22 ނޮވެމްބަރ 2018 - 23:36
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާބޮޑު ފޯރިއެއް، އަމާޒެއް ނެތް މެޗެއްގައި ނިއު ރޭޑިއަންޓް އަތުން ތަފާތު ބޮޑުކޮށް 5-1 އިން ކްލަބް ގްރީންސްޓްރީޓްސް މޮޅުވެއްޖެ އެވެ.
ލީގުގައި މި ވަގުތު އަގެއް އޮތް ހަމައެކަނި ވަނަ ކަމަށްވާ، އެއް ވަނަ ހޯދުމުގެ ފުރުސަތު ގެއްލިފައިވާ ދެ ޓީމުގެ މެޗުގައި މިރޭ އެންމެ ބޮޑު ތަފާތެއް ދެއްކީ ހަތަރު ގޯލް ހެދި ގްރީންސްޓްރީޓްސްގެ ނެދަލެންޑްސް ފޯވާޑް ރޮލޭންޑް ރަސެލް އެވެ. ރާއްޖޭގެ ގިނަ ކްލަބްތަކަށް ދިމާވެފައިވާ މާލީ މައްސަލައިގައި އޮއިވަރުގައި ޖެހިފައިވާ ނިއު އިން ވެސް ގަވާއިދުން މުސާރަ ނުދޭއިރު ރަނގަޅަށް ޕްރެކްޓިހެއް ވެސް ނުކުރެ އެވެ.
ނިއުގެ ކޯޗު ސޮބާހު މުހައްމަދު ބުނީ މިއީ މި ހާލަތުގައި ނިއު ނެރުނު އެންމެ ދަށް ނަތީޖާ ކަމަށާއި މައްސަލަތަކެއްގެ ތެރޭގައި އޮވެ ރަނގަޅަށް ޕްރެކްޓިސް ނުކުރެވި ހޯދޭނެ ކާމިޔާބެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު މިކަމުގައި ކުޅުންތެރިން ބަދުނާމްކުރަނީކީ ނޫން. ރަނގަޅަށް ޕްރެކްޓިސް ނުކުރެވި ރަނގަޅަށް ތައްޔާރުނުވެ ކްލަބުގެ ހުރިހާ ދިމާލަކުން ރަނގަޅު ނުވަންޏާ އަދި ނިއު ރޭޑިއަންޓް ވިޔަސް ރަނގަޅު ނަތީޖާއެއް ނާންނާނެ،" ސޮބާ ބުންޏެވެ.
ނިއުއާ އެކު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބުގެ ގޮތުގައި އޮތް ވިކްޓްރީ އަށް މާލީ މައްސަލަތައް ދިމާވެ މިހާރު ދެ މެޗަކަށް ހާޒިރުނު ގޮސްފި އެވެ. އެކަމަށް އިޝާރާތްކޮށް ސޮބާ ބުނީ "ޝުކުރުކުރަންވީ ޕްލެޔަރުން ހަމަވެގެން ނިއު އިން ދަނޑަށް އަންނަ އައުމާ" މެދު ކަމަށެވެ.
"ވަރަށް ދަށް ހާލަތެއްގައި ކްލަބް މިއޮތީ،" ސޮބާ ބުންޏެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވެސް ބުނީ މިއީ އެއްވެސް ބޭނުމެއް އޮތް މެޗެއް ނޫން ކަމަށާއި މަޖަލަށް އައިސް ބައިބަހާލައިގެން ކުޅޭ އުސޫލުން ކުޅެނީ ކަމަށެވެ. އަދި ނިއު ރޭޑިއަންޓް ފަދަ ޓީމެއް ކޮޅަށް ރަސެލް ހަތަރު ހެދުމުން އޭނާ އަށް ހިތްހަމަޖެހުން ލިބޭނެ ކަމަށާއި އެ ނޫން މާބޮޑު ކަމެއް މިރޭ މެޗުން ހާސިލްނުވާ ކަމަށް ސުޒޭން ބުންޏެވެ.
ސީޒަން ދިގުލައިދާތީވެ މި އަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައިވާއިރު ފަހުން އެފްއޭއެމުން ނިންމީ އޭއެފްސީ ކަޕުގެ ދެ ވަނަ ޖާގަ ލީގުގެ ދެ ވަނަ ޓީމަށް ދޭށެވެ. އެކަމަކު ކްލަބްތަކަށް އޭއެފްސީ ލައިސަންސް ނުލިބޭތީވެ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ޖާގައެއް ނެތެވެ. އެހެންވެ ލީގުގެ ފޯރި ވަނީ ކެނޑިފަ އެވެ. ކްލަބް ލައިސަންސް ނުލިބޭ މައްސަލައިގައި އެފްއޭއެމް އާއި ކްލަބްތަކުން އަދި ޒިންމާ ނަގާފައެއް ނުވެ އެވެ. އެ ފުރުސަތު ގެއްލުނީ ކްލަބްތަކުން ލިޔެކިޔުންތައް ހުށަނާޅާތީ ކަމަށް އެފްއޭއެމުން ބުނެ އެވެ.
މިރޭ މޮޅުވި ނަމަވެސް ގްރީންސްޓްރީޓްސް 23 ޕޮއިންޓާ އެކު އަދިވެސް އޮތީ ފަސް ވަނައިގަ އެވެ. ނިއު އޮތީ 27 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި 39 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބް އޮތީ ލީގު ކާމިޔާބުކުރުމާ ދާދި ގާތުގަ އެވެ.
މިރޭގެ މެޗުގެ 27 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސް އިން ވަނީ އަލީ ނަސޫހު ރަޝީދު ދިން ބޯޅައިން ރަސެލް ޖެހި ގޯލުން ލީޑު ނަގައިފަ އެވެ. އޭގެ ދެ މިނެޓު ފަހުން ޕެނަލްޓީއަކުން ނިއު އަށް އެއްވަރުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެކަމަކު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އާދަމް އިމްރާން ވަނީ ގްރީންސްޓްރީޓްސް އަށް އަލުން ލީޑު ނަގައިދީފަ އެވެ. މި ހާފުގައި ނިއުގެ ސެންޓޭ އަށް ދެ ފުރުސަތު އަދި ހަސަން އަދުހަމް (ސަޑޭ) އަށް ވެސް ފުރުސަތެއް ލިބި ބޭކާރުވި އެވެ.
ދެ ވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓުގައި ރޮލޭންޑް ގޯލް ޖަހައި ގްރީންސްޓްރީޓްސްގެ ލީޑު ފުޅާކޮށްދިނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ކޮންޓްރޯލްކޮށްލި ބޯޅަ ގޯލުގެ މަތީ ކަނާ ދިމާލަށް ވަނީ ނިއުގެ ގޯލްކީޕަރު ހަސަން އަބްދުލްހަކީމްގެ އަތުގައި ޖެހިފަ އެވެ. އޭގެ ފަހުން ނިއު އަށް ތަފާތު ކުޑަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ސެންޓޭ ނެގި ހުރަސް މުހައްމަދު އުމެއިރު ބޮލުން ޖެހުމުން ޖެހުނީ ހުރަސް ދަނޑީގަ އެވެ.
ފަހުން ނިއު އަށް ގޯލް ޖަހަން ކުރިއަށް ޖެހުނު ދެ ދަނޑިވަޅެއްގައި ފައިދާ ނަގައި ރަސެލް ވަނީ އިތުރު ދެ ގޯލް ޖަހައިފަ އެވެ. ހަތަރު ވަނަ ގޯލް 79 ވަނަ މިނެޓުގައި ޖެހީ ނަސޫހު ދިން ބޯޅައަކުން ބޮލުންނެވެ. ފަސް ވަނަ ގޯލަކީ ކޯނަރަކުން ހުރަސްވި ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްޢާދޮގޭ
24 November 2018
ލިލީއަކީ ރާއްޖޭގަހުރި އެންމެ މޮޅު އެއް ޑިފެންޑަރު. ވަރަށް ބޮޑައް ފޯކަސްގެއްލި މިވީ 3-2 އަހަރު ވަރަށް ކޮލިޓީ ދަށްވެއްޖެ.
ކިނާން
23 November 2018
މީ މުބާރާތެއް ތަ. ކޮބާ މަގްސަދަކީ ބައްސާމޫމޫމޫ
ހަނު ހުންނަ މީހާ1
23 November 2018
ރާއްޖޭގެ ފުޓްބޯޅަ އޮޔާގޮއްސި. މިހާރު އޮތްހާވެސް ކުޅިވަރަކީ ސިޔާސީ ކުޅިވަރު. ސަގާފީ ކުޅިވަރަކީވެސް އެއީ. މިކަން ހައްލުކުރަންޖެހޭ. 90 އަހަރުތަކުގައި ފުޓްބޯޅައަށް އޮތް ޖޯސް ގެނެސް،، އަނެތްކާވެސް ގަލޮޅުދަޑު މީހުން ވައްދާ ވައްދާ ފުރާލަންޖެހޭ.
އާރީ
23 November 2018
ކުޅުންތެރިންވެސް ފަރުވާކުޑައީ. ލަދުވެތި ނަތީޖާއެއް.
އާއްކޮ
23 November 2018
ވަރަށް ދެރަވެެއްޖެ ނިއު މިހާ ތަފާތު ބޮޑްކޮށް ބަލިވީމަ. އަދިވެސް ޓީމް ދޫނުކޮށް ބަގުޑި ބަންދާ . މެނޭޖްމަންޓް މީހަކު މިހާރު ލޮލަށްވެސް ނުފެނޭ ފޮނިވާހަކަ ދައްކާފަ. މިހާރު ކޮބާ ވިޔަފާރިވެރިން.
ހާރިސް
23 November 2018
ޒިޔާދު އަދިވެސް އިސްތިއުފާ ދޭކަން ނުވޭތަ. ނިއުގެ ހާލަތު ދުވަހަކުވެސް ދަށްނުވާވަރަށް މިހާރު މިއޮތީ ދަށްވެފަ. މިކަމުގެ ޒިންމާ ޒިޔާދު ނަގަށްޖެހޭނެ. ޓެޑްވެސް ޓީމް ގޮވައިގެން ނޫޅެވެއްޏާ އިސްތިއުފާދީ މީހުންނާއި ޒުވާބު ނުކޮށް
މުރޭ
22 November 2018
މިހާރުން މިހާރަށް ޒިޔާދު އިސްތިއުފާ ދިނުމަށް ގޮވާލަން. މިހާރު މިދާ ރޭޓުން ދަންޏާ އަންނަ އަހަރު ނިއުއަށް ކުޅޭނެ ކުޅުންތެރިންނެއްވެސް ނުތިބޭނެ. މިއީ ހަމަ ސީދާ ޒިޔާދުގެ ފެއިލިއަރ ޕްލަސް ޓެޑުގެ ވާނުވާ ނޭގޭކަން. ދަގަނޑޭ އަދި އިމްރާނާ މެދު ހިތުހުރި ގޮތަކަށް ކަންކުރުމުގެ ހިތިކަން އަދި ފެންނާނެ