިލާފަ ކުޅެއް ޖެހުނަސް ދެން އެޖެހުނީ ކަންތަކާ. އެމީހަކަށް އުޅުމަށް ނުކުަކުދާނަވާވަރުކުރާނެ.